ދިއްގަރު ދާއިރާގެ މެމްބަރު ފާރިސް މައުމޫންގެ އެމްއާރުއައިއެއް ހަދަން މިއަދު ވެސް އައިޖީއެމްއެޗަށް ގެންގޮސްފި އެވެ.

ފާރިސްގެ އަތަށް އަނިޔާ ލިބިފައިވަނީ މިދިޔަ މާޗްމަހުގެ މެދުތެރޭގައި ތަހުގީގުގައި ސުވާލު ކުރުމަށް ގަދަކަމުން ގޮޅިން ނެރުމުގެ ތެރޭގައި ބިންމައްޗަށް ވެއްޓިގެން ކަމަށް އޭނާގެ އާއިލާ އާއި ވަކީލުން ކުރިން ބުނެފައި ވެއެވެ.

މިއަދު އައިޖީއެމްއެޗްއަށް ގެނެސް އެމްއާރުއައިއެއް ހެދުމަށްފަހު، ފާރިސް ވަނީ އަނބުރާ ޖަލަށް ވަނީ ގެންގޮސްފަ އެވެ.

އިއްޔެ ޓެރަރިޒަމް ދައުވާގެ ޝަރީއަތަށް ކޯޓަށް ހާޒިރުކުރުމުގެ ކުރިން ވެސް ފާރިސް އައިޖީއެމްއެޗަށް ގެންގޮސްފައި ވެއެވެ.

ސަރުކާރު ވައްޓާލަން ރައްޔިތުން މަޖިލީހުގެ މެންބަރުންނާއި ފަނޑިޔާރުންނަށް ރިޝްވަތު ދިން މައްސަލައިގައި ފާރިސް ބަންދުކޮށްފައި ވާއިރު އޭނާގެ މައްޗަށް އުފުލާފައިވާ ޓެރަރިޒަމްގެ ދައުވާގެ ޝަރީޢަތް އިއްޔެ ވަނީ ފަށާފައެވެ. އިއްޔެ އޮތީ މައްސަލައިގެ ފުރަތަމަ އަޑުއެހުމެވެ. އެހެންކަމުން ޤާނޫނީ ވަކީލަކު އައްޔަން ކުރަން އޭނާ އަށް ވަނީ ދެދުވަސް ދެއްވާފައެވެ.

ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ރިޝްވަތު ދިނުމުގެ ތުހުމަތުގައި ފާރިސް އެކި ފަހަރު މަތިން ބަންދުގައި ހުންނަވާތާ މިހާރު ވަނީ އަހަރެއް ވާން ކައިރިވެފައެވެ. އެންމެ ފަހުން ފާރިސް ހައްޔަރު ކޮށްފައި ވަނީ ކޯޓުން އޭނާ ދޫކޮށްލާފައި ވަނިކޮށް ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުންނެވެ. މިހާރު އޭނާ ބަންދުގައި ހުންނެވީ ޝަރީޢަތް ނިމެންދެން ބަންދުގައި ބަހައްޓަން ކްރިމިނަލް ކޯޓުން ކުރައްވާފައިވާ އަމުރެއްގެ ދަށުންނެވެ.