އއ. ހިމަންދޫ އާއި ގއ. ކަނޑުހުޅުދޫގެ ބަނދަރު ހަދައި ނިންމާފައިވާ ކަމަށް އެމްޓީސީސީން ބުނެފިއެވެ.

ހިމަންދޫގެ ބަނދަރު ހެދުމުގެ މަސައްކަތް ސަރުކާރުން އެމްޓީސީސީއާ ހަވާލު ކުރީ މިދިޔަ އަހަރުގެ މާޗު މަހުގެ ތެރޭގައެވެ. އެމްޓީސީސީން ބުނި ގޮތުގައި އެ މަސައްކަތުގެ އަމަލީ މަސައްކަތް ފެށީ މިދިޔަ އަހަރުގެ އޭޕްރީލް މަހުގެ ތެރޭގައެވެ. އަދި މިދިޔަ މަހުގެ 20 ވަނަ ދުވަހު އެ މަސައްކަތް އެއްކޮށް ނިންމާލާފައިވާ ކަމަށް އެ ކުންފުނިން ބުންޏެވެ.

އެ މަސައްކަތުގެ ތެރެއިން 732 މީޓަރުގެ ތޮށިގަނޑެއްލި އިރު، 405 މީޓަރުގެ އެއްގަމު ތޮއްޓެއްލިއެވެ. އަދި ބްރިޖް ރޭމްޕަކާއި ތިން މީޓަރު ފުޅާ މިނުގެ ޖެޓީއެއް ހެދި ކަމަށް އެމްޓީސީސީން ބުންޏެވެ. ހިމަންދޫ ބަނދަރުގެ 141 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމަންޓް ޖަހާފައި ވާނެ ކަމަށް ވެސް އެމްޓީސީސީން މިއަދު ކުރި ޓުވީޓުގައި ބުނެފައިވެއެވެ.

ޕްލޭނިން މިނިސްޓްރީން ކުރިން ބުނި ގޮތުގައި އެ މަޝްރޫއަށް 47 މިލިއަނަށް ވުރެ ގިނަ ރުފިޔާ ހަރަދުވާނެއެވެ.

މީގެއިތުރުން އެމްޓީސީސީން ވަނީ ކަނޑުހުޅުދޫ ބަނދަރުގައި 414 މީޓަރުގެ ބޭރު ތޮށިގަނޑާއި 2300 ސްކޮއާ މީޓަރުގެ ވާޓަރެއް ހަދައިފައެެވެ.

ކަނޑުހުޅުދޫ ބަނދަރުގެ ބޭރު ތޮށި ލުމުގެ މަސައްކަތަކީ އޯޕެކް ފަންޑް ފޯ އިންޓަނޭޝަނަލް ޑިވެޕޮލްމެންޓް (އޮފިޑް) އިން ރާއްޖެއަށް ދިން 50 މިލިއަން ޑޮލަރުގެ ލޯނު އެހީގެ ދަށުން ހިންގި މަޝްރޫއެކެވެ.