މިހާރު މަޖިލީހަށް ހުށަހެޅި މަޖިލީހުން ބަލައިގެންފައިވާ ދިވެހިރާއްޖެގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލް ހިންގުން ކަށަވަރުކުރުމުގެ ޚާއްޞަ ބިލް 2020 އަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީ އާއި ޚިލާފު ބިލެއް ކަމުގައި ކަނޑައެޅުމަށް އެމައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅުމުގެ މަސައްކަތް ކުރަމުން ގެންދާ ކަމަށް ޕީޕީއެމް އާއި ޕީއެންސީ ގުޅިގެން އުފައްދާފައި އޮންނަ ޕްރޮގްރެސިވް ކޯލިޝަނުން ބުނެފިއެވެ.

ޕްރޮގްރެސިވް ކޯލިޝަނުން މިރޭ ނެރެފައިވާ ބަޔާނެއްގައި ބުނެފައި ވަނީ ލިބިފައިވާ މެޖޯރިޓީގެ ބޭނުން ހިފައިގެން ޤާނޫނުއަސާސީ ގައި ބަޔާންކޮށްފައިވާ ގޮތާއި ޚިލާފަށް ޤާނޫނުއަސާސީ ބަދަލުކޮށް ޤާނޫނުއަސާސީއަށް ގޮންޖައްސަވަން މަޖިލީހުގެ ރައިސް އިސްވެ ހުންނަވައިގެން ކުރައްވަމުން ގެންދަވާ މަސައްކަތްތައް މިހާރުން މިހާރަށް ހުއްޓާލުމަށް ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ފަރާތުން ގޮވާލަމެވެ.

ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ "ދިވެހިރާއްޖެގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލް ހިންގުން ކަށަވަރުކުރުމުގެ ޚާއްޞަ ބިލް 2020" އަކީ ޤާނޫނުއަސާސީ އާއި ކަނޑައެޅިގެން ޚިލާފަށް މަޖިލީހުން ފާސްކުރުމަށް ހުށަހަޅާފައިވާ ބިލެއް ކަމަށް އެކޯލިޝަނުން ބުނެއެވެ.

"ޤާނޫނުއަސާސީގައި ލޯކަލް ކައުންސިލްތަކުގެ ދައުރު ކަނޑައެޅި ބަޔާންވެފައިވަނިކޮށް މަޖިލީހުން ފާސް ކުރާ އެހެން ޤާނޫނަކުން ޤަނޫނުއަސާސީގެ މާއްދާއެއް ބާޠިލެއް ނުކުރެވޭނެއެވެ. އަދި ޤާނޫނުއަސާސީ އާއި ޚިލާފަށް ފާސްކުރާ ކޮންމެ ޤާނުނަކީ ބާޠިލު ޤާނޫނެއް ކަމަށް ޤާނޫނުއަސާސީގައި ވަނީ ކަނޑައެޅި ބަޔާންކުރެވިފައެވެ. ހަމައެފަދައިން ޤާނޫނުއަސާސީގައި ބަޔާންވެފައިވާ ކަމެއް ކުރުމަށް ހުރަސްއެޅޭ ފަދަ ކަމެއް ދިމާވެ، އެކަމުގެ ހައްލު ޤާނޫނުއަސާސީން ނުލިބޭނަމަ އެކަމުގެ ފަރުވާ ހޯދަން ޖެހޭ ތަނަކީ ސުޕްރީމް ކޯޓުކަމަށްވެސް ޤާނޫނުއަސާސީގައި ވަނީ ބަޔާންކޮށްފައެވެ. ނުވަތަ ޤާނޫނުއަސާސީގައި ބުނެފައިވާ އުސޫލުތަކާއި އެއްގޮތަށް ޤާނޫނުއަސާސީ އިސްލާހު ކުރުމެވެ." ޕްރޮގްރެސިވް ކޯލިޝަންގެ ބަޔާނުގައި ވެއެވެ.

މަޖިލީހަށް މިއަދު ހުށަހެޅި މަޖިލީހަށް ބަލައިގެންފައިވާ ދިވެހިރާއްޖެގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލް ހިންގުން ކަށަވަރުކުރުމުގެ ޚާއްޞަ ބިލް 2020 އަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ދުސްތޫރީ ނިޒާމްގައި ހަމަޖެހިފައި ހުރި އުސޫލުތަކާއި އަސާސްތައް ގަޑުބަޑުކުރުމަށް ހުށަހަޅާފައިވާ ބިލެއް ކަމަށް ވެސް އިދިކޮޅުގެ ބަޔާނުގައި ބުނެފައި ވެއެވެ.

"އަދި އެބިލަކީ ޤާނޫނުއަސާސީއަށް ގޮންޖަހާ މަޖިލީހުގައި އެމްޑީޕީއަށް އޮތް މެޖޯރިޓީގެ ނާޖާއިޒް ފައިދާ ނަގައި، ތިމާމެން ބޭނުންވާ ގޮތަކަށް އިންތިޚާބުތަކާއި ކުޅުމުގެ ދޮރު ހުޅުވުމުގެ ފުރުޞަތު ހޯދުމަށް އެމްޑީޕީން ކުރަމުން ގެންދާ މަސައްކަތެއްކަމުގައި މިކޯލިޝަން ޤަބޫލު ކުރަމެވެ. ޤާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ރާއްޖޭގެ އިންތިޚާބުތަކުގެ އުސޫލުތަކާއި ތާޢާރުޒުވާ ފަދަ ޤާނޫނުތައް މަޖިލީހުން ފާސްކޮށް އިންތިޚާބުތަކުގެ ދައުރަށް ބަދަލު ގެނައުމަކީ ބަލައިގަންނާނެ ކަމެއް ނޫނެވެ." ބަޔާނުގައި ވެއެވެ.

ކައުންސިލްތަކުގެ ދައުރު ދިގުކުރަން ހުށަހެޅި ބިލް ޤާނޫނު އަސާސީ އާއި ހިލާފު ކަމަށް އެމްޑީޕީ އަށް ނިސްބަތްވާ ރައްޔިތުން މަޖިލީހުގެ ބައެއް މެންބަރުން ވެސް ވަނީ ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. Juhaa

    ތިޔައީ ބޭކާރު ކަމެއް.

    4
    1
  2. ނެތޭ ގައުމެއް

    ސުޕްރިމް ކޯޓަކީ ނަޝީދު އަތްތެރޭގައި އޮތް ކުޅޭކުޅޭ ބުދެއް ފަދަ އެއްޗެއް. މިހާރު މިގައުމު މިއޮތީ އިންޑިއާގެ ދަށަށް ގޮސްފަ، މާބޮޑު މިނިވަންކަމެއް ނެތް. މިދަނޑިވަޅުގައި ގަވަރުނަރެއް ރާއްޖެއަށް ކަނޑައެޅުމަކީ އެކަށީގެންވާ ކަމެއް.

    • ދަންޑެހެލު

      ކޮންމެވެސް މީހަކު މިހާރުވެސް ތިކަމަށް އަތުކުރި އޮޅާލައިގެން އެބަހުރި.
      އަވަށްޓެރި ގައުމަކުން އެމަގާމަށް އޭނައަށް އޯޑަރު ނައިސްގެން.