ކ. ތުލުސްދޫން އިތުރު މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެ އެވެ.

މިއާއެކު އެރަށުން ކޮވިޑް-19 އަށް ފައްސިވީ މީހުންގެ އަދަދު މިހާރު ވަނީ ހަތަރަކަށް އަރާފައެވެ. މިއަދު އެރަށުން ފައްސިވެފައި ވަނީ ބިދޭސީއެކެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި މިއަދު ތުލުސްދޫ އިން މި ބައްޔަށް ފައްސިވެފައި ވަނީ، އިއްޔެ އެރަށުން ސުންކު (ސާމްޕަލް) ނެގި ދެމީހުންގެ ތެރެއިން އެކެކެވެ. ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން މިހާރު ވަނީ އޭނާއަށް އެކަން އަންގާފައެވެ.

މީގެ ކުރިން ވެސް ތުލުސްދޫ އިން ކޮވިޑް-19 އަށް ފައްސިވީ ބިދޭސީންނެވެ.

ތުލުސްދޫން އެންމެ ފުރަތަމަ ކޮވިޑް-19 ގެ ވޭދަނަ (ކޭސް) އެއް ރިޕޯޓްކޮށްފައި ވަނީ މިދިޔަ އޭޕްރިލް މަހުގެ 24 ވަނަ ދުވަހުއެވެ. އެރަށުން އެދުވަހު އެކަނިވެސް މި ބައްޔަށް ދެމީހަކު ފައްސިވެފައި ވެއެވެ. އެކަމާއި ގުޅިގެން ގިނަ ބައެއްގެ ސުންކު ނަގައި ޓެސްޓު ކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

އެޗްޕީއޭ އިން ނެރެފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، މިހާތަނަށް ރާއްޖެއިން ޖުމްލަ 551 މީހަކަށް ކޮވިޑް-19 ޖެހިފައި ވެއެވެ. އޭގެތެރޭގައި ހިމެނެނީ 191 ދިވެއްސަކާއި 360 ބިދޭސީންނެވެ.

މިހާތަނަށް ރާއްޖެއިން ކޮވިޑް-19 ގެ އެންމެ ގިނަ ވޭދަނަ ފެންމަތިވެފައި ވަނީ މާލެއިންނެވެ. މާލެ އާއި ތުލުސްދޫގެ އިތުރުން، ށ. ނަރުދޫ އާއި އެ އަތޮޅު މިލަންދޫ އާއި ހއ. އުލިގަމާއި އެ އަތޮޅު ތަކަންދޫ އިންވެސް ކޮވިޑް-19 ގެ ވޭދަނަ ފެންމަތިވެފައި ވެއެވެ.

މިހާތަނަށް ރާއްޖޭގައި މި ބައްޔަށް ފަރުވާކުރި މީހުންގެ ތެރެއިން 18 މީހަކު ރަނގަޅުވެފައި ވެއެވެ. އަދި އެކަކު މި ބަލީގައި ނިޔާވެފައި ވެއެވެ. ރާއްޖޭގައި ކޮވިޑް-19 ޖެހިގެން ނިޔާވެފައި ވަނީ އުމުރުން 83 އަހަރުގެ އަންހެނެކެވެ.

ރާއްޖެއިން އެންމެ ފުރަތަމަ މީހަކު ކޮވިޑް-19 އަށް ފައްސިވެފައި ވަނީ މާރިޗް މަހުގެ ކުރީކޮޅުއެވެ. އޭގެ ފަހުން މަދު މަދުން ވޭދަނަތައް (ކޭސްތައް) ފެންނަމުން އައިސް އޭޕްރިލް 15 ވަނަ ދުވަހު މާލެ އިން ކޮވިޑް-19 އަށް މީހަކު ފައްސިވި ފަހުން ބަލި ފެތުރޭ މިންވަރު ވަނީ ވަރަށް ބޮޑަށް އިތުރުވެގެން ގޮސްފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ބަންގި މަންޖެ

    މައުލޫމާތު ލިބޭ ގޮތުގައި މިރޭ ތުލުސްދޫއިން ފައްސިވި މީހާ ބަލާ އެބަ އާދޭ މިރޭ. އެލޯންޗްއިން އެތާ ބާކީ ތިބި 11 މީިހުންވެސް ފޮނުވާލަންވީ ކަރަންޓީނަށް. ގައިމު ސަރުކާރަށް ހަރަދުވެސް ކުޑަވާނެ ދޯ ފަހަރަކު މީހަކު ބަލާ ލޯންޗު ފޮނުވުމަށްވުރެ. އެއްތަނެއްގައި އުޅޭ 15 މީހުން އެއީ.

    10