ރާއްޖެއިން ކޮވިޑް-19 ފެނިފައިވާއިރު އާއްމުންގެ ވިޔަފާރިތަކާއި މާލީ ހާލަތު ގޯސްވެފައި ވާތީ އެކަންކަން ހައްލު ކުރުމުގެ ގޮތުން ސަރުކާރުން ފަށާފައިވާ ޕްރޮގްރާމުތަކާއި އަދި ތައާރަފު ކުރާ މާލީ އެކިއެކި ޕެކޭޖުތަކާއި ގުޅިގެން މަޖިލީހުން ފާސްކުރި ރިޕޯޓުތަކުގައި ރައްޔިތުން މަޖިލީހުގެ މެންބަރުންގެ ހިޔާލުތަކާއި އިރުޝާދުތައް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހަށް ފޮނުވުމަށް މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ނިންމަވައިފިއެވެ.

ރައްޔިތުން މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަދައްކަވަމުން ނަޝީދު ވިދާޅުވީ އެ ހުށަހެޅުންތައް ހުށަހެޅުމަށް ކޮމެޓީތަކުން ދައުލަތުގެ ހުރިހާ މުއައްސަސާއެއް އަދި އިދާރާތަކާއި އެކު މަޝްވަރާ ކޮށްފައިވާ ކަމަށެވެ. ބައެއް ކޮމެޓީތަކުގައި 1500 ސޮފްހާގެ ރިޕޯޓުތައް ހުރިކަން ވެސް ނަޝީދު ވަނީ ފާހަގަކުރައްވާފައެވެ.

ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ސަބަބުން އެތައް ރައްޔިތުންތަކެއް ހާލުގައި ޖެހިފައިވާ ކަމަށާއި އެ ފަދަ ހުރިހާ އެންމެންނަށް ވެސް އެހީވެވޭނެ ގޮތްތަކާ މެދު މަޖިލީހުގެ ކޮމިޓީޓަކުން ވިސްނާފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ކޮމިޓީތަކުން ދިރާސާކޮށް ތަޅުމަށް ފޮނުވާފައިވާ ރިޕޯޓުތައް މަޖިލީހުގެ ތަޅުމުން ފާސްވުމާއެކު ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް އެ ރިޕޯޓުތައް ދެއްވާނެ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައްޔިތުން މަޖިލީހުގެ މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް މަޖިލީހަށް ހުށަހެޅުއްވި އެ މައްސަލަ މަޖިލީހުގެ 11 ކޮމެޓީއަކުން ދިރާސާކޮށް ކޮމެޓީ ރިޕޯޓުތައް ތަޅުމަށް ފޮނުވުމަށް ވަނީ ނިންމާފައެވެ. އޭގެތެރެއިން ހަތަރު ކޮމެޓީއެއްގެ ރިޕޯޓު ވަނީ މަޖިލީހުން ފާސްކޮށްފައެވެ.

އެ ރިޕޯޓުތަކުގައި ރާއްޖެއަށް ދިމާވެފައިވާ މާލީ އިގްތިސޯދީ އަދި އިޖުތިމާއީ ގޮތުން ކުރިމަތިވެފައިވާ ދަތިތައް ވަރަށް ތަފްސީލުކޮށް ބަޔާންކޮށްފައިވާނެ ކަމަށް މަޖިލީހުގެ އިދާރާއިން މައުލޫމާތުދެއެވެ. އެކަންކަމާއި ގުޅޭ ގޮތުން ދައުލަތުގެ ކަމާބެހޭ ހުރިހާ އިދާރާތަކުން މައުލޫމާތު ސާފުކޮށް ދައުލަތުގެ އާމްދަނީ ހުރި މިންވަރާއި ދައުލަތުގެ އާމްދަނީ އަށް އަންނާނެ ބަދަލާއި ދައުލަތުގެ އާމްދަނީ އަށް ވެގެން ދާނެ ކަމަށް އަންދާޒާ ކުރެވޭ ގޮތްތައް ހިމަނާފައިވެއެވެ.

އެ ރިޕޯޓުތަކުގައި ވަޒީފާ އަދާ ކުރާ ފަރާތްތަކުގެ ތެރެއިން ވަޒީފާ ގެއްލޭނެ ކަމަށް ލަފާ ކޮށްފައިވާ މިންވަރާއި އެކަމުގެ ސަބަބުން ކުރިމަތިވާނެ އިޖުތިމާއީ މައްސަލަތަކާއި ބޯހިޔާވަހިކަން ގެއްލޭނެ މިންވަރާއި އެކަންކަން ގޮސްދާނެ މިސްރާބަކާއި ގުޅޭ ދިރާސާތައް ވެސް ހަދާފައިވާ ކަމަށް މަޖިލީހުގެ އިދާރާއިން ބުނެއެވެ. އަދި މާލެއާ އެހެން ރަށްރަށުގައި ބަންދުވެފައި ތިބި މީހުންނާއި ވަޒީފާ ގެއްލޭ ފަރާތްތަކާއި ބޯހިޔާވަހިކަން ގެއްލޭ ފަރާތްތަކަށް އެހީވާނެ ގޮތްތައް ވެސް އެ ރިޕޯޓުތަކުގައި ބަޔާންކޮށްފައިވާނެ ކަމަށް މަޖިލިސް އިދާރާއިން ބުނެފައިވެއެވެ.

މި ރިޕޯޓުތައް އެކުލަވާލުމުގައި ދައުލަތުގެ މުއައްސަސާތަކާއި ވަކިވަކި ފަރުދުންގެ ތަފާތު ވަސީލަތްތައް މެދުވެރިކޮ ހޯދާފައިވާ ކަމަށާއި އަދި ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމާއަތްތަކާއި، އަމިއްލި ވިޔަފާރިތަކާއި އަދި ވަކިވަކި ފަރުދުންގެ ފަރާތުން މައުލޫމާތު ހޯދާފައިވާ ކަމަށް މަޖިލިސް އިދާރާއިން ބުނެއެވެ.

އެ ރިޕޯޓުތަކުގައި ހިމެނޭ ކޮމިޓީތަކުގެ ހުށަހެޅުންތަކާއި، އެ ހުށަހެޅުންތަކުގެ އަމާޒަށް ބަލާއިރު، އެ ރިޕޯޓުތައް ސިފަކޮށް ދެނީ ދިވެހިރާއްޖެއަށް ދިމާވެފައިވާ ބޮޑު މުސީބާތުން އަރައިގަތުމަށްޓަކައި، ރައްޔިތުންގެ ވަކީލުންގެ ލަފައާއި އިރުޝާދުތައް ކަމަށް މަޖިލީހުން ބުނެއެވެ. އަދި، އެ ރިޕޯޓުތަކުން ދައްކުވައި ދެނީ، ސަރުކާރުން އަމަލުކުރަންވީ ގޮތުގެ ތަސައްވަރެއް ކަމަށާއި އެ ރިޕޯޓުތަކުގެ ބޭނުމަކީ، އަދި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ވިސްނުންފުޅަކީ، ކޮވިޑް19 އާ ގުޅިގެން ދިވެހިރާއްޖޭގައި މިހާރު އޮތް ހާލަތާ ގުޅޭގޮތުން ސަރުކާރަށް ލަފައެއް އެރުވުން ކަމަށް މަޖިލިސް އިދާރާއިން ބުނެއެވެ. އަދި މި ބަލިމަޑުކަމުން އަރައިގަތުމަށްޓަކައި ސަރުކާރުން ކުރަން ގަސްދުކުރާ މަސައްކަތްތަކާ ގުޅޭގޮތުން މަޖިލީހަށް ފެންނަ ގޮތެއް ސަރުކާރުގައި ދެންނެވުން ކަމަށެވެ.

އެގޮތުން އެ ރިޕޯޓުތަކާއި މެދު ރައްޔިތުންގެ މަޖިލީހުން ގޮތެއް ނިންމެވުމުން، އެ ރިޕޯޓުތަކުގައި ހިމެނޭ ކޮމިޓީތަކުގެ ހޯދުންތަކާއި، ހުށަހެޅުންތަކާއި، އެ ހުށަހެޅުންތަކުގެ އަމާޒު ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިއަށް ފޮނުއްވާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. އާދަމުގެދަރި

    އަޖާއިބު ހައިރާންވެއްޖެ. މެންބަރުންނަކީ ރައީސުލްޖުމްހޫރިއްޔާއަށް ލަފާދޭން ތިބި ބައެއް ނޫން. ގާނޫނީ ލަފާ ދޭން އެޓަރނީޖެނެރަލަކު ހުންނާނެ. ގައުމުގެ ހިންގާނެ ގޮތުގެ ސިޔާސަތު ކަނޑައަޅަން ގާނޫނުއަސާސީ މަތިކޮށްފައި އޮތީ ރައީސުލްޖުމްހޫރިއްޔާއަށް. އެއީ ރައްޔިތުންގެ މަޖިލީހާ މަތިކޮށްފައި އޮތް ޒިންމާއެއް ނޫން. ޤައުމީ މައްސަލައެއްގައި ރައްޔިތުންގެ މަޖިލީހުގެ ލަފަޔަކަށް ރައީސުލްޖުމްހޫރިއްޔާ ނޭދޭއިރު މިއޮތީ ލަފަޔޭ މިއޮތީ އަހަރެމެންގެ ޚިޔާލޭ މިއޮތީ އަހަރެމެންނަށް ފެންނަގޮތޭ ބުނެ ފާޑުފާޑުގެ ލިޔުންތައް ހަދައިގެން ފޮނުވިޔަސް ތިއިން އެއްވެސް އެއްޗަކަށް އަމަލުކުރުމަކަށް ރައީސުލްޖުމްހޫރިއްޔާއަކަށް ލާޒިމެއް ނުވާނެ. ތިއަށްވުރެ މިދަނޑިވަޅުގައި މަޖިލީހުގެ މެންބަރުންގެ މުސާރައާއި އިނާޔަތް ކުޑަކޮށްފައި ދައުލަތުގެ ބަޖެޓަށް ލުއިކުރުމަށް ތިޔަ ބޭކާރު އަނގަތައް ތަޅަން ހިނގާ ޚަރަދު ކުރުން ހުއްޓާލުން މާ އައުލާކަން ބޮޑު. މިވާހަކަ ރައްޔިތުން ދައްކާނެތީ ގަންނަހައި ސަކަރާތް. މާ މަސައްކަތްކުރާ މާހެޔޮ އެދޭ ބަޔެއްކަމަށް ރައްޔިތުންނަށް ދައްކަންވެގެން ކުރާ ކަމެއް. މީ ބަރުލަމާނީ ނިޒާމެއް ނޫން. މީ ރިޔާސީ ނިޒާމެއް.

  2. މުސާރަފުޅު

    ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ބޮޑު މުސާރަފުޅުގެ ވާހަކަ ރައްޔިތުން ދައްކާނެތީ ޖަހާހައި އުކުޅުދޯ. ބަލަ ތިޔައީ ކަލޭމެންނާ ބެހޭ ކަމެއް ނޫން. ދައުލަތުގެ ސިޔާސަތު ކަނޑައަޅައި އަންގަންޖެހޭ ފަރާތްތަކަށް އެންގުމަކީ ގާނޫނުއަސާސީގެ 115 ވަނަ މާއްދާގެ ބ.އިން ރައީސުލްޖުމްހޫރިއްޔާއާ މަތިކޮށްފައި އޮތް ޒިންމާއެއް. އެއީ މަޖިލީހުގެ މެންބަރުންނާ މަތިކޮށްފައި އޮތް ޒިންމާއެއް ނޫން. ތި މަޖިލީހަށްވެސް ދައުލަތު ސިޔާސަތު ކަނޑައަޅައި އަންގަންޖެހޭނީ ރައީސުލްޖުމްހޫރިއްޔާއަށް. ތިތިބީ ސައިޒު އޮޅިފައި.

  3. Anonymous

    މެމްބަރުންނެއް ނޫން.. މެމްބަ.... އަމިއްލައަށް ކޮމްޕްލީޓުކޮށްލާ

    2
    1
  4. ދަބަރޭ

    މިކަލޭގެ އާއި ހެދި މިގައު އަރާނުގަނެވޭނެ ފަދަ ވަޅުގަޑަކަށް ވެއްޓޭމެ

    • Anonymous

      ތެދެއް. އޭނާގެ ތާއީދާއެކު މަޖްލިހަށްވަތް މޑޕ ގެ އެއްވެސް މީހަކީ ޕްރޮޑަކްޓިވް ހިތާލެއްދެވޭވަރަށްވުރެ އިލްމީ ގޮތުންނާއި ތަޖުރިބާގެ ގޮތުން ދަށް މީހުން. އަނެއްހެން ބުނަންޏާ އެބޯޅޭ މިބޯޅޭ ވަކަރުގޭކުދިން.

  5. ާރަސީދު

    ބުއްޅަބޭ މަޖިލިސް ތެރޭގަ ހުރެގެން ހޭބަލިވަނީތަ، މަޖިލިސް ކުރާގެއަކީ ރައީސަށް ލަފާދޭ ތަނެއްނޫން ކަން ހަމަ ނޭގެނީތަ؟ ރައީސާއި އެކު އޮވޭ ލަފާދޭ ވަޒީރުންގެ ވަގު ގުރޫޕެއް، ކޮބާ އެމީހުންގެ ދައުރަކީ؟

  6. މީޒްލީ

    ރައްޔަތުންގެ މަޖިލީހޭ ކިޔާފަ ބޭކާރު ތަނެތް، ބޮޑު މުސާރަ ނަގައިގެން ކުރާއެއްވެސް އެކަށޭނެ، ރައްޔަތަކަށް ފައިދާ ހުރި މަސައްކަތެއް ކުރާބައެއް ނޫން، ރައީސާއި ސަރުކާރަށާއި މިނިސްޓަރުންނާއި އަދި މުއައްސަސާތަކަށް ދުއްޕާން ކުރުން ކަމަކީ! ކެރެންޏާ ތިޔަބުނާ މަޖިލީހުގެ މެންބަރުންގެ މުސާރަ 15000 ރުފިޔާއަށް ކުޑަކޮއްފަ އެލަވަންސްތަށް ކަޑާފަ ރައީސަށާއި ފިނޭންސް މިނިސްޓްރީއަށް ފޮނުވަބަލަ، ރައްޔަތުން އަތްޖަހާނެ އުފަހުން! ގާއި ތިޔަބޮޑުވަޒީރާއި އޭނާގެ ކުދިންކޮޅު މިޤައުމަށް ކަމެއް ކޮށްދިން ކަމުގައިވާނެ، މިދަތި ދުވަސްވަރުގައި!

  7. ައަލި

    އޯއި ޤަމުގެ ރައިސަކީ ކާކުތަ މަޖިލީހުގެ ރައިސަކީ ކާކުތަ ޖުޑި ޝަރީގެ ވެރިޔަކީކާކުތަ އޯއި އެއީ ބުއްޅަބޭ

  8. ޢަބްދުލްޤާދިރު މުބާރިކް ޖީލާނީ

    ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގައި އޮތް އެއްޗެއް މަޖިލީސް ރައީސް ހިނދުކޮޅު އައިސްފައި އިންނެވީމާ ނުބައްލަވަނީތާއެވެ. ދިވެހިރާއްޖޭގައި އޮތީ ރިޔާސީ ނިޒާމެކެވެ. ރައީސުލްޖުމްހޫރިއްޔާއަށް ހުންނަވާ ބޭފުޅަކަށް ޤާނޫނީ ލަފާދެއްވަން ބަންޑާރަ ނައިބަކު ހުންނަވާނެއެވެ. ރައްޔިތުންގެ މަޖިލީހުގެ ލަފާފުޅު ބޭނުންފުޅު ކުރައްވާލެއް ގިނަކަމުން ދައުލަތް މިޙާލަތަށް ވެއްޓުނުކަމީ އެންމެންވެސް ދަންނަ ބޮޑު ޙަޤީޤަތެކެވެ.

    - ދައުލަތް ލޫޓްވާ ނިމިއްޖެއެވެ. ރިޒާވް ކައި ހުސްވެއްޖެއެވެ. ރައްޔިތުން މިތިބީ ބަނޑަށްޖެހި ހައިހޫނު ކަންމަތީގައެވެ.
    - އެންމެ ނުރައްކާތެރި ޙާލަތަށްވެސް ތައްޔާރޭ ލާދީނީ ސަރުކާރުން ބުނަމުން ގެންދިޔައީމުއެވެ. 625 މީހުންނަށް ކޮރޯނާ ވައިރަސް މިރާއްޖެއިން އަދި ނުޖެހޭއިރު 625 މިލިޔަން ރުފިޔާ ދައުލަތުގެ މާލިއްޔާއިން ކޮރޯނާ ވައިރަސް ނިވާފަތްގަނޑަކަށް ހަދައިގެން އިސްރާފުކުރީ ކާކަށް އޮޅުވާލަންތޯއެވެ؟
    - ބަލަގަ! މީ ޤަމާރުންނެއް ވެސް ނޫނެވެ. ދިވެހިން ގުނބޯ ނުހެއްދޭނެކަމާއި އެވޭލާ ޒަމާން މިހާރު ތަހުޛީބުވެއްޖެކަން ލުޓޭރޭ ސަރުކާރަށް ހަމަ ނޭގެނީ ދެއްތޯއެވެ؟ ހަމަ ހިނިއަންނަނީއެވެ. ބަރަވެލި ދުވެލީގެ ލާދީނީ ސަރުކާރު އަވަހަށް އިސްތިއުފާދެއްވާށެވެ! މިއީ ދިވެހިރައްޔިތުންގެ އަޑެވެ. ﷲ ގެ ރަޙްމަތްފުޅާއި މިންވަރުފުޅާއެކު މިއަޑުދެން ކަނޑުވައި ނުލެވޭނެއެވެ!