ހުޅުމާލޭގައި ހިންގާ ކުޑަކުދިންގެ މަރުކަޒުކަމުގައިވާ ފިޔަވަތީގެ މުވައްޒަފުންނަށް އަމާޒުކޮށްގެން، އޯޓިޒަމް ހުންނަ ކުދިން ބެލެހެއްޓުމުގައި ގެންގުޅެންޖެހޭ އިންޓަރނޭޝަނަލް ބެސްޓް ޕްރެކްޓިސްތަކާ ގުޅޭ ޚާއްޞަ ޓްރޭނިންގ ޕްރޮގްރާމެއް ހިންގައިފިއެވެ.
މި ޕްރޮގްރާމްގައި، އޯޓިޒަމް ހުންނަ ކުދިންގެ ހެދިބޮޑުވުމާއި ޞިއްޙަތާ ގުޅުންހުރި މަޢުލޫމާތާއި، ޚާއްޞަ ސަމާލުކަމާއި ރައްކައުތެރިކަން ދިނުމާގުޅޭ ބައިތަކާއި، ކުދިންގެ އަޚުލާޤު ބައްޓަން ކުރެވިދާނެ ގޮތްތަކުގެ އިތުރުން ޢަމަލީ ތަޖުރިބާގެ އަލީގައި ހުނަރު ތަރައްޤީކުރުން ފަދަ މުހިންމު ދާއިރާތައް ހިމެނޭގޮތަށް ސެޝަންތައް ނަގާދީފައިވެއެވެ.
މި ޕްރޮގްރާމްގެ ބައިވެރިންނަށް ސެޓުފިކެޓު ހަވާލުކޮށްދެއްވާފައިވަނީ، ޕްރޮގްރާމް ނިންމުމުގެ ގޮތުން އޯޓިޒަމް ސެންޓަރުގައި މިއަދު ބޭއްވި ޚާއްސަ ޙަފުލާއެއްގައެވެ.
މި ޙަފުލާގައި ބައިވެރިންނާ މުޚާތިބުކުރައްވައި ވާހަކަފުޅު ދައްކަވަމުން، މޯލްޑިވްސް އޯޓިޒަމް އެސޯސިއޭޝަނުން ފަރުމާކޮށްފައިވާ މި ޕްރޮގްރާމަކީ ފިޔަވަތީގައި ދިރިއުޅޭ އޯޓިޒަމް ހުންނަ ކުދިންނަށް ހެޔޮ ބަދަލުތަކެއް ގެނެސްދޭނޭ ކަމެއްކަމުގައި ދެކިވަޑައިގަންނަވާކަމުގައި މިނިސްޓްރީގެ ޕްރޮގްރާމް މެނޭޖަރ ޖަލާ ޒުޙުރީ ވިދާޅުވިއެވެ. އަދި ކުރިމަގުގައި މަދަނީ ޖަމުޢިއްޔާ ޖަމާޢަތްތަކާ ގުޅިގެން މި ފަދަ އިތުރު ޕްރޮގްރާމްތަކެއް އިންތިޒާމުކުރެވިގެން ދާނެކަމަށް އުންމީދުކުރައްވާކަމަށް ވެސް ވިދާޅުވިއެވެ.
ޕާރޓްނަރޝިޕް އުސޫލުން ތަފާތު ހަރަކާތްތައް ހިންގުމަށްޓަކައި ކުރުނބާ މޯލްޑިވްސްއާއި އެޑްވޮކޭޓިންގ ރައިޓްސް އޮފް ޗިލްޑްރަން (އާރކް)އާއި މޯލްޑިވްސް އޯޓިޒަމް އެސޯސިއޭޝަނާއެކު މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީން ސޮއިކޮށްފައިވާ މެމޮރެންޑަމް އޮފް އަންޑަސްޓޭންޑިންގެ ދަށުން، މި ފަރާތްތަކުގެ އެހީތެރިކަމާއެކު، އޯޓިޒަމް ސެންޓަރުގައި މި މަހުގެ 17އިން 30އަށް ކުރިއަށް ގެންދެވުނު މި ޕްރޮގްރާމްގައި ފިޔަވަތީގެ އިސް ވެރިންނާއި ސުޕަވައިޒަރުންނާއި ޓީޗަރުން އަދި ކެއަރ ވަރކަރުން ހިމެނޭގޮތަށް ޖުމުލަ 16 މުވައްޒަފުން ބައިވެރިވެފައިވެއެވެ.