ކުރީގެ ޕޮލިސް ކޮމިޝަނަރު އަހުމަދު އަރީފާއި ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒާއި ޔުމްނާ މައުމޫންގެ ފިރިކަލުން މުހައްމަދު ނަދީމްގެ މައްޗަށް ކުރާ ނިރުބަވެރި (ޓެރަރިޒަމް) ގެ ދައުވާގެ އަޑުއެހުންތައް މާދަމާ ފަށަން ކްރިމިނަލް ކޯޓުން ނިންމައިފިއެވެ.

ރިޔާޒާއި އަރީފާއި ނަދީމްގެ މައްޗަށް ނިރުބަވެރިކަމުގެ ދައުވާކުރަނީ މިދިޔަ ފެބްރުއަރީ މަހުގެ ފުރަތަމަ ދުވަހު ސުޕްރީމް ކޯޓުން ނެރުނު އަމުރާ ގުޅިގެން ގާނޫނާ ޚިލާފަށް ސަރުކާރު ބަދަލުކުރަން އުޅުނު ކަމުގެ ތުހުމަތުގަ އެވެ.

މި ދައުވާގެ ޝަރީއަތް މާދަމާ ފަށާއިރު ރިޔާޒު ހަތަރު މަހާއި 24 ދުވަހަށް ޖަލަށްލާން ހައިކޯޓުން ދާދިފަހުން ވަނީ ހުކުމްކޮށްފައެވެ.

ހައިކޯޓުން މި ހުކުމް ރިޔާޒުގެ މައްޗަށް އިއްވާފައިވަނީ ފުލުހުންގެ ތަޙްޤީޤަކަށް ފޯނު ހުޅުވައި ނުދިން މައްސަލައިގައި އޭނާގެ މައްޗަށް ކުރި ދައުވާ ސާބިތުވުމާ ގުޅިގެންނެވެ.

އެ މައްސަލައިގައި ރިޔާޒުގެ މައްޗަށް ކޮށްފައިވަނީ ގާނޫނު ތަންފީޒު ކުރާ މުވައްޒަފަކަށް ގަސްދުގައި ހުރަސް އެޅުމުގެ ދައުވާއެވެ.

ނިރުބަވެރި ކަމުގެ އެ ދައުވާ ސާބިތުވެއްޖެ ނަމަ 17 އަހަރާ 20 އަހަރާ ދެމެދުގެ ޖަލު ހުކުމެއް އަންނާނެ އެވެ. އެ މައްސަލަތަކުގެ ޝަރީއަތް ނިމެންދެން އެ ބޭފުޅުން ބަންދުގައި ބައިތިއްބަން ކޯޓުން ވަނީ އަމުރު ކޮށްފަ އެވެ.

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދާއި ދިއްގަރު ދާއިރާގެ މެމްބަރު ފާރިސް މައުމޫނާއި ދަނގެތީ ދާއިރާގެ މެމްބަރު އަހުމަދު އިލްހާމާއި މައްޗަންގޯޅީ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސިނާންގެ މައްޗަށް ވެސް ދައުލަތުން ނިރުބަވެރިކަމުގެ ދައުވާ ކުރެ އެވެ. އެ މައްސަލަތަކުގެ އަޑުއެހުންތައް މިހާރު ވަނީ ފަށައިފަ އެވެ.