ވިލިމާލެ ފެރީ ޓާމިނަލްގައި މަސައްކަތް ކުރާ އެމްޓީސީސީގެ މުވައްޒަފަކު މިއަދު ކޮވިޑް-19 އަށް ފައްސިވުމާއި ގުޅިގެން އެ ޓާމިނަލް އާއި މާލެ ވިލިމާލެ ޓާމިނަލް ޑިސްއިންފެކްޓް ކުރުމުގެ މަސައްކަތް ފަށައިފިއެވެ.

އެ މަސައްކަތް ފެށީ މިރޭ 7:30 ހާއިރުއެވެ.

އެ މަސައްކަތާއި ހަވާލުވެ ހުރި އޮފިޝަލަކު "ވަގުތު" އަށް ވިދާޅުވީ، ފުރަތަމަ މަސައްކަތް ކުރަމުން ދަނީ މާލެ ވިލިމާލެ ޓާމިނަލް ޑިސްއިންފެކްޓް ކުރުމުގެ މަސައްކަތް ކަމަށެވެ. އަދި މިހާރު އެ މަސައްކަތް ފަށާފައިވާކަމަށާއި، އޭގެ ފަހުން ދެން ކުރާނީ މަލޭގައި ހުރި ވިލިމާލެއަށް ދަތުރު ކުރާ ފެރީތައް ޑިސްއިންފެކްޓް ކުރުމުގެ މަސައްކަތް ކަމަށް އޭނާ ވިދާޅުވިއެވެ.

އަދި އޭގެ ފަހުން ވިލިމާލެ ޓާމިނަލް ޑިސްއިންފެކްޓް ކުރުމުގެ މަސައްކަތް ކުރިއަށްދާނެ ކަމަށާއި، މިރޭ އެ ޓާމިނަލް ޑިސްއިންފެކްޓްކޮށް ނިންމާލެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އޮފިޝަލް ވިދާޅުވިގޮތުގައި، ނުވަ ފެރީއެއްވެސް ޑިސްއިންފެކްޓް ކުރުމަށް ވަނީ ނިންމާފައެވެ.

ޑިސްއިންފެކްޓް ކުރުމަށްފަހު ދެ ޓާމިނަލްވެސް ހުޅުވާނީ އެޗްޕީއޭ އިން ހުއްދަ ދިނުމުންނެވެ.

ކޮވިޑް-19 އަށް ފައްސިވެފައި ވަނީ އެތަނުގައި މަސައްކަތް ކުރާ ދިވެހި މުވައްޒަފެކެވެ. އޭނާ ފައްސިވެފައި ވަނީ ކިހިނެއްކަން އަދި އެނގިފައިނުވާއިރު، އޭނާއާއެކު މަސައްކަތް ކުރަމުންދިޔަ ހަތް މުވައްޒަފަކު ވަނީ އެކަހެރިކޮށްފައެވެ.

އެމްޓީސީސީން ބުނީ އަލުން ފެރީތަކުގެ ޚިދުމަތް ފަށާނީ ޓާމިނަލްތަކުގައި މަސައްކަތް ކުރާ ހުރިހާ މުވައްޒަފުން ބަދަލު ކުރުމަށް ފަހު ކަމަށެވެ.