ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ދޫކޮށްފައިވާ ފްލެޓާއި ގޯއްޗާއި ކުއްޔަށް ދޫކޮށްފައިވާ ކޮމާޝަލް ޔުނިޓުތަކާއި ސިނާއަތް ބިންތަކުގެ ދެ މަސް ދުވަހުގެ ކުލީގެ 30 ޕަސަންޓު ފައިސާ ދެއްކުން ފަސްކޮށްދިނުމަށް އެދި ހުށަހެޅުމަށް އިތުރު މުއްދަތެއް ދިނުމަށް އެ ކުންފުނިން ނިންމައިފިއެވެ.

އެޗްޑީސީން ނެރުނު އިއުލާނެއްގައި ބުނީ މެއި މަހުގެ އިންސްޓޯލްމަންޓް ކުލީގެ 30 ޕަސަންޓު ފަސް ކުރުމަށް ބޭނުންވާ ފަރާތްތަކަށް މިމަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް އެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ. އެގޮތުން ކޮވިޑް-19 ގެ ހާލަތާ ގުޅިގެން ފައިސާ ދެއްކުން ލަސްކުރުމަށް ހުށަހަޅާ ފޯމު އެ ކޯޕަރޭޝަނުން އެކަމަށް ޚާއްސަކޮށްފައިވާ އީމެއިލް އެޑްރެސް [email protected] އަށް ފޮނުވުމަށް އެޗްޑީސީން ވަނީ އެދިފައެވެ.

މި ފޯމު އެ ކުންފުނީގެ ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެކަމަށްވެސް އެޗްޑީސީން ބުނެއެވެ.

އެޗްޑީސީން ބުނީ ކޮވިޑް-19 އާ ގުޅިގެން މާލެ ސަރަހައްދު ފުރަބަންދުކޮށްފައިވާތީ އެ ކުންފުންޏަށް ދައްކަން ޖެހޭ ފައިސާ އޮންލައިންކޮށް ދެއްކޭނެ އިންތިޒާ ހަމަޖެހިފައިވާ ކަމަށެވެ.

އެގޮތުން އޮންލައިންކޮށް ފައިސާ ދެއްކުމަށް އެކޯޕަރޭޝަންގެ ބޭންކް އޮފް މޯލްޑިވްސް އެކައުންޓް ނަންބަރު 003-134831-7701 ނުވަތަ މޯލްޑިވްސް އިސްލާމިކް ބޭންކްގެ އެކައުންޓް ނަންބަރު 100-48000439-01-9901 އަށް ފައިސާ ޓްރާންސްފަރ ކުރެވޭނެކަމަށް އެޗްޑީސީން ބުނެއެވެ.

އަދި ފައިސާ ދެއްކުމަށް ފަހު، 7290448 އަށް ހުރިހާ މައުލޫމާތެއް ވައިބަ ކުރުމަށް އެޗްޑީސީން އެދެއެވެ. އަދި އިތުރު މައުލޫމާތެއް ބޭނުން ނަމަ، އެ ނަންބަރަށް މެސެޖް ކުރުމަށް ވެސް އެޗްޑީސީގެ އިއުލާން ނިންމާލަމުން ބުނެފައިވެއެވެ.