ކޮވިޑް-19 އާއި ގުޅިގެން، ވެލާ ރިސޯޓުން، ނ.ހޮޅުދުއަށް ވެދެއްވި ދީލަތި އެހީތެރިކަމަށްޓަކައި، އެ ރަށު ރައްޔިތުންގެ ފަރާތުން އެ ރިސޯޓުގެ އިސްވެރިންނަށް ޝުކުރު ދަންނަވައިފިއެވެ.

ގާތްގަނޑަކަށް 2200 މީހުންގެ އާބާދީއެއް އޮންނަ ހޮޅުދުއަށް އެ ރިސޯޓުން، ވަނީ 2500 އަންގިޔާއި، 2500 މާސްކުގެ އިތުރުން 100 ޕީޕީއީ ވަނީ ހަދިޔާކޮށްފައެވެ.

"މި ނާޒުކު ދަނޑިވަޅުގައި ވެލާ ރިސޯޓުގެ ފަރާތުން ވެދެއްވި ދީލަތި އެހީތެރިކަން ޝުކުރުވެރިކަމާއި އެކު ފާހަގަކުރަން. ހޮޅުދޫ ކައުންސިލާއި ޓާކްސް ފޯސް އަދި އެންމެހާ ރައްޔިތުންގެ ނަމުގައި ވެލާގެ ހިއްސާދާރުންނަށް ޝުކުރު ދަންނަވަން." ހޮޅުދޫ ކައުންސިލްގެ ރައީސް، މުޙައްމަދު ނަސީރު ވިދާޅުވިއެވެ.

ވެލާ ރިސޯޓާއި ހޮޅުދޫ އާއި ދެމެދު އަބަދުވެސް އޮންނަނީ ބަދަހި ގުޅުމެއް ކަމަށާއި ހޮޅުދޫ ރައްޔިތުންނަށް ދިމާވާ އެތައްކަމެއްގައި ވެލާ ރިސޯޓްގެ ފަރާތުން ގިނަ އެހީތެރިކަން މިހާރުވެސް ލިބެމުންދާކަން ފާހަގަކޮށް، ނަސީރު ވިދާޅުވީ، މިއަހަރު ކުރީކޮޅު ހޮޅުދޫއަށް ދިމާވި އުދަ އެރުމުގެ ހާދިސާއިން ރައްޔިތުން ރައްކާތެރިކުރުމަށް ކުރެވުނު މަސައްކަތުގައިވެސް އެރިސޯޓްގެ ފަރާތުން ވަރަށް ބޮޑު އެހީތެރިކަމެއް ލިބިފައިވާ ކަމަށެވެ.

ވެލާ ރިސޯޓުން ހޮޅުދުއަށް ހަދިޔާކުރި ތަކެތި؛ ފޮޓޯ; ހޮޅުދޫ ކައުންސިލް

ހޮޅުދުއަށް ވެދެއްވި އެހީތެރިކަމާއި ގުޅޭގޮތުން، "ވަގުތު" އަށް މަޢުލޫމާތު ދެއްވަމުން، ވެލާ ރިސޯޓުގެ އިސް އޮފިޝަލަކު ވިދާޅުވީ، ހޮޅުދުއަކީ އަބަދުވެސް ވަރަށް އެކުވެރި ރައްޔިތެއް ދިރިއުޅެމުން އަންނަ ރަށެއް ކަމަށާއި، ރިސޯޓުގެ ބައެއް ބޭނުންތައްވެސް އެ ރަށު ރައްޔިތުން ފުއްދައިދެއްވަމުން ގެންދަވާ ކަމަށެވެ.

"އަޅުގަނޑުމެން ކާ ރޮށި ކޮޅުވެސް މި ގެންނަނީ އެ ރަށުން. އަދި ރިސޯޓުގެ ކުނީގެ ކަންކަން މެނޭޖްކުރުމުގައިވެސް އެ ރަށުގެ ޙިއްސާ އޮވޭ. ދެން އަބަދުވެސް ވަރަށް ގާތްކޮށް ހުރިހާ ކަމެއްގައިވެސް މަސައްކަތް ކުރަމުން މި ދަނީ. އެހެންވީމަ ކޮންމެ ގޮތެއްވިޔަސް، އެ ރަށަކީ އަޅުގަނޑުމެންގެ ޕްރިއޯރިޓީގައި އޮންނަ ރަށެއް." އޮފިޝަލް ވިދާޅުވިއެވެ.

ހޮޅުދޫގެ އިތުރުން، އެ އަތޮޅު މަނަދުއާއި ފޮއްދުއަށްވެސް އެ ރިސޯޓުން ވަނީ އެހީތެރިކަން ފޯރުކޮށްދީފައެވެ. މީގެ އިތުރުން، އެ ރިސޯޓުގެ ދެ ހިއްސާދާރުން ކަމަށްވާ ޖިރީ ސްމެކް އާއި ޑެނިއަލް ކްރެޓިންސްކީގެ ފަރާތުން 5 ވެންޓިލޭޓަރާއި 10،000 ޓެސްޓް ކިޓާއި، 10،000 ފޭސް މާސްކާއި 200 ރެސްޕިރޭޓަރުގެ އިތުރުން 500 ޕީޕީއީ ކިޓް، ދިވެހި ސަރުކާރަށްވެސް ވަނީ ހަދިޔާކޮށްފައެވެ.

ވެލާ ރިސޯޓަކީ ރާއްޖޭގެ އެންމެ އަގު ބޮޑު ރިސޯޓުތަކުގެ ތެރޭގައި ހިމެނޭ ރިސޯޓެކެވެ. އަދި ރާއްޖޭގައި މުވައްޒަފުންނަށް އެންމެ ބޮޑު ސާވިސް ޗާޖެއްދޭ ރިސޯޓުތަކުގެ ލިސްޓުގެ ކުރީގައިވެސް ފާއިތުވެދިޔަ ދުވަސްތަކުގައި ވެލާ ރިސޯޓު އޮތެވެ.

ކޮވިޑް-19 އާއި ގުޅިގެން ރާއްޖޭގެ ބައެއް ރިސޯޓުތައް ހުއްޓާލައި، އަދި މުވައްޒަފުންނަށް މުސާރަ ނުލިބޭ ގޮތަށް ފޮނުވާލުމަށް ނިންމި ނަމަވެސް، ވެލާ ރިސޯޓުން ނިންމީ މި ހާލަތުގައި މުވައްޒަފުންގެ އަސާސީ މުސާރަ ބޮޑު ކުރުމަށެވެ. އެގޮތުން، އެ ރިސޯޓުން ނިންމާފައި ވަނީ، ކޮވިޑް-19 އާއި ގުޅިގެން ރިސޯޓުގައި މިވަގުތު ތިބި ހުރިހާ މުވައްޒަފުންނަށް މުސާރަ އާއި ސާވިސްޗާޖު ދީ، ރިސޯޓުގައި ނެތް މުވައްޒަފުންނަށް، މުސާރަ އާއި އެކު ޚާއްސަ އެލަވެންސެއް ދިނުމަށެވެ.

މާލެ ފިޔަވައި އެންމެ ގިނަ މީހުން ކޮވިޑް-19 އަށް ފައްސިވި ރަށަކީ ށ.ނަރުދޫ ކަމަށްވާއިރު، އެ ރަށު "އަމާޒު" ބޯޓުގެ ދަތުރާއި ގުޅިގެން ހޮޅުދުއަކީވެސް މޮނިޓަރިންގެ ހާލަތަށް ގެނައި ރަށެކެވެ. އެގޮތުން އެ ބޯޓުން ދަތުރު ކުރި 12 މީހެއްގެ ސުންކު (ސާމްޕަލް) ދެ ފަހަރަށް ނަގާފައިވާއިރު، އެ 12 ސުންކުވެސް ވަނީ ކޮވިޑް-19 އަށް ނައްސި (ނެގެޓިވް) ވެފައެވެ.

އެހެންކަމުން، މިހާރު އެ ރަށުގެ މޮނިޓަރިން ޙާލަތު ވަނީ އުވާލާފައެވެ.

 

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ޤައުމު

    ރަނގަޅު ހޮޅުދޫ މީހުން އަބަދުވެސް ވަރަށް މީހުނަށް އެހީތެރިވާނެ
    ޚާއްސަކޮށް އުތުރު އޮޑިފަހަރު ފަރަށްއަރައިގެން ވަރަށް ބޮޑެތި އެހީތެރިކަން ދޭބައެއް ހޮޅުދޫ ރައްޔިތުންނަކީ ކުރީގަ.
    މިހާރު ކުދިންގެ ގޮތެއް ނޭނގެ

    30
  2. އެޑްމުންޑޯ

    ހޮޅުދޫ އަތިރިމަތި ހާދަ ނަލައޭދޯ

  3. މާލެ

    ވެލާގެ ވެރިން ވަރަށް ރަނގަޅު .ދިވެހިން ހިތް ހަމަ ޖައްސަދީފަ މިގައުމުގަ ސަލާމަތާ އެކު ތިބެވޭނެ ގޮތްހެދީ.މިކަހަލަ މުއްސަދިން ހަމަ ގެންނަން ވީ.ކިތަން މެ މުއްސަދިންނެއްބޭނުންވާނެ.

  4. އަލީ

    ހޮޅުދޫ މީހުން އަބަދުވެސް ވަރަށް ރަނގަޅުވާނެ މެހުމާނުންނަށް. އަމިއްލަ ގޭގަ ބައިތިއްބައިގެން އެ ދޭ ވަރުގެ ޚިދުމަތެއް އެހެން ރަށަކުން ނުލިބޭ. ވަރަށް ގިނަ ރަށްރަށަށް ދެވުނު މީހެއް އަހަރެންމީ. އެކަމަކު ބުނާނީ މި ރަށް ހަމަ ތަފާތޭ.

  5. ހަސަނު

    ހުޅުދޫ ރަތްޔިތުންނަކީ އަަދުވެސް ހެޔޮ ބަޔަކު ު އުޅޭ ރަށެއް

  6. ނީމާ

    ހޮޅުދޫ އަށް ދާން ފުރުސަތު ލިބުނު މީގެ ފަނަރަ ވަރަކަށް އަހަރު ކުރިން. އަޅުގަނޑުގެ ސްކޫލުން ލިބުނު ދަތުރެއްގައި ހޮޅުދުއަށް ގޮސް މޭނާސްކޫލްގެ ކުދިންނާއި އެކު މުބާރާތްތަކެއްގައިވެސް ބައިވެރިވީން. މޭނާސްކޫލަކީ ރާއްޖޭގައި ހުރި 4 ވަނައަށް އެންމެ ގިނަ ދުވަސްވީ ސްކޫލް. ތައުލީމީ ގޮތުން އާދަޔާ ޚިލާފަށް މޮޅު ކުދިން އުޅޭ ރަށެއް. އަދި ތައުލީމަށް ޓަކައި ކޮންމެ ގުރުބާނީއެއްވެސް ވާން ތައްޔާރަށް ތިބި ރައްޔިތުންތަކެއް. ހޭލުންތެރި ތަޢުލީމީ ބައެއް. އަޅުގަނޑުގެ ދަތުރު ފެށިގެން ނިމެންދެންވެސް ކުރެވުނު އިޙްސާސަކީ މިއީ. އަޅުގަނޑަށް ފެނުނު މަންޒަރަކީ މީ. ހޮޅުދުއަށް އަބަދުވެސް ކާމިޔާބަށް އެދެން.