ރާއްޖޭގައި އުޅޭ އިންޑިއާގެ ރައްޔިތުންގެ ތެރެއިން އެނބުރި ގައުމަށްދާން ބޭނުންވާ މީހުން ބަލާ އައި އެޤައުމުގެ އަސްކަރީ މަނަވަރު، އައިއެންއެސް ޖަލަޝްވާ، މިރޭ ރާއްޖެއިން ފުރައިފިއެވެ.

މިކަން ހާމަކޮށް ރާއްޖޭގައި ހުންނަ އިންޑިއާ ހައިކޮމިޝަނުން މިރޭ ވިދާޅުވީ، އައިއެންއެސް ޖަލަޝްވާ ފުރާފައި ވަނީ އިންޑިއާ 698 މީހުންނާއެކު ކަމަށެވެ. މި މަނަވަރު މާލެއިން ފުރީ މިރޭ 10:00 ހާއިރު އެވެ. މި މަނަވަރު ބަނދަރު ކުރުމަށް ހަމަޖެހިފައި ވަނީ އިންޑިއާގެ ކޮޗިން އަށެވެ.

އިންޑިއާ ހައިކޮމިޝަނުން ވިދާޅުވެފައި ވަނީ، މިއީ ރާއްޖޭގައި އުޅޭ އިންޑިއާ ރައްޔިތުން އެނބުރި ގައުމަށް ގެންދިއުމަށް ކުރާ މަސައްކަތުގެ ފުރަތަމަ ފިޔަވަހި ކަމަށެވެ. މިގޮތުން މިފަހަރު އެންމެ ބޮޑު އިސްކަމެއް ދިނީ، މާބަނޑު މީހުންނާއި، ވަޒީފާ ގެއްލިފައިވާ މީހުންނާއި، ތާށިވެފައި ތިބި ފަތުރުވެރިންނަށް ކަމަށް އެ ކޮމިޝަނުން ވިދާޅުވެފައި ވެއެވެ.

އިންޑިއާ އިން މީގެ ކުރިން ވަނީ ޗައިނާ އާއި އިޓަލީ ފަދަ ގައުމުތަކުގައި ތިބި އެޤައުމުގެ ރައްޔިތުންވެސް އަނބުރާ ޤައުމަށް ގެންގޮސްފައެވެ. ތާށިވެފައި ތިބި އިންޑިއާ މީހުން އަނބުރާ ގައުމަށް ގެންދިއުމުގެ އޮޕަރޭޝަނުގެ ދަށުން ރާއްޖެއަށް ދެ މަނަވަރެއް އައުމަށް ވަނީ ހަމަޖެހިފައެވެ.

މިރޭ ރާއްޖެއިން ފުރި މަނަވަރުގައި އިންޑިއާއަށް ދަތުރުކުރި އެންމެންވެސް 14 ދުވަހުގެ ކަރަންޓީނު މުއްދަތެއް ހަމަކުރަން ޖެހެއެވެ.

ރާއްޖޭގައި ދިރިއުޅޭ އިންޑިއާގެ 30000 އެއްހައި މީހުންގެ ތެރޭން މިހާތަނަށް 60 މީހަކު ވަނީ ކޮވިޑް-19 އަށް ފައްސިވެފައެވެ. މިހާތަނަށް ރާއްޖެއިން ތިންވަނައަށް އެންމެ ގިނައިން ފައްސިވެފައި ވަނީ އިންޑިއާ މީހުންނެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ސަޓޯ

    ނަސީބެއް

    22
    2
  2. ޕީޖޭ

    ބަލަގަ އައްޑޫގައި ތިބި ސިފައިން މިހާރުން މިހާރަށް ފޮނުވާލަ

    28
  3. ކޮތަރު

    އެއީ ދާން ބޭނުންވާ މީހުން ބަލާ އަންނަ އެއްޗެކޭ. އައްޑޫގައި ތިބިމީހުން ދާކަށް ބޭނުމެއްނޫނޭ.

    21
  4. ޙަނާ

    ބަލިމަޑުކަމެއް އޮންނަ ތަނަކުން މީހުން ދިއުމާއި އައުން ދީނުގަ މަނާކޮށްފައޭ ކިޔާފަ ސަރުކާރުންނާއި އެހެން އިލްމުވެރިން ނަސޭހަތާއި ދަލީލާއި އިއުލާން ނެރުނު. މިހާރު މިފެންނަނީ ކޮން މަންޒަރެއް. ދާންބޭނުންވާ ބަޔަކު ދާންވީ. ސަރުކާރު ޒިންމާ ނަގަން ޖެހޭހެން ހީވަނީ ބުނާބަހާއި އަމަލު ސީދާ ނުވަންޏާ. ރާއްޖެ ތެރެއަށް މި ބަލި ފެތުރެންދިމާވީވެސް ސަރުކާރުގެ ފަރުވާކުޑަކަމުންނޭ ބުނެވޭނީ. ނުޖެހޭ އެއްވެސް ބަޔަކު އެއްވެސް ތާކަށް ފޮނުވާކަށް. ހާލުގަޖެހޭ ބަޔަކަށް އެހީވާން ސަރުކާރު އޮތީ ނުކުޅެދިފައިތަ. ޕެންޑެމިކޭ އެކިޔަނީ ޖޯކަކަށްތަ.

    29
    7
  5. ފެކްޓް

    ﷲ ގެ ވާގިފުޅައެކު މި ބަލިމަދިމަކުން ސަލާމަތް ވުމުން މިހާރު ބޭރުބާ ބިދޭސީން ރާއްޖެ ނުގެންނާނެ ކަމަށް ހީކުރަން. ކޮންމެހެން ގެނަންވާ ބަޔަކު ފިޔަވާ.
    މިއީ ބިދޭސީންގެ މައްސަލައަށް ހައްލު ހޯދަންވެސް ރަނޣަޅހ ފުރުސަތެއް

    2
    1
  6. ހަޔާ

    ލޯތްބެއް ނޫން.