ވެނެޒުއޭލާގެ ރައީސް ނިކޮލަސް މަދޫރޯގެ ވެރިކަން ވައްޓާލަން ބޭނުން ނަމަ އެކަން ކުރާނީ ފާޅުގައި ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބުނެފިއެވެ.

ޓްރަމްޕް މިހެން ބުނީ އެމެރިކާގެ އަސްކަރިއްޔާގައި ކުރިން މަސައްކަތް ކުރި ދެމީހަކު ވެސް ބައިވެރިވެގެން ވެނެޒުއޭލާގައި ގެންނަން އުޅުނު ބަޣާވާތެއް ނާކާމިޔާބު ކޮށްލާފައިވާ ކަމަށް ވެނެޒުއޭލާ ސަރުކާރުން ބުނުމުންނެވެ.

އެމެރިކާގެ އަސްކަރިއްޔާގެ ސްޕެޝަލް ފޯސްގައި ކުރިން މަސައްކަތް ކުރި ދެމީހަކު މިހާރު ވަނީ ވެެނެޒުއޭލާގައި ގެންނަން އުޅުނު ބަޣާވާތާއި ގުޅިގެން އެގައުމުން ހައްޔަރު ކޮށްފައެވެ. އަދި އިތުރު ގިނަ ބަޔަކު ވެސް މިމައްސަލައިގައި ހައްޔަރު ކޮށްފައިވާ ކަމަށް ވެނެޒުއޭލާ ސަރުކާރުން ބުނެއެވެ.

ހުކުރު ދުވަހު "ފޮކްސް ނިއުސް" ގައި ވާހަކަދައްކަމުން ޓްރަމްޕް ބުނީ ވެނެޒުއޭލާއަށް ބަޣާވާތެއް ގެނައުމުގައި އެމެެރިކާގެ އެއްވެސް ބައިވެރިވުމެއް ނޯންނާނެ ކަމަށެވެ. "އަހަރެމެން ވެނެޒުއޭލާގެ ވެރިކަން ބަދަލު ކުރަން ބޭނުން ނަމަ އެކަން ކުރާނީ ވަރަށް ފާޅުގައި. ސިއްރަކުން އެކަމެއް ނުކުރާނަން. އެމެރިކާ ސިފައިން ފޮނުވައިގެން ވެނެޒުއޭލާގެ ވެރިކަން ބަދަލުކޮށްލުމަކީ ވަރަށް ފަސޭހައިން ކުރެވިދާނެ ކަމެއް." ޓްރަމްޕް ބުންޏެވެ.

ވެނެޒުއޭލާ ސަރުކާރުން ބުނާ ގޮތުގައި ބަޣާވާތް ގެންނަން އުޅުނު މީހުން ވެނެޒުއޭލާ އަށް އައީ ކަނޑު ބޯޓެއްގައެވެ. އެމެރިކާ ދެމީހުންނާއި އެކު ޖުމްލަ ހަތަރު މީހަކު އެބޯޓުގައި ތިއްބެވެ. އެމީހުން ރާވާފައި އޮތީ އެއާޕޯޓެއް އެމީހުންގެ ބާރުގެ ދަށަށް ގެނައުމަށް ފަހު ރައީސް މަދޫރާ ގޮވައިގެން ފުރަން ކަމަށް ވެނެޒުއޭލާ ސަރުކާރުން ބުނެއެވެ.

ވެނެޒުއޭލާ އާއި އެމެރިކާގެ ގުޅުން އަބަދުވެސް ވަރަށް ގޯހެވެ. އަދި ފަހަކަށް އައިސް އެގުޅުން ވަނީ އިތުރަށް ގޯސްވެފައެވެ. ވެނެޒުއޭލާގެ ރައީސްގެ ގޮތުގައި މަދޫރޯ ބަލައިގަންނަން ވެސް އެމެރިކާ އިން މިހާރު ދެކޮޅު ހަދައެވެ. އެމެރިކާގެ ތާއިދު އޮތީ ވެނެޒުއޭލާގެ އިދިކޮޅު ލީޑަރު ޖުއާން ގުއާޑިއޯ އަށެވެ.

ބައެއް ރިޕޯޓްތައް ބުނާ ގޮތުގައި ވެނެޒުއޭލާގެ ވެރިކަން ބަދަލު ކުރަން ޖުއާން ވަނީ އެމެރިކާގެ ކުންފުންޏަކަށް 213 މިލިއަން ޑޮލަރު ދީފައެވެ. އެމެރިކާ ސިފައިންގެ ތެރޭގައި މަސައްކަތް ކުރި ދެމީހުންނަކީ އެ އެއްބަސްވުމުގެ ދަށުން ވެރިކަން ބަދަލު ކުރަން ވެނެޒުއޭލާ އަށް ދިޔަ މީހުން ކަމަށް ވެސް ރިޕޯޓްތައް ބުނެއެވެ. ނަމަވެސް އެކަން އަދި ކަށަވަރެއް ނުކުރެވެއެވެ.