ރާއްޖޭގައި ކޮވިޑް-19 ގެ ހާލަތު ނުރައްކާތެރި ހާލަތަކަށް ގޮސްދާނެ ކަމަށް ބަލައި، ރާއްޖެ ގެންނަން ނިންމި 200 ވެންޓިލޭޓަރުގެ ތެރެއިން 18 ވެންޓިލޭޓަރު މިއަދު ގެނެސްފިއެވެ.

ސަރުކާރުން މެޑްޓެކް ޕްރައިވެޓް ލިމިޓެޑާ ހަވާލުކުރި ވެންޓިލޭޓަރުތައް ގެނައީ ސްރީލަންކަން އެއާލައިންސްއެއްގެ ފްލައިޓުގައެވެ. ސަރުކާރުން މެޑްޓެކްއާ ހަވާލުކޮށްފައި ވަނީ 50 ވެންޓިލޭޓަރު ގެނައުމަށެވެ. އެގޮތުން މިއަދު ގެނައީ އެކުންފުނިން ގެންނަ ފުރަތަމަ ވެންޓިލޭޓަރުތަކެވެ. އެ ކުންފުންޏާއި މިކަން ޙަވާލުކޮށްފައި ވަނީ 14 މިލިއަން ރުފިޔާއަށެވެ. މި ވެންޓިލޭޓަރުތައް ގެންނަނީ ދެކުނު ކޮރެއާ އާއި ސުވިޒަލޭންޑުންނެވެ.

ރާއްޖެ ގެންނަން ނިންމި 200 ވެންޓިލޭޓަރުގެ ތެރެއިން މި މަހު 38 ވެންޓިލޭޓަރު ރާއްޖެ ގެނެވޭނެ ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ކުރިން ވަނީ ވިދާޅުވެފައެވެ.

އަމީން ކުރިން ވިދާޅުވީ ވެންޓިލޭޓަރުތައް ގެނައުމަށް ދަތިތަކެއް ހުރީ ވެންޓިލޭޓަރުތައް އުފައްދާ ގައުމުތައް ލޮކްޑައުން ކުރެވިފައިވުމާއި އެތަކެތި އުފައްދާ ކުންފުނިތަކަށް ހުރަސްތަކެއް ކުރިމަތިވެފައިވާތީ ކަމަށެވެ. ދުނިޔޭގެ ބޮޑެތި ގައުމުތަކަށް ވެސް ވެންޓިލޭޓަރު ބޭނުންވެފައިވާ ދަތުރުފަތުރުގެ ދަތިކަމުގެ ސަބަބުން ތަކެތި ސަޕްލައި ކުރުމަށް ލަސްތަކެއް ވާނެ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް އަމީން ވިދާޅުވިއެވެ.

އަމީން ވިދާޅުވި ގޮތުގައި ކުންފުނިތަކުން ވެންޓިލޭޓަރުތަކުގެ އަގު ދައްކާފައިވާ އިރު، ވެންޓިލޭޓަރު މެނިފެކްޗަ އަތުން ލިބުމާއި ސަޕްލައި ކުރުމުގައި ދަތިތަކެއް ހުރުމުން އެކަމުގެ މައުލޫމާތު މިނިސްޓްރީ އަށް ދިނުމުން، މިނިސްޓްރީން ކުންފުނިތަކާއި ބައްދަލުކޮށް އަވަސް ގޮތެއްގައި ތަކެތި ސަޕްލައި ކުރެވޭނެ ގޮތްތަކަކީ ކޮބައިތޯ އޮޅުން ފިލުވައި އެކަންކަން ހައްލު ކުރުމަށް ކުރެވޭނެ ކަންކަމާ މެދު މަޝްވަރާކޮށް ކުންފުނިތަކުން އެދުނު ލިޔުންތައް ފޯރުކޮށްދީފައިވާ ކަމަށެވެ.

މެޑްޓެކްގެ އިތުރުން ސަރުކާރުން ވަނީ އިތުރު ވެންޓިލޭޓަރުތައް ގެނައުމަށް ބައެއް ކުންފުނިތަކާ ހަވާލުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ޑާޑަ

    ޙާދަބައިވަރެކޭލައްކަމިލިއަންޚަރަދުވިދޯ

    8
    1
  2. އަލީ

    ފުލައިޓު ބޭއްވީ ސަރުކާރުގެ ހަރަދުގަތޯ؟

    9
    2
  3. އާދަމް

    ސަރުކާރު ކުންފުންޏެއް ވިއްޔަ.. އަމީރު އާއި އަމީނު ގެ ތިމާގެ 6 މީހުން ކުންފުނީގެ ހިއްސާދާރުން....'އަމީން ވިދާޅުވި ގޮތުގައި ކުންފުނިތަކުން ވެންޓިލޭޓަރުތަކުގެ އަގު ދައްކާފައިވާ އިރު'،... އެންމެފަހުން ބޭއްވި ޕްރެސްގަވެސް ފައިނޭންސް މިނިސްޓަރ ފައިސާހަވާލްނުކުރާކަމަށް ބުނީ... މުޅިން އޮޅުވާލުމާ މަކަރު...

  4. އަސީ

    ރައްޔިތުން ނިކަމެތިހާލުގަ ސަރުކާރުން ރައްޔިތުންނައްމަލާމާތްކޮއް ވައްކަންކުރުމުގަ.