އިންޑިއާ އިން ރާއްޖެ އަށް 600 ޓަނުގެ ކޯބޯތަކެތި ފޯރުކޮށްދިނުމަށް ނިންމައިފިއެވެ.

ރާއްޖެ ހިމެނޭހެން ފަސް ގައުމަކަށް އިންޑިއާ އިން ސިއްހީ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ވަނީ ފަށައިފައެވެ. އަދި ރާއްޖެ އަށް ބޭހުގެ ސާމާނާ އެކު ކާބޯތަކެތި ފޯރުކޮށްދިނުމަށް ވަނީ ނިންމައިފައެވެ. މި ތަކެތި ގެނައުމަށް ހަމަޖެހިފައި ވަނީ އިންޑިއާގެ އަސްކަރީ މަނަވަރު "ކޭސަރީ" ގައެވެ.

އިންޑިއާގެ މީޑިއާތަކުގައި ކަމާބެހޭ ފަރާތްތަކާ ހަވާލާދީ ބުނެފައި ވަނީ އަސްކަރީ މަނަވަރުގައި ސިއްހީ ތަޖުރިބާކާރުން ހިމެނޭ ޓީމްތަކާއި މުހިއްމު ބޭސްތަކުގެ އިތުރުން ކާބޯތަކެތި އުފުލުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އިންޑިއާ އިން އެހީތެރިކަން ފޯރުކޯށްދޭ ގައުމުތަކުގެ ތެރޭގައި ހިމެނެނީ ރާއްޖެ އާއި މަޑަގަސްކަރަ އާއި މޮރިޝަސް އާއި ކޮމޮރޮސް އާއި ސީޝެލްސްއެވެ. އޭގެތެރެއިން އިންޑިއާ އިން ހަމައެކަނި ކާބޯތަކެއްޗާއި ބޭސް ފޯރުކޮށްދެނީ ރާއްޖެއަށެވެ. އެހެން ގައުމުތަކަށް ފޯރުކޮށްދެނީ ބޭހާއި ސިއްހީ ޓީމުތަކެވެ.

އިންޑިއާގެ ޚާރިޖީ ވުޒާރާއިން ބުނީ އެ ގައުމުތަކަށް އެހީވާން ނިންމީ ކޮވިޑް-19 އާ ގުޅިގެން އެހީތެރިކަމަށް އެދުމުން ކަމަށެވެ.

އެގޮތުން ސިއްހީ މާހިރުން ހިމެނޭ ޓީމުތައް ފޮނުވަނީ ކޮމޮރޮސް އާއި މޮރިޝަސްއަށެވެ. އަދި ބޭސް ފޮނުވަނީ މޮރިޝަސް، މަޑަގަސްކަރަ، ސީޝެލްސް އަދި ކޮމޮރޮސްއަށެވެ. ރާއްޖެއަށް 600 ޓަނުގެ ކާބޯތަކެތީގެ އިތުރުން މޮރިޝަސްއަށް ފަތްޕިލާވެލީގެ ބޭސް ފޮނުވުމަށް އިންޑިއާ ސަރުކާރުން ވަނީ ނިންމައިފައެވެ.

އިންޑިއާއިން މަޑަގަސްކަރ އަދި ކޮމޮރޮސްއަށް ފޮނުވާ ބޭހުގެ ތެރޭގައި ކުރިން ރާއްޖެ އާއި ސީޝެލްސް އަދި މޮރީޝަސް އަށް އިންޑިއާއިން ފޯރުކޮށްދީފައިވާ ހައިޑްރޮކްލޮރިން ހިމެނެއެވެ.

ކޮވިޑް-19 އާގުޅޭ އެހީ އާއި އެކު އިންޑިއާގެ އަސްކަރީ މަނަވަރު " ކޭސަރީ " ފަށާފައިވާ މި ދަތުރަކީ އިންޑިއާ އާއި އެކުވެރި ގައުމުތަކަށް ކޮވިޑް-19 އިން އަރައިގަތުމަށް އެހީވުމަށް އެ ގައުމުން ފަށާފައިވާ " އޮޕަރޭޝަން ސާގަރް"ގެ ދަށުން ކުރާ ދަތުރެކެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ޞސބސހ

    ތިޔަ 600 ޓަނުގެ ކާބޯތަކެތީގެ ބަދަލުގަ އަނެއްކާ 600 ހެކްޓަރުގެ ސަރަހައްދެއް ރާއްޖޭން ނުހޯދާބާ.

    26
    8
  2. ބޮޑު ދެލޯ

    މުނާސަބު ސުވާލެއް!!!

  3. އަހުމަދު

    ތިޔަ ކާބޯތަކެތި ލިބޭނީ މިރާއްޖޭގައި އުޅޭ އިންޑިޔާ މީހުންނަށް ދިވެއްސެއްގެ ލޮލަކަށް ނުފެންނާނެ ދެން ލ ގައި ތިބޭ 40 ސިފައިންްނާއި އައްޑުގައި ތިބޭ 30 ސިފައިންނަށް އެމީހުންނަށް މަހަކު 70 ޑޮލަރު ޚަރަދުވޭ

  4. ބިސްބެ

    ކޮބާތަ ބަނގުލަދޭސް އިން ދިން ކާބޯތަކެތި. ކިހިނެއް ހެދީ؟

  5. ކުދުވާނޑި މުހުންމާ

    އަދި ރަނގަޅު ކޮއްލާ، މާލޭގެ ގައި ދިރިއުޅުއްވާބޭފުޅުންނަށް. ތީގެ ރަހަ މާލެ އަތޮޅުން ބޭރަށް ނުދާނެ. މިހާލަތުގައި މިރާއްޖޭގެ ސަރުކާރުން ކަންކަން ކުރާ ގޮތުން ހީވާކަހަލަ ދިވެހިރާއްޖެ މިކިޔަނީ މާލެ، ހުޅުލެ، ވިލިމާލެ، ހުޅުމާލެ ހިމެނޭ ސަރަހައްދަށް އެކަނިހެން. އެހެން މިދެންނެވީ މިހާލަތުގައި ދިވެހިރާއްޖެއަށް އަންނަ ހުރިހާ ކާގޯއެއް މިއަންނަނީ މާލެއަށް، ދެން މާލެއިން އެއްޗެހި ކްލިއާ ކޮށްގެން ރަށް ރަށަށް ގެނައުމުގައި ދަތިތަކެއް އެބަހުރި، ކަނޑު ބޯޓުފަހަރާއި މަތިންދާ ބޯޓު ފަހަރު މިހިރީ ހުއްޓިފައި. އެހެން ނަމަވެސް ހަމަ އަޑަށް ބާރު ލާފައި މިނިސްޓަރުން މިބުނަނީ ރާއްޖެތެރޭގެ އެސްޓީއޯ ހުރީ ރައްޔިތުންނަށް ކާބޯތަކެތި ފޯރުކޮށްދުމަށޭ. އެކަމަ މިއިން އެސޓީއޯއެއްގައި ހަނޑޫ ހަކުރު ފުއް ނޫން އެހެން އެއްވެސް އެއްޗެއް ނެތް.
    ދެން އަނެއްވާހަކަ އަކީ ތި 600 ޓަނުގެ ކާގޯ އަކީ އިންޑިޔާގެ ހިލޭ އެހީތޯ؟ ނޫނީ އެސްޓީއޯ އިން ގަނެފައިވާ މުދާ އިންޑިޔާގެ ނޭވީ އަށް ފްރައިޓް ޕޭކުރާގޮތަށް ގެނެސްދެނީތޯ. މިހެން މިދެންނެވީ އެންމެފަހުންވެސް އެސްޓީއޯއިން ފައިސާދައްކައިގެން ގަނެފައިވާ މެޑިކަލް ސާމާނު އިންޑިއާއ އެއަރފޯސްގެ ބޯޓެއްގައި މާލެގެނެސް، ވެލާނާ އެއަރޕޯޓުން އެއެއްޗެހި ހަވާލުވުމުގައި ޝާހިދުމެން މާރިޔާމެން އިންޑީޔާ އެމްބެސްޑަރމެން އުޅުނު ގޮތުން ބައެއްދިވެހި ރައްޔިތުންނަށް ހީވެފައި އޮތީ މިއީ އިންޑިޔާއިން ހިލޭ ދިން ބޭސްކަމަށް.
    ރައްޔިތުންނާއި ގުޅޭކަންކަން ހާއްސަކޮށް ރައްޔިތުންގެ ބައިތުލްމާލުން ލޯލާރިއެއް ހޭދަކުރުމުގައިވެސް ރައްޔިތުންނަށް ކަންކަން ސާފުކޮށް އޮޅުންފިލާފައި އޮތުމަކީ ރަނގަޅުކަމެއް ކަމަށް ދެކެން.