ރާއްޖޭގެ ފުރަތަމަ ޖުމްހޫރިއްޔާގެ ފުރަތަމަ ރައީސް މުހައްމަދު އަމީނު ދޮށިމޭނާ ކިލެގެފާނުގެ ވެރިކަން އިންގިލާބުކޮށްލައި އެމަނިކުފާނު އަވަހާރަކޮށްލި ހާދިސާ ދިރާސާކޮށް ލިޔެފައިވާ ފޮތް "އޯކިޑް" ގެ އިނގިރޭސި ތަރުޖަމާ ނެރުމުގެ މަސައްކަތް ކުރަމުން އަންކަމަށް އެ ފޮތުގެ މުސައްނިފް މުހައްމަދު ޖަމީލް ވިދާޅުވެއްޖެއެވެ.

ޕީއެސްއެމްގެ އެގްޒެކެޓިވް އެޑިޓަރު ކަން މިހާރު ވެސް ކުރައްވަމުން ގެންދަވާ ޖަމީލް ވިދާޅުވީ ފޮތުގެ އިނގިރޭސި ތަރުޖަމާގެ މަސައްކަތްވަނީ ނިމިފައިވަކަމަށާއި، ޗާޕުކުރުމުގެ މަސައްކަތް ކުރިއަށްއޮތްތަނުގައި ކުރަން ގަސްތުކުރާކަމަށެވެ.

"ފޮތުގެ އިނގިރޭސި ތަރުޖަމާ ޗާޕުކުރެވިފައި ނުވިނަމަވެސް އައްނަބީލާ އަމީނާ މުހައްމަދު އަމީން ބައްލަވާލައްވައި ކޮމެންޓް ކުރުމުގެ ފުރުސަތު ލިބިފައިވާތީ އަޅުގަނޑު ވަރަށް އުފާކުރަން" ޖަމީލް ވިދާޅުވިއެވެ.

https://www.instagram.com/p/CAAEFqTFNcj/

ޖަމީލް ވަނީ އެފޮތް އެކުލަވާލުމަށް ކުރެއްވި މަސައްކަތުގައި ކުރިމަތިވެވަޑައިގަތް ދަތިތަތަކާއި ބައެއް ބޭފުޅުންގެ ފަރާތްޕުޅުން ލިބިވަޑައިގެންނެވި އެހީތެރިކަން ފާހަގަކުރައްވާފައެވެ. އެކަމުގައި އަމީނު ދީދީގެ ދަރިކަނބަލުން އަމީނާ މުހައްމަދު އަމީން އާއި ކުރީގެ ނައިބު ރައީސް ވަހީދް ދީން (ޑީން) ދެއްވި އެއްބާރުލުން ފާހަގަކުރައްވައި ޝުކުރުއަދާކުރެއްވިއެވެ.

ޖަމީލް ވިދާޅުވިގޮތުގައި އޯކިޑްގެ އިނގިރޭސި ތަރުޖަމާ އަކީ ބައިނަލް އަޤްވާމީ މާކެޓްގެ އިތުރުން ރާއްޖޭގެ ރިސޯޓްތަކާއި، ކޮލެޖް ޔުނިވާސިޓީތަކުގެ ދަރިވަރުންނަށް ހާއްސަކޮށް ބޭނުންކުރެވޭނެ ފޮތެއް ކަމަށެވެ.

އޯކިޑް ފޮތް ބައްލަވައިގަތުމަށް 9924442 އަށް ވައިބާކުރައްވާ!

ޖަމީލް ވަނީ ކުރީގެ ރައީސް ޑރ.މުހައްމަދު ވަހީދު ހަސަން މަނިކުގެ ހަޔާތްޕުޅާއި ބެހޭ ފޮތެއް ވެސް ލިޔުއްވާފައެވެ.