އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް)ގައި ރެޖިސްޓަރޑް ނަރުހުންގެ ގޮތުގައި ކޮންޓްރެކްޓް އުސޫލުން މަސައްކަތް ކުރާނެ ފަރާތްތައް ހޯދަން އިއުލާނުކޮށްފިއެވެ.

އައިޖީއެމްއެޗްއިން މިއަދު ކުރި އިއުލާނެއްގައި ބުނެފައި ކޮންޓްރެކްޓް އުސޫލުން މަސައްކަތް ކުރާނެ 35 ނަރުހުން ހޯދަން ބޭނުންވާ ކަމަށެވެ. އަދި މި ނަރުހުން ހޯދަނީ ތިން މަސް ދުވަހަށް ކަމަށްވެސް ބުނެފައި ވެއެވެ.

އެ އިއުލާނުގައި ބުނެފައިވާގޮތުން މަސައްކަތްކުރަންޖެހޭނީ ދުވާލަކު 8 ގަޑިއިރު ހަފްތާއެކު 5 ދުވަހު (ދަންފަޅި އުސޫލުން)ނެވެ.

އަދި މުސާރައިގެ ގޮތުގައި 9060 ރުފިޔާ ލިބޭއިރު، ސަރވިސް އެލަވަންސް -/188 ރުފިޔާ (ކަނޑައަޅާފައިވާ އުސޫލާ އެއްގޮތަށް) ދެވޭނެއެވެ. އަދި އިތުރުގަޑީގައި މަސައްކަތްކުރައްވާނަމަ ހަމަޖެހިފައިވާ އުސޫލާއި އެއްގޮތަށް އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.

މި މަގަމާށް ޝަރުތުތަކުގެ ތެރޭގައި ނަރސިންގެ ރޮނގަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ނުވަތަ 6 ގެ ސަނަދެއް ހާސިލްކޮށްފައިވުން ހިމެނެއެވެ.

މި މަގާމަށް ޝައުގުވެރިވާ ފަރާތްތަކުން ސިޓީއަކުން 19 މެއި 2020 ވާ އަންގާރަ ދުވަހުގެ 13:00ގެ ކުރިން [email protected] އަށް ހުށަހެޅުމަށް އެ އިއުލާނުގައި ވެއެވެ.

އައިޖީއެމްއެޗްއަށް ނަރުހުން ހޯދަން އިއުލާނުކޮށްފައިވާއިރު، ކޮވިޑް-19 އާ ގުޅިގެން، ގިނަ އަދަދެއްގެ ސިއްހީ ހިދުަމަތްތެރިން ބޭނުންވާ ކަމަށް ސަރުކާރުން ދަނީ ބުނަމުންނެވެ. އަދި ނަރުހުން ހިދުމަތާއި ގުޅުމަށް ނަރުހުންގެ އެސޯސިއޭޝަނުން ވަނީ ގޮވާލާފައެވެ.