މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިހާބުގައި ވާދަ ކުރުމަށް ނިންމާފައިވާ ސިވިލް ސާވިސް މުވައްޒަފުންގެ ސަސްޕެންޝަން ސިވިލް ސާވިސް ކޮމިޝަން އިން އުވާލައިފިއެވެ.

ކޮވިޑް-19 އާއި ގުޅިގެން މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކްލަ ކައުންސިލް އިންތިހާބު ވަނީ ބޭއްވޭ ގޮތް ނުވެފައެވެ. އަދި ރައްޔިތުންގެ މަޖިލީހުން ވަނީ ކައުންސިލް އިންތިހާބު ފަސް ކުރުމާއި ބެހޭ ބިލެއް ފާސްކޮށްފައެވެ. އެ ބިލު ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އިއްޔެ ވަނީ ތަސްދީގު ވެސް ކުރައްވާފައެވެ.

ސިވިލް ސާވިސް އިން މިއަދު ނެރެފައިވާ ސާކިއުލާއެއްގައި ބުނީ ކައުންސިލް އިންތިހާބާއި ގުޅިގެން ސަސްޕެންޑު ކޮށްފައިވާ މުވައްޒަފުންގެ ސަސްޕެންޝަން އިއްޔެ އުވާލާފައިވާ ކަމަށެވެ. ވަޒީފާ އަށް އަލުން ރުޖޫއު ކުރި ނަމަވެސް އެއްވެސް ވަރަކަށް ކެމްޕެއިންގެ ކަންކަން ކޮށްގެން ނުވާނެ ކަމަށްވެސް ސާކިއުލާގައި ބުނެފައިވެއެވެ.

ސިވިލް ސާވިސް އިން ބުނީ އިންތިހާބު އަލުން ބާއްވާ ތާރީހު އިލެކްޝަންސް ކޮމިޝަނުން އިއުލާން ކުރެވުމުން އަނެއްކާވެސް މުވައްޒަފުން ސަސްޕެންޑު ކުރެވިގެން ދާނެ ކަމަށެވެ.

މި ދުވަސްވަރަކީ ކޮވިޑް-19 ގެ ސަބަބުން ސަރުކާރު އޮފީސްތައް ބަންދު ކޮށްފައިވާ ދުވަސްވަރެއް ކަމުން މުވައްޒަފުން މަސައްކަތް ކުޜާނީ އެ އޮފީހެއްގެ ޒިންމާދާރު ވެރިޔާގެ އެންގުމުގެ މަތިން ކަމަށް އެ ސާކިއުލާގައިވެއެވެ.

އިލެކްޝަން ކޮމިޝަން (އީސީ)އިން އިއުލާންކޮށްފައި އޮތީ، މި މަހުގެ 18 ވަނަ ދުވަހު އިންތިހާބު ބޭއްވުމަށެވެ. ސަރުކާރުގެ ފަރާތުން ތުޅާދޫ ދާއިރާގެ މެންބަރު ހުށަހަޅުއްވައި މިދިޔަ މަހުގެ 28 ވަނަ ދުވަހު މަޖިލީހުން ފާސްކުރި، "ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ހާއްސަ ބިލް 2020" ރައީސް ސޯލިހު ތަސްދީގު ކުރެއްވީ އިއްޔެއެވެ.

އެ ބިލުގައިވާ ގޮތުން، ކައުންސިލް އިންތިހާބާއި އަންހެން ކޮމިޓީގެ އިންތިހާބު ބޭއްވުމުގެ މަސައްކަތް އިލެކްޝަންސް ކޮމިޝަނުން ފަށައި އިންތިހާބު ބާއްވާނެ ތާރީހު އިއުލާން ކުރަން ވާނީ، އެކަމުގެ ސަބަބުން އާންމު ސިއްހަތަށް ނުރައްކަލެއް ކުރިމަތިވާނެ ކަމެއް ނޫން ކަމަށް ދައުލަތުގެ ކަމާބެހޭ ފަރާތްތަކުން ކަނޑައެޅުމުންނެވެ. އަދި ބިލުގައިވާ ގޮތުގައި، އަންނަ އަހަރުގެ ޖެނުއަރީ ހަ ވަނަ ދުވަހުގެ ކުރިން އިންތިހާބު ބާއްވާ ނިންމަން ވާނެ އެވެ.

އެ ގާނޫނުގައިވާ ގޮތުގައި، ވޯޓު ލުމުގެ ހައްގު ލިބިގެންވާ މީހުންގެ ރެޖިސްޓްރީ އެކުލަވާލުމާއި ރީ-ރަޖިސްޓްރޭޝަން މަރުހަލާ އީސީއިން އަލުން ކުރިއަށް ގެންދަން ޖެހޭނެ އެވެ.

މީގެ އިތުރުން، ބިލް ތަސްދީގު ކުރުމާ އެކު ކެންޑިޑޭޓުންގެ ތެރޭގައި ހިމެނޭ ސިވިލް ސާވިސްގެ މުވައްޒަފުން ވަޒީފާއިން ސަސްޕެންޑްކޮށްފައި އޮތް އޮތުން ބާތިލުވެ، އެ މީހުން ކުރިން ތިބި މަގާމުތަކަށް ރުޖޫއަވާނެ އެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ރައްޔިތުމީހާ

    އެއްއިންތިހާބަކައް ދެފަހަރު ސަސްޕެންޑު ކުރެވޭތަ؟ ކޮންގާނޫނަކު އެހެން އޮތީ؟

  2. ދެބޯގެރި

    6 މާރޗުން ފެށިގެނޭ ކިޔަާފަ ކޯޗެއް މިހެދީ

  3. ބަކަރި

    ސައްޕެންޑުކުރި މަޤުޞަދު ޙާޞިލްނުވީމަ ބަދަލު ދެވެންޖެހޭ