ކ. މާފުށި ޖަލުން މިހާތަނަށް ނެގި ސުންކު (ސާމްޕަލް)ގެ ތެރެއިން ނަތީޖާ ލިބުނު ހުރިހާ ސުންކެއް ނައްސި ކަމަށް ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

އިމްރާން މިހެން ވިދާޅުވީ، މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައެވެ.

އިމްރާން ވިދާޅުވީ، ޖަލުން ނަގާފައި ވަނީ 38 ސުންކު ކަމަށާއި އޭގެތެރެއިން މިހާތަނަށް ނަތީޖާ ލިބިފައިވަނީ 22 ސުންކެއްގެ ނަތީޖާ ކަމަށެވެ. އަދި ނަތީޖާ ލިބުނު އެ ހުރިހާ ސާމްޕަލެއްގެ ނަތީޖާ ވެސް ބައްޔަށް ނައްސިކަމަށް ދައްކާފައިވާ ކަމަށްވެސް އިމްރާން ވިދާޅުވިއެވެ.

މާފުށީ ޖަލުގައި ތިބި ގައިދީންނާއި އޮފިސަރުން ކޮވިޑް-19 އަށް ޓެސްޓް ކުރުމުގެ މަސައްކަތް ފެށީ މެއި އަށް ވަނަ ދުވަހުއެވެ.

މާފުށީ ޖަލުގައި ތިބި ގައިދީންނާއި އޮފިސަރުންގެ ސުންކު ނެގުމުގެ މަސައްކަތް ކޮށްފައި ވަނީ ނެޝަނަލް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެންއީއޯސީ) އާއި ކަރެކްޝަންސް ގުޅިގެންނެވެ.

މާފުށީ ޖަލުން ވަނީ ގައިދީންގެ ތެރެއިން 15 މީހެއްގެ ސުންކު އަދި 23 އޮފިސަރެއްގެ ސުންކު ނަގާފައެވެ.