ދައުލަތުގެ ޓެކްސް އިދާރާ، މޯލްޑިވްސް އިންލެންޑު ރެވެނިއު އޮތޯރިޓީ (މީރާ) އަށް މިދިޔަ މަހުގެ ލިބުނު އާމްދަނީ 59 ޕަސެންޓު ދަށަށް ހިނގައްޖެއެވެ.

މީރާއިން އިއްޔެ އާއްމު ކޮށްފައިވާ އޭޕްރީލް މަހުގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި މިިދިޔަ އަހަރުގެ މި މުއްދަތަށް ވުރެ މިއަހަރުގެ އޭޕްރީލް މަހު އެ އިދާރާއަށް ލިބުނު އާމްދަނީ ވަނީ 59 ޕަސެންޓު ދަށަށް ގޮސްފައެވެ. މިދިޔަ މަހު މީރާ އަށް ލިބުނީ 527 މިލިއަން ރުފިޔާއެވެ.

އެހާ ބޮޑަށް ދައުލަތަށް ލިބުނު އާމްދަނީ ދަށްވެފައި ވަނީ ކޮވިޑް19 ގެ ސަބަބުން ރާއްޖޭގެ ބޯޑަރު ބަންދުކޮށް އޮން އެރައިވަލް ވިސާ ދޫކުރުން މާޗު މަހުގެ 27ވަނަ ދުވަހުން ފެށިގެން ހުއްޓާލާފައިވާތީއާ ޓެކްސް ދެއްކުމަށް ކަނޑައަޅާފައިވާ ގިނަ ސުންގަޑިތައް ވެސް އިތުރު ކޮށްފައިވާ ކަމަށް މީރާ އިން ވަނީ ފާހަގަކޮށްފައެވެ.

މީރާ އަށް ލިބުނު އާމްދަނީގެ ތެރެއިން 44.7 ޕަސެންޓު އާމްދަނީ އަކީ ޓެކުހުގެ ގޮތުގައި ލިބުނު އަދަދެވެ. ބިމުގެ ކުލީގެ ގޮތުގައި 25.2 ޕަސެންޓުގެ އާމްދަނީއެއް ދައުލަތަށް މިދިޔަ މަހު ލިބުނުއިރު ބީޕީޓީން 7 ޕަސެންޓުގެ އާމްދަނީ އެއް ދައުލަތަށް ވަނީ ވަދެފައެވެ. ގްރީން ޓެކުހުން ވަދެފައިވަނީ 6.8 ޕަސެންޓުގެ އާމްދަނީއެވެ.

ފިނޭންސް މިނިސްޓްރީން ދާދިފަހުން ހާމަ ކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި މިއަހަރުގެ ޖެނުއަރީ މަހުން ފެށިގެން މިދިޔަ މަހުގެ ނިޔަލަށް ދައުލަތަށް ޓެކުހުގެ ގޮތުގައި ލިބިގެން ދިޔައީ 4.6 ބިިލިއަން ރުފިޔާއެވެ.

މި އަހަރުގެ ޖެނުއަރީ މަހުން ފެށިގެން މިދިޔަ މަހުގެ 30ވަނަ ދުވަހުގެ ނިޔަލަށް ދައުލަތަށް އާމްދަނީގެ ގޮތުގައި ލިބިފައިވަނީ 5.4 ބިލިއަން ރުފިޔާއެވެ. 5.4 ބިލިއަންގެ ތެރެއިން ބޮޑު ބައެއް ހިއްސާ ކުރަނީ ޓެކުހުންނެވެ. އެއީ އާމްދަނީގެ 84 ޕަސެންޓެވެ. 16 ޕަސެންޓަކީ ހިއްސާ ކުރަނީ ޓެކްސް ނޫން ގޮތް ގޮތުން ދައުލަތަށް ލިބުނު އާމްދަނީއެވެ.

މިދިޔަ މަހުގެ ނިޔަލަށް ޓެކުހުގެ ގޮތުގައި ދައުލަތަށް ލިބުނީ 4.6 ބިލިއަން ރުފިޔާއެވެ. ނަމަވެސް މިދިޔަ އަހަރުގެ މި މުއްދަތުގައި ދައުލަތަށް ޓެކުހުގެ ގޮތުގައި 6.13 ބިލިއަން ރުފިޔާ ވަނީ ލިބިފައެވެ. ޓެކްސް ނޫން ގޮތް ގޮތުން ދައުލަތަށް މިއަހަރުގެ މިހާތަނަށް ލިބުނީ 819.2 މިލިއަން ރުފިޔާއެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ދައުލަތަށް ޓެކްސް ނޫން ގޮތް ގޮތުން 1.8 ބިލިއަން ރުފިޔާ ލިބިފައިވެއެވެ.

ހިލޭ އެހީގެ ގޮތުގައި މިއަހަރުގެ މިހާތަނަށް 22.3 މިލިއަން ލިބިފައިވާއިރު މިދިޔަ އަހަރުގެ މި މުއްދަތުގައި ދައުލަތަށް ހިލޭ އެހީގެ ގޮތުގައި ވަނީ 452.8 މިލިއަން ރުފިޔާ ލިބިފައެވެ.