މިދިޔަ ޑިސެމްބަރު މަހު ހުޅުވި، ނ. މާފަރުގައި ހުޅުވާފައިވާ އެއާޕޯޓްގެ ރަންވޭ ބޮޑު ކުރަން ދިން ހުއްދައާއި ގުޅިގެން އެތަނުގެ އެކްސްޓެންޝަން މަސައްކަތް ކުރާނެ ބަޔަކު ފިނޭންސް މިނިސްޓްރީން ހުޅުވާލައިފިއެވެ.

މާފަރު އެއާޕޯޓް ބޮޑު ކުރަން އެންވަޔަރަމެންޓް މިނިސްޓްރީން ހުއްދަ ދީފައިވަނީ މިދިޔަ ޖެނުއަރީ މަހުގެ ތެރޭގައެވެ. މި އެއާޕޯޓްގެ ރަންވޭ ބޮޑު ކުރުމަށް ހުއްދަ ދީފައިވަނީ އެކަމުގެ ސަބުބުން ތިމާވެއްޓަށް ކުރާނެ ކަމަށް ބެލެވޭ ނޭދެވޭ އަސަރު ކުޑަކުރުމަށް އަޅަން ޖެހޭ ފިޔަވަޅުތައް އަޅަމުން ގެންދިއުމަށް ޝަރުތު ކޮށްފައެވެ.

މާފަރު އެއާޕޯޓް ބޮޑު ކުރުމުގެ މަސައްކަތް ކުރާނެ ބަޔަކު ހޯދަން މިދިޔަ އޭޕްރިލް މަހުވެސް ހުޅުވާލިއެވެ.

ފިނޭންސް މިނިސްޓްރީން ވިދާޅުވީ، މާފަރު އެއާޕޯޓްގެ ރަންވޭ ބޮޑު ކުރުމުގެ މަސައްކަތް ކޮށްދޭން ޝައުގުވެރިވާ ފަރާތްތަކުން ޕްރިކޮލިފިކޭޝަން އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުސަތު ޖޫން މަހުގެ 11 ވަނަ ދުވަހާއި ހަމައަށް ހުޅުވާލެވިފައިވާ ކަމަށެވެ.

ބީލަމުގައި ބައިވެރިވާން ރަޖިސްޓްރޭޝަން ފީގެ ގޮތުގައި 500 ރުފިޔާ ދައްކަން ޖެހޭ ކަމަށާއި އެ ފައިސާ ޖޫން މަހުގެ 10 ވަނަ ދުވަހާއި ހަމައަށް ބަލައިގަންނާނެ ކަމަށް އެ މިނިސްޓްރީން ވަނީ ބުނެފައެވެ.

މިނިސްޓްރީން އިތުރަށް ބުނެފައިވަނީ މިޕްރޮޖެކްޓާއި ގުޅިގެން އިތުރު އެއްވެސް މައުލޫމާތެއް ސާފުކުރަން ބޭނުންވާ ނަމަ މި މަހުގެ 25 ގެ ކުރިން މައުލޫމާތު ސާފުކުރަން ޖެހޭ ކަމަށާއި ރަޖިސްޓްރޭޝަން ފީ އޮންލައިން ދެއްކުމަށް މިނިސްޓްރީގެ އޮންލައިން ޕޯޓަލް ބަނޑޭރި https://bandeyripay.finance.gov.mv/ ބޭނުންކުރެވޭނެ ކަމަށެވެ.

މާފަރު އެއާޕޯޓްގެ ރަންވޭ ބޮޑު ކުރުމަށް ހުށަހަޅާފައިވަނީ އެތަނުގައި ބޮއިންގެ 777 މަރުކާގެ މަތިންދާ ބޯޓު ޖެއްސޭ ވަރަށެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ބަކުރުބެ

    ކީއްކުރަން ބޭކާރު ހަރަދު ތަކެއްކޮއްގެން އެއަޕޯޓު ބޮޑުކުރާކައް، ތިޔައް ވުރެ މާރަނގަޅުވާނެ މާފަރު ތަރައްގީކޮއްބަ، ފެނާ ނަރުދަމާ، އަޅާބަ، ސިއްހީނިޒާމު ރަނގަޅު ކޮއްބަ

  2. އެމަންޖެ

    ތިތަން ބޮޑުކޮއްގެން ކޯއްޗެއް ޖައްސަން.