21 ރަށެއްގެ ހޮސްޕިޓަލްތަކާއި ހެލްތު ސެންޓަރުތަކުގައި މަސައްކަތް ކުރާ ޑޮކްޓަރުންނާއި ނަރުހުން ހިމެނޭހެން ހުރިހާ މުވައްޒަފުންނަށް ހަދިޔާއެއް ދިނުމުގެ މަސައްކަތް "ވަގުތު" އިން ފަށައިފިއެވެ.

ހަދިޔާ ދިނުމަށް އަދި ނިންމާފައި ވަނީ "ވަގުތު" މުވައްޒަފުން ނިސްބަތްވާ ރަށްތަކަށެވެ. އެއީ އައްޑޫ ސިޓީ ހިތަދޫ، ފޭދޫ، މަރަދޫ، މަރަދޫ ފޭދޫ، ހުޅުދޫ، މީދޫ، ލ.އަތޮޅު ގަން، ފޮނަދޫ، ހިތަދޫ، ނ.މާފަރު، ކުޑަފަރި، ބ.އޭދަފުށި، ހއ.މޮޅަދޫ، ކ.ކާށިދޫ، ގއ.ކަނޑުހުޅުދޫ، ގދ.ތިނަދޫ، ހއ.ދިއްދޫ، ހދ.ނޭކުރެންދޫ، ރ.އަލިފުށި، އއ.ހިމަންދޫ އަދި އދ.ހަންޏާމީދޫއަށެވެ.

"ވަގުތު" ގެ އޮފިޝަލަކު ވިދާޅުވީ ސިއްހީ ޚިދުމަތްތެރިނަށް ހަދިޔާއެއް ދިނުމަށް "ވަގުތު" އިން ނިންމީ ސިއްހީ ޚިދުމަތްތެރިން ކުރަމުން އަންނަ މަސައްކަތުގެ އަގުވަޒަންކޮށް، އުނދަގޫ މިވަގުތު ވެސް އެމީހުންނާއި އެކު ތިބިކަން ދައްކުވައި ދިނުމުގެ ގޮތުން ކަމަށެވެ. މުވައްޒަފުންނަށް ދޭ ހަދިޔާ އަކީ ކޮންމެ މުވައްޒަފަކަށް ވެސް ވަކިން ބޭނުން ކުރެވޭނެ އަގުހުރި ހަދިޔާއަކަށް ވާނެއެވެ.

"އަޅުގަނޑުމެންގެ މަޤުޞަދަކީ ނުރައްކާތެރި މިހާލަތުގައި ވެސް އެއްވެސް ވަރުބަލިކަމެއް، ޖެހިލުންވުމެއް ނެތި މަސައްކަތް ކުރަމުން ގެންދާ ސިއްހީ ޚިދުމަތްތެރިންގެ އަގުވަޒަންކުރުން، އަދި އެބޭފުޅުންނާއި އެކު އަޅުގަނޑުމެން ތިބިގެން ހާމަކުރުން." އޮފިޝަލް ވިދާޅުވިއެވެ.

"ވަގުތު" އިން ހަދިޔާ ދިނުމަށް ނިންމާފައިވާ ރަށްތަކަށް ހަދިޔާ ފޮނުވުމުގެ މަސައްކަތް މިހާރު ވަނީ ފަށާފައެވެ. ކުރިއަށް އޮތް ހަފްތާއެއްހާ ދުވަސް ތެރޭގައި ގިނަ ރަށްތަކަށް ހަދިޔާ ފޯރުކޮށްދެވޭނެ ކަމަށް އުއްމީދު ކުރެވޭ ކަމުގައި "ވަގުތު" އިން ބުނެއެވެ.

"ވަގުތު" ގެ އޮފިޝަލް ވިދާޅުވީ ސިއްހީ ޚިދުމަތްތެރިންނަށް ހަދިޔާ ދިނުމަށް ބޭނުންވާ ފަރާތްތަކަށް "ވަގުތު" އާއި ގުޅިގެން ހަދިޔާ ދިނުމުގެ އިންތިޒާމް ހަމަޖައްސައިދޭނެ ކަމަށެވެ. ސިއްހީ ޚިދުމަތްތެރިންނަށް ހަދިޔާ ދިނުމަށް ބޭނުންވާ ފަރާތްތަކުން "ވަގުތު" ނަމްބަރު 7999681 އަށް ގުޅުމަށް "ވަގުތު" އިން އެދެއެވެ.

"ވަގުތު" އިން ވަނީ ދާދިފަހުން ރާއްޖޭގެ ހުރިހާ ނޫސްވެރިންނަށް ވެސް ހަދިޔާ ދީފައެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

 1. މާމިގިލީ މީހާ

  އަހަރުންނައް ހެޔޮ ވަގުތުން އަހަރުންގެ ރަށައް އެހީ ނުވިޔަސް. އަހަރުން ބޭނުމެއްވެސް ނޫން ވަގުތުގެ އެހީއެއް.

  11
  18
  • މަހްމޫދު

   މި ރަށު ސިއްޙީ ޚިދުމަތްތެރިން މަސައްކަތެއް ނުކުރޭކޭ ނުބުނަން. އެކަމަކު މިރަށުގައި ތިބޭ ސިއްޙީ ޚިދުމަތްތެރިން ވަރަށްބޮޑަށް ގައިން ކަންކަން ނައްޓުވާކަް ފާހަގަ ކުރެވޭ. ބައެއްފަހަރަށް އެ ދާއިރާގައި ކަންކަން ހުންނަގޮތް ނޭނގޭ އަހުރެމެންގެ ޕޭޝަންޓުންނަށް ވަރަށް ހާލު ޖައްސާފައި އެބަހުރި. ދާން ޖެހޭ ދިމަ ދިމަ ނޫން އެހެން ދިމާލަށް ފޮނުވާލާ ފަހަރުވެސް އާދޭ.

   2
   1
  • ނާޒިރާ

   ހާދަ ހިތްހަމަ ނުޖެހިފަ.މިދުވަސްވަރު ވަގުތު ވެސް އޮތީ ވަރަށް ނިކަމެތިވެ ކަރުތާ ފެނުގައި. ޢެހެން ނޫންނަމަ ހުރިހާ ރަށަކަށް ދޭނެ. ސޮރީ

   4
   4
 2. ޏސް

  ސުކުރިއްޔާ ވަގުތު އަދި ޓީމް.

  12
  7
 3. ފާއިޒު

  އަޅުގަނޑުމެން ރަށުގައި ތިއްބެވި ސިއްޙީ ޚިދުމަތްތެރިންނަކީވެސް ވަރަށް ހީވާގި ބައެއް. ތީގެ ތެރޭގައި ހިމެނޭއެހެން ރަށްރަށު މީހުނަށްވުރެވެސް އަޅުގަނޑުހިތުން ރަނގަޅު ބައެއް. އަދި ތި ހަދިޔާ ލިބޭ ރަށްރަށުން ނުވާ އެތައްކަމެއް ކުރުމަށް އެ ރަށްރަށުގެ ބަލިމީހުން އައުމުން އެމީހުނަށްވެސް ޚިދުމަތް ދިނުމުގައި ޤާއިމުވެ ތިބޭ ބައެއް. ނަމަވެސް މިފަހަރު އަޅުގަނޑުމެން ރަށު ސިއްޙީ ޚިދުމަތްތެިން ނުހިމެނުނު ނމަވެސް ވަގުތުން ތިފަދަ ކަމެއް އިންތިޒާމު ކުރީތީ ވަރަށް އުފާކުރަން. އެހެން ފީލްޑެއްގައި މަސައްކަތް ކުރާ މީހެއްގެ ހައިސިއްޔަތުން ދަންނަވާނީ "ސިއްހީ ޚިދުމަތްތެރިންގެ އެ ޚިދުމަތަކީ އަދި އެމީހުންގެ އެ އޯގާތެރިކަމާއި އެމީހުންގެ އެ އަޅާލުމަކީ ދުވަހަކުވެސް އަގު އަދާކުރެވޭނެ ކަމެއްކަމަށް ނޫންކަމަށް".

  7
  2
 4. ސާބަސް

  ޥަގުތު ވަރެއް ނެތް

 5. ކުޑަބެ

  ތިޔަ ކިޔާ ސިއްހީ ހިދުމަތްތެރިންގެ ތެރޭގައި ލެބޯޓަރީ ޓެކްނޮލޮގިސްޓުންވެސް ހިމެނޭނެ ކަމުގައި އުންމީދު ކުރަން. އެބޭފުޅުންނަކީ މިކަމުގަ ނަރުހުންނެކޭ އެއްފަދައިން ވަރަށް މުހިންމު ބައެއް. ފަރުދާގެ ފުރަގަހުގައި ތިބި ނަމަވެސް ކޮވިޑް 19 ޖެހިފައި ތިބި މީހުން އިނގެނީ އެބޭފުޅުންގެ ބުރަ މަސައްކަތުން