ރާއްޖޭގައި އިއްވާފައިވާ ފުރަބަންދާއި ދިމާކޮށް ދިވެހި ބަހުގެ އެކެޑެމީން ބޭއްވުމަށް ހަމަޖެހިފައިވާ އަދަބީ ހުނަރު ޕްރޮގްރާމްތަކަށް ހާހަކަށްވުރެ ގިނަ މީހުން ރަޖިސްޓްރީވެއްޖެއެވެ.

ފުރަބަންދާއި ދިމާކޮށް އެ އެކެޑެމީން ހުޅުވާލާފައިވަނީ ވާހަކަ ދެއްކުމުގެ ހުނަރު ދަސްކޮށްދިނުމާއި، ނާވިލު ލުޔިން ނުވަތަ ކުރު ވާހަކަ ލިޔަން ދަސްކޮށްދިނުމުގެ އިތުރުން ވާހަކަ ދެއްކުމުގެ ހުނަރު ދަސްކޮށްދިނުމުގެ ޕްރޮގްރާމް ތަކެވެ.

މި ކޯސް ތަކަކީ އެ އެކެޑެމީން ހިލޭ ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކޯސްތަކެވެ. މި ކޯސް ފުރިހަމަ ކުރާ ބައިވެރިންނަށް ސެޓްފިކޭޓް ދިނުމަށް ހަމަޖެހިފައިވަނީ އޮންކޮށެވެ.

ކޯސްތަކާއި ބެހޭ ގޮތުން "ވަގުތު" އަށް މައުލޫމާތު ދެއްވަމުން ދިވެހި ބަހުގެ އެކެޑެމީގެ ރައީސް އަޝްރަފް އަލީ ވިދާޅުވީ، މި ޕްރޮގްރާމްއަށް ހުޅުވާލި ފުރުސަތުގައި ސުންގަޑި ހަމަވިއިރު، 1171 ބައިވެރިން އެދިފައިވާ ކަމަށާއި ކްލާސްތައް ފަށާނެ ދުވަސް ކަނޑައަޅާފައިވާނީ ކުދިންގެ ހިޔާލާ އެކު ކަމަށެވެ.

އެގޮތުން ޅެން ކްލާސްތައް މިމަހު 15 ވަނަ ދުވަހު، ވާހަކަ ދެއްކުމުގެ ކްލާސްތައް 20 އަދި ނާވިލު ކްލާސްތައް 21 ގައި ފެއްޓުމަށް ހަމަޖެހިފައިވާ ކަމަށް އަޝްރަފު ވިދާޅުވިއެވެ.

ޅެން ޕްރޮގްރާމުގައި 463 ބައިވެރިއަކު ވަނީ ބައިވެރި ވެފައެވެ. ނާވިލު ނުވަތަ ކުރު ވާހަކަ އަށް 230 ބައިވެރިއަކު ބައިވެރިވެފައިވާއިރު، 478 ބައިވެރިއަކު ވަނީ ވާހަކަ ދެއްކުމުގެ ޕްރޮގްރާމްގައި މި މަހުގެ 12 ވަނަ ދުވަހާއި ހަމައަށް ބައިވެރިވެފައެވެ.

"އަޅުގަނޑުމެން މިފަދަ ކޯސްތަކެއް ހުޅުވާލުމުގެ މަގުސަދަކީ މި މުޖްތަމައު އަކީ އަދަބީ ގޮތުން ކުރިއަރައިފައިވާ ތަނަކަށް ހެދުން. އަދި މި ކޯސްތައް ނިމިގެންދާއިރު މުޖްތަމައުގައު ހުންނަ އެކި މައްސަލަތަކަށް އަދަބީ ނަޒަރަކުން ނުވަތަ ޅެންވެރީންގެ ނަޒަރުން ވާހަކަ ދައްކަން އެނގޭ ބަޔަކު އުފެއްދުން އެއީ އުންމީދު." އަޝްރަފް ވިދާޅުވިއެވެ.

އަޝްރަފް ވިދާޅުވީ، މިއީ އޮންލައިން ކޯސްތަކަކަށް ވުމުން ކޯސްތަކުގެ ދިގުމިނަކަށް ވެގެން ދާނީ 10 ގަޑި އިރާއި 15 ގަޑިއިރާއި 20 ގަޑިއިރު ކަމަށެވެ. އަދި ކުރިއަށް އޮތްތަނުގައިވެސް މިފަދަ ކޯސްތަށް ބާއްވާނެ ކަމަށް އަޝްރަފް ވިދާޅުވިއެވެ.