ސޯލަރ ޕެނަލް ހަރުކުރަން ބޭނުންވާ މީހުންނަށް ރަށު ފެންވަރުގައި ލުއި ލޯނު ސްކީމެއް ގޮތުން، އިޢާދަކުރުވަނިވި ހަކަތަ ކުރިއެރުވުމަށް ކަނޑައަޅާފައިވާ ފައިސާއިން، ކުރިއަށް އޮތް ތިން އަހަރު ކޮންމެ އަހަރެއްގެ ބަޖެޓުން ކޮންމެ ކައުންސިލަކަށް -/1,000,000 (އެއް މިލިޔަން ރުފިޔާ) ކަނޑައެޅުމަށް ރައްޔިތުންގެ މަޖިލީހުގެ އެންވައިރޮމެންޓް އެންޑް ކްލައިމެޓް ޗޭންޖް ކޮމިޓީއިން ހުށަހަޅައިފިއެވެ.

އެގޮތަށް ހުށަހަޅީ، ކޮވިޑް-19އާ ގުޅިގެން ސަރުކާރުން ހިންގެވުމަށް ހުށައަޅާފައިވާ ޕްރޮގްރާމް ތަންފީޒު ކުރުމަށް މަޖިލީހުން ދެކޭގޮތް ކަނޑައެޅުމާގުޅޭގޮތުން ހުށައަޅާފައިވާ މައްސަލައާއި ގުޅޭގޮތުން މަޝްވަރާކޮށް ރައްޔިތުންގެ މަޖިލީހުގެ އެންވަޔަރަންމަންޓް އެންޑް ކްލައިމެޓް ޗޭންޖް ކޮމިޓީގެ ހުށަހެޅުންތަކުގެ ތެރޭގައެވެ.

ކޮވިޑް-19 ރޯގާއާ ގުޅިގެން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާފައިވާ މައްސަލައާގުޅިގެން، ރައްޔިތުންގެ މަޖިލީހުގެ އެންވަޔަރަންމަންޓް އެންޑް ކްލައިމެޓް ޗޭންޖް ކޮމިޓީ އާއި ހަވާލު ކުރި މަސްޢޫލިއްޔަތަކީ، ކޮވިޑް-19 ފެތުރުނަ ނުދިނުމަށް ސަރުކާރުން އަޅާ ފިޔަވަޅުތަކުގެ ސަބަބުން އާއިލާތަކާއި ވިޔަފާރިތަކުގެ އާމްދަނީއަށް އަންނަ ނުރަނގަޅު ބަދަލުތަކުން އަރައިގަތުމަށް، ސަރުކާރުން ހިންގުމަށް ނިންމާފައިވާ ޕްރޮގްރާމް ތަންފީޒުކުރުމުގައި، ތިމާވެއްޓަށާއި، އިއާދަކުރަނިވި ހަކަތަ ބޭނުންކުރުމަށް އަދި މިފަދަ ކަންކަމަށް ބަލާ އެކަންކަން ފުރިހަމަ ކުރަމުން، ސަރުކާރުން ހިންގާ ކަންކަން ހިންގާނެ އުސޫލުތަކެއްގެ ލަފާ ސަރުކާރަށް ދިނުމެވެ.

ކޮމިޓީއިން ވަނީ ތަރައްޤީގެ މަޝްރޫޢުތަކުގައި ހަކަތަ ބޭނުންވާ މިންވަރު ބަލާ، އެ މަޝްރޫޢުތަކުގެ ބަޖެޓް ހަދާއިރު، އިއާދަކުރަނިވި ހަކަތަ ހިމެނުމަށް ވެސް ހުށަހަޅާފައެވެ.

އެގޮތުން ދަތުރުފަތުރަށާއި މަސްވެރިކަމަށް އެންމެ ކުޑަމިނުން ކުރިއަށް އޮތް އަހަރެއްހާދުވަހަށް ބޭނުންވާ ވަރަށް ތެޔޮ ރައްކާކުރެވޭނެކަން ޔަޤީންކުރުމާއެކު ތެޔޮ ރައްކާކުރެވޭނެ މިންވަރު އިތުރުކުރުމަށް ސްޓޯރޭޖް ކެޕޭސިޓީ އިތުރުކުރުމަށާއި، ޔުޓިލިޓީ ކުންފުނިތަކުގެ ޚަރަދު ކުޑަކުރުމަށް އެޅޭނެ ފިޔަވަޅުތަކަކީ ކޮބައިތޯ ބަލައި، އެ ކުންފުނިތަކުގެ ޚަރަދު ކުޑަކުރުމަށްވެސް ކޮމިޓީން ވަނީ ހުށަހަޅާފައެވެ.

މީގެ އިތުރުން ދިވެހިރާއްޖޭގެ ރަށްތަކުގައި ހަކަތައިގެ ފުދުންތެރިކަން ހާސިލްކުރުމަށް އިއާދަކުރަނިވި ހަކަތަ އުފެއްދުމަށް ކުރާ މަސައްކަތްތައް ހަލުއިކޮށް، އިއާދަކުރަނިވި ހަކަތައަށް މިވަގުތު އިސްކަންދިނުމުގެ ގޮތުން، ޕީއެސްއައިޕީގެ މަޝްރޫޢުތަކުގެ ތެރެއިން އިއާދަކުރަނިވި ހަކަތައަށް އިންވެސްޓްކުރުމަށް ފައިސާ ބަދަލުކުރެވެން ހުރި މަޝްރޫޢުތައް ބަދަލުކުރުމަށް ކޮމިޓީން ވަނީ ހުށަހަޅާފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ފުތާބެއްޔާ

    ރައީތުން ދަރަނި ދަންތުރާގަ ޖައްސާފަ މަޖިލީސް ރައީސް ބޭބެގެ ކުންފުންނަށް ލާރި ގަނޑެއް ހޯދަ ދޭން ކުރާ މަސައްކަތް

  2. ޖހހ

    މަޖްލިހުން ހުއްދަ ދިނީ ކީއްވެ. އަންނި ކޮއްކޮއަކީ މިވިޔަފާރި ކުރާ މީހެއްތަ. އެހެން ވެއްޖިއްޔާ ކޮއްކޮއަށް މަންފާ ހޯދައިދެނީތަ.