‏ކ. ހިންމަފުށީ ޑްރަގް ޓްރީޓްމެންޓް އެންޑް ރިހެބިލިޓޭޝަން ސެންޓަރު (ޑީޓީއާރުސީ) ގައި ފަރުވާ ހޯދަމުން އަންނަ ތިން ޒުވާނަކު ކޮވިޑް-19 އަށް ފައްސިވުމާ ގުޅިގެން އެރަށުގައި ހުންނަ އައްސޭރި ޖަލުން ތަރުތީބެއް ނެތި ސާމްޕަލް (ސުންކު) ނެގުމުގެ މަސައްކަތް ފަށައިފިއެވެ.

ޑީޓީއާރުސީކޮވިޑް-19 އަށް ފައްސިވެފައިވަނީ، ޑީޓީއާރުސީގައި ފަރުވާ ހޯދަމުން އަންނަ ތިން ޒުވާނެކެވެ.

މިއަދު ކަރެކްޝަނަލް ސާވިސް އިން ބުނީ، އެންއޯސީއާއި ކަރެކްޝަން ގުޅިގެން، ކޮވިޑް-19 އަށް ތަޙުލީލުކުރުމަށްޓަކައި އައްސޭރި ޖަލުގައި މަސައްކަތް ކުރާ އޮފިސަރުންނާއި ޤައިދީންގެ ރެންޑަމް ސުންކު ނެގުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.

ހިންމަފުށީގައި ހުންނަ ރިހެބް ސެންޓަރުން ފަރުވާ ހޯދާ މީހުންގެ ތެރެއިން 10 މީހެއްގެ ރެންޑަމް ސާމްޕަލް މީގެ ކުރިން ވަނީ ނަގައިފައެވެ.

ހިންމަފުށިން ބަޔަކު ކޮވިޑް-19 އަށް ފައްސިވުމާ ގުޅިގެން އެ ރަށް މިހާރު އޮތީ މޮނިޓަރިން ހާލަތުގައެވެ.

މީގެ ކުރިން މާފުށީ ޖަލުން ކޮވިޑް-19 އަށް ތަޙުލީލު ކުރުމަށްޓަކައި ތަރުތީބެއް ނެތި ނެގުނު 38 ސުންކު އެއް ވަނީ ނަގާފައެވެ. މި އެންމެންވެސް ވަނީ ކޮވިޑް-19 އަށް ނައްސިވެފައެވެ.

ރާއްޖެއިން މިހާތަނަށް މި ބައްޔަށް ފައްސިވި މީހުންގެ އަދަދު ވަނީ 1031 އަށް އަރާފައެވެ.