ކޮވިޑް-19 އާ ގުޅިގެން އައި ބަދަލާއެކު އާ ހިތްވަރަކާއެކު، ރާއްޖޭގައި ހުރި މީހުން ބިނާކޮށް ތަމްރީނުދޭ ހުރިހާ ތަންތަން އެކުވެގެން މަސައްކަތްތަކެއް ކުރަންޖެހިފައިވާ ކަމަށް ނައިބު ރައީސް ފައިސަލް ނަސީމް ރޭ ވިދާޅުވެއްޖެއެވެ.

ނައިބު ރައީސް އެގޮތަށް ވިދާޅުވީ ތައުލީމީ ދާއިރާ އާއި މަތީ ތައުލީމްގެ ދާއިރާގެ ވެރިންނާ އެކު އޮންލައިންކޮށް ބޭއްވި ބައްދަލުވުމެއްގައެވެ.

ރައީސް އޮފީހުން ބުނީ ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާ ކުރީ ކޮވިޑް-19 އާ ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކާ އެކު ތައުލީމީ ދާއިރާ އާއި މަތީ ތައުލީމުގެ ދާއިރާއަށް ކުރިމަތިވެފައިވާ ދަތިތަކާ ބެހޭ ގޮތުންނާއި މި ހާލަތުގައި އެންމެ ބޮޑަށް އިންސާނީ ވަސީލަތްތައް ބޭނުންވެފައިވާ ދާއިރާތަކުން މީހުން ތަމްރީނު ކުރުން ފަދަ ކަންކަމާ ބެހޭ ގޮތުން ކަމަށެވެ.

އަދި، މި ހާލަތުގައި ތައުލީމީ ދާއިރާ އާއި މަތީ ތައުލީމުގެ ދާއިރާގެ ކުދިންގެ ކިޔެވުން ކުރިއަށް ގެންދިއުމަށް ރޭވިފައިވާ ގޮތްތަކާ ބެހޭގޮތުން ވެސް މި ބައްދަލުވުމުގައި މަޝްވަރާކުރި ކަމަށް ރައީސް އޮފީހުން ބުންޏެވެ.

މި ބައްދަލުވުމުގައި ނައިބު ރައީސް ވަނީ ކޮވިޑް-19 އާ ގުޅިގެން އައި ބަދަލާއެކު އާ ހިތްވަރަކާއެކު، ރާއްޖޭގައި ހުރި މީހުން ބިނާކޮށް ތަމްރީނުދޭ ހުރިހާ ތަންތަން އެކުވެގެން މަސައްކަތްތަކެއް ކުރަންޖެހިފައިވާކަން ފާހަގަކުރައްވައިފައެވެ.

އަދި، މުޖުތަމައުގައި ތިބި މަސައްކަތް ކުރެވޭ އުމުރުގެ އެންމެންނަކީ މަސައްކަތެއް ކުރާ ބަޔަކަށް ވުމުގެ މުހިންމުކަމާއި ރިޓަޔަ ކޮށްފައިވާ ސިއްހީ ދާއިރާގެ ބައެއް ފަރާތްތަކަށްވެސް އިތުރަށް ބޭނުންވާ ތަމްރީނުދީ އަލުން މަސައްކަތުގެ މާހައުލާ ގުޅުމަށް ފުރުސަތު ފަހިކޮށްދިނުމުގެ މުހިންމުކަން ނައިބު ރައީސް ފާހަގަކުރެއްވިއެވެ.

މި ބައްދަލުވުމުގައި، މަތީ ތަޢުލީމާ ގުޅޭ އެކި އިދާރާތަކުގެ އިސްވެރިން ވަނީ އެ އިދާރާތަކުން ކުރަމުންދާ މަސައްކަތްތަކާއި، އަދި، ކަންކަން މިހާރު ކުރިޔަށް ގެންދިއުމަށް ރާވާލެވިފައިވާ ޕްލޭންތަކާއި ބެހޭގޮތުން އަދި، މިކަންކަމުގައި ކުރިމަތިވާ ދަތިތަކާ ބެހޭ ގޮތުން ނައިބު ރައީސް މައުލޫމާތު ހޯއްދެއްވި ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.

މަޝްވަރާ ބައްދަލުވުމުގައި ހަޔަ އެޑިޔުކޭޝަން މިނިސްޓަރު ޑރ. އިބްރާހީމް ހަސަން އާއި، އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ އާއި، އިސްލާމިކް މިނިސްޓަރު ޑރ. އަހްމަދު ޒާހިރުގެ އިތުރުން ގައުމީ ޔުނިވަސިޓީއާ ރާއްޖޭގެ އިސްލާމީ ޔުނިވަސިޓީގެ އިސްވެރިން، އަދި މަތީ ތައުލީމާ ގުޅޭ އެހެން ބައެއް އިދާރާތަކުގެ އިސްވެރިން ބައިވެރިވެ ވަޑައިގެންނެވިއެވެ.