ކޮވިޑް-19 ގެ ސަބަބުން ދައުލަތުގެ މާލީ ހާލާތު ބޮޑު ތަނުން ދަށްވެފައިވާ މި ދަނޑިވަޅުގައި ފިނޭންސް މިނިސްޓްރީގެ އެއްވެސް ހުއްދައެއް ނެތި މަގާމުތަކަށް މުވައްޒަފުން ނުނެގުމަށް ސަރުކާރު އޮފީސްތަކަށް އަންގައިފިއެވެ.

ކޮވިޑް-19 ގެ ސަބަބުން ދައުލަތުގެ ހަރަދުތައް ކުޑަ ކުރުމުގެ ގޮތުން މުވައްޒަފުންގެ މުސާރަ އަށް ގެނެސްފައިވާ ބަދަލުތައް ހާމަކޮށް އެ މިނިސްޓްރީން ރޭ ނެރެފައިވާ ސާކިއުލާއެއްގައި ބުނީ މިހާލަތުގައި މުވައްޒަފުންނަށް ދެމުން ނުދާ އެއްވެސް އާ އެލަވަންސް އެއް ދީގެން ނުވާނެ ކަމަށެވެ. އެއްވެސް އާ މަގާމަކަށް އެ މިނިސްޓްރީގެ ހުއްދަ ނެތި މުވައްޒަފަކު ނަގައިގެން ނުވާނެ ކަމަށާއި ވަޒީފާއިން ވަކިވާ މުވައްޒަފުންގެ ބަދަލުގައި ވެސް އެއްވެސް މުވައްޒަފަކު އެ މަގާމަށް ނަގައިގެން ނުވާނެ ކަމަށެވެ.

ފިނޭންސް މިނިސްޓްރީން ބުނީ މުސާރަ އާއި އިނާޔަތްތަކުގެ ބޭރުން އޮފީސްތަކުގެ އާންމު ހަރަދުތަކުގެ ތެރެއިން މުވައްޒަފުންނާއި އެހެނިހެން ފަރާތްތަކަށް ހަމަޖައްސާ އެކި "ބެނިފިޓްސް" [އިންޝުއަރެންސް ފަދަ ކަންކަން] އެ މިނިސްޓްރީގެ ހުއްދަ ނެތި ނުދިނުމަށާއ އަދި މުއްދަތު އިތުރު ނުކުރުމަށް އިލްތިމާސް ކުރާ ކަމަށެވެ.

ފިނޭންސް މިނިސްޓްރީން ވަނީ ކޮވިޑް-19 ގެ ސަބަބުން މުވައްޒަފުންގެ މުސާރަތަކަށް ވެސް ބަދަލުތަކެއް ގެނެސްފައެވެ. އެގޮތުން ވަކި މިންވަރަކަށް ވުރެ މަތިން މުސާރަ ލިބޭ މުވައްޒަފުންގެ މުސާރަތައް އުނި ކުރުމަށް ވަނީ ނިންމާފައެވެ.

ފިނޭންސުން ރޭ އާއްމު ކޮށްފައިވާ ސާކިއުލާގައި ވަނީ އަސާސީ މުސާރައިގެ ގޮތުގައި 60،000 ރުފިޔާ އަށްވުރެ މަތިން މުސާރަ ލިބޭ މުވައްޒަފުންގެ އަސާސީ މުސާރައިން 35 ޕަސެންޓު އުނިކޮށްފައިވާ ކަމަށެވެ. އަސާސީ މުސާރައިގެ ގޮތުގައި 30،000 ރުފިޔާއާ 60،000 ރުފިޔާއާ ދެމެދުގެ އަދަދަކަށް މުސާރަ ލިބޭ މީހުންނަށް 30 ޕަސެންޓު އުނިކޮށްފައިވާއިރު 20،000 ރުފިޔާއަށް ވުރެ ދަށުން އަސާސީ މުސާރަ ލިބޭ އެއްވެސް މުވައްޒަފެއްގެ މުސާރަ އުންޏެއް ނުކުރާނެއެވެ. އަދި 20،000 ރުފިޔާއާ 30،000 ރުފިޔާއާ ދެމެދުގެ މުސާރަ ލިބޭ މުވައްޒަފުންގެ މުސާރައިން 20 ޕަސެންޓު އުނިކުރާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޙަސަނާ

    ކޮންމެމީހަކު ރައީސްކަމުގަ ހުއްޓަސް ސަރުކާރައްހިދުމަތްކުރުމައް އޮންނަމުއައްސަސާ އަކީ ސިވިލްސާވިސް ކަމައްވެފާ އެއީ ސަރުކާރުގެ މަސައްކަތްކުރަން ގަވާއިދުން އިއުލާނު ކޮއް އިންޓަވިއުކޮއް ތައުލީމީ ފެންވަރައްބަލައިގެން މަގާމުތަކައްހޮވާފަ ތިބި ބައަކައްވާއިރު ދެން ކޮންހާސިޔާސީމަގާމެއްތޯ މިހައްދަވަނީ ދައުލަތުގެ މާލިއްޔަތު ހުސްކުރަން ނޫންދެންކޮންކަމެއްތޯ މިކަމައްހައްލެއްނާންނަހާދުވަހު ގައުމުގެ ދަރަނި ދުވަހަކުވެސް ކުޑައެއްނުވާނެ ކަންޔަގީނެވެ.

  2. ނަައީމް

    މިސަރުކާރުގެ ކޮންމެ ވެރިކަމެއްގަ ނުޖެހޭތޯ މުވައްޒިފުންގެ މުސާރި ކުޑަކުރާން ޔާމީން ރައީސް ކުރީބޯޑު މަދުކުރިބައި ގަނޑުކޮށްދިނީ ވިސްނާލަބަލަ ނިކަން