ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 ނޫން އެހެން ބަލިތަކަށް ފަރުވާދިނުމުގެ އިންތިޒާމްތަކާއި ޞިއްޙީދާއިރާގެ ޚިދުމަތްތައް ހަމަޖެހިފައިވާ ގޮތްތަކާ ގުޅޭގޮތުން އަތޮޅުތެރޭގެ ހޮސްޕިޓަލްތަކުގެ އިސްފަރާތްތަކާއި، ޞިއްޙީ ދާއިރާގެ އިސްފަރާތްތަކާއެކު ނައިބު ރައީސް ފައިސަލް ނަސީމް، މިއަދު މަޝްވަރާ ކުރައްވައިފިއެވެ.

އޮންލައިންކޮށް ބޭއްވެވި މި މަޝްވަރާ ބައްދަލުވުމުގައި ރީޖަނަލް ހޮސްޕިޓަލުތަކާއި، އަތޮޅު ހޮސްޕިޓަލްތަކުގެ އިސްވެރިންނާއި، މިނިސްޓަރ އޮފް ހެލްތް ޢަބްދުﷲ އަމީން އާއި، އާސަންދަ ކުންފުންޏާއި، ތެލްސީމިއާ ސެންޓަރުގެ އިސްވެރިން ބައިވެރިވެ ވަޑައިގެންނެވިއެވެ.

މިއަދުގެ ބައްދަލުވުމުގައި ނައިބު ރައީސް ވަނީ ކޮވިޑް-19 ފެތުރިފައިވާ މި ދުވަސްވަރު އެހެން ބަލިތަކަށް ފަރުވާ ހޯދާ ފަރާތްތަކަށް ފަރުވާ ދިނުމަށް ހަމަޖެހިފައިވާ އިންތިޒާމުތަކާއި، މިކަންކަމުގައި ދިމާވާ ދަތިތައް އޮޅުންފިލުއްވާފައެވެ. މީގެއިތުރުން ޚާއްޞަ ބަލިތަކަށް ފަރުވާ ހޯދާ ފަރާތްތަކަށް ފަރުވާދިނުމުގެ އިންތިޒާމުތައް އަތޮޅުތަކުގައި ހަމަޖެހިފައިވާ ގޮތްތަކާއި، ރީޖަނަލް ހޮސްޕިޓަލްތަކާއި، އަތޮޅުގެ އެހެން ޞިއްޙީ ޚިދުމަތްދޭ ތަންތަނަށް ދިމާވާ ދަތިތަކާ ގުޅޭގޮތުން ވެސް ރައީސުލްޖުމްހޫރިއްޔާގެ ނައިބު މަޢުލޫމާތު ހޯއްދަވާފައިވެއެވެ.

އަދި، މާލެއާއި އަތޮޅުތަކުގައި ކޮވިޑް-19 އާއި ގުޅިގެން އެކިއެކި ޙާލާތްތައް މެދުވެރިވެ އެހީއަށް ބޭނުންވެފައިވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ އިންތިޒާމުތައް ހަމަޖެހިފައިވާ ގޮތާބެހޭގޮތުންވެސް ނައިބު ރައީސް މަޝްވަރާ ކުރެއްވެވިއެވެ.

މި ބައްދަލުވުމުގައި ބައިވެރިވި އަތޮޅު ހޮސްޕިޓާތަކާއި ރީޖަނަލް ހޮސްޕިޓަލްތަކުގެ އިސްވެރިން ވަނީ އެ އިދާރާތަކުގެ މަސައްކަތްތަކުގެ އެންމެފަހުގެ މަޢުލޫމާތުތައް ނައިބު ރައީސް އާއި ޙިއްޞާކުރައްވާފައެވެ. އެގޮތުން މިހާލަތާ ގުޅިގެން އެހީތެރިކަން ބޭނުންވެފައިވާ ފަރާތްތަކުގެ ޢަދަދު އިތުރުވަމުންދާތީ އެފަރާތްތަކުގެ ކަންކަން މެނޭޖްކުރުމަށް މިހާރު ކުރަމުންގެންދާ އިންތިޒާމުތަކުގެ މަޢުލޫމާތު އިދާރާތަކުން ޙިއްޞާކުރެއްވިއެވެ.

ހަމަ އެއާއެކު އެބޭފުޅުން ވަނީ ޚާއްޞަ ބަލިތަކަށާއި އެހެނިހެން އާންމު ބަލިތަކަށް ބޭނުންވާ ބޭހާއި ބައެއް މެޑިކަލް ކޮންސިއުމަބުލް ލިބުމުގައި ހުރި ދަތިތައް ފާހަގަކުރައްވާ އެކަމާމެދުހުރި ކަންބޮޑުވުންތައް ފާޅުކުރައްވާފައެވެ.

މި ބައްދަލުވުން ނިންމަވާލައްވަމުން ނައިބު ރައީސް ވަނީ، މި އުނދަގޫ ޙާލަތުގައި ފަރުވާގެ ކަންކަން މެނޭޖްކުރުމުގައި ހޮސްޕިޓަލްތަކާއި އަތޮޅުތަކުގެ ޞިއްހީ ޚިދުމަތްދޭ ތަންތަނުން ކުރައްވާ މަސައްކަތްތައް ފާހަގަކުރައްވާފައެވެ. އަދި ކޮވޮޑް-19 ފެތުރިފައިވާ މި ހާލަތުގައި އުމުރުން ދުވަސްވީ މީހުން، ރައްކާތެރިކަމުގެ ގޮތުން އަމަލު ބަހައްޓަންޖެހޭ ގޮތުގެ މަޢުލޫމާތުފަދަ މަޢުލޫމާތު ކަމާގުޅޭ ހުރިހާ އިދާރާތައް ގުޅިގެން ފޯރުކޮށްދިނުމުގެ މުހިންމުކަމާއި، މާބަނޑު މީހުންނަށާއި، ޑައިލެސިސް ހަދާ ފަރާތްތަކަށް ބޭނުންވާ ފަރުވާގެ ކަންކަންފަދަ އިންތިޒާމުތައް އަތޮޅުތަކުގައި ހަމަޖެހިފައި ހުރުމުގެ މުހިންމުކަން ވެސް އެމަނިކުފާނު ފާހަގަކުރެއްވި އެވެ.

މީގެ އިތުރުން އެމަނިކުފާނު ވަނީ އެސްޓީއޯ އާއި ކަމާގުޅުންހުރި އެހެން އިދާރާތަކާއި މަޝްވަރާކުރުމަށްފަހު ހޮސްޕިޓާތަކަށް ދިމާވާތަދިތައް ހައްލުކުރުމަށް މަސައްކަތް ކުރައްވާނެކަމުގައި ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ކޮރަލް

    ވ ބޭނުން ތެރި ކަމެކެވެ.

  2. ހަސަދު

    މިހާރު އެއްވެސް ބައްޔަކަށް ފަރުވާ އެއް ނުލިބޭ. ޑަކުތަރަކާ ވާހަކަ ދައްކާލަންވެސް 200 ރުފިޔާ އެބަނަގާ. މިއީ ދެން ބޮޑުވަރު. ޑަކުޓަރުން ވެސް ފައިސާގެ ދަހިވެތި ކަމުގާ ތެޅިފޮޅެނީ. އަދި އެއޮށް އެޗުޕީއޭގެ ޑަކުތަރުން ދައްކާ ވާހަކަ ތަކޯ. ދެފަހަރު ދެގޮތަށް. މިހާރު ގައުމަށް އެބަ ބެނުންވޭ ހަރުދަނާ ލީޑަރެއް.

  3. ޙުސޭނު

    މިއަށްވުރެން ބޭކާރު މީހެއް ބޮޑު މުސާރައެއް ދީފަ ސެކިއުރިޓީ+އެކޮމަޑޭޝަން ދީފަ ހުރި ގައުމެއް ސިޓީއެއް ދުނިޔޭގަ ވޭބާއެވެ... ހު ްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްް

  4. ކެނެރީ

    މީދެއް ކާކުތަ މާމޮޅުވާހަދައްކަށް ތަނެއްގާ ހުރި މޮޔައެއް