ކ. ހިންމަފުށީގައި ހުންނަ ޑްރަގް ޓްރީޓްމަންޓް އެންޑް ރިހެބިލިޓޭޝަން ސެންޓަރުން ފަރުވާ ހޯދަމުން ދިޔަ ތިން މީހަކު ކޮވިޑް-19 އަށް ފައްސިވުމާ ގުޅިގެން އެ ރަށުން 146 ސުންކު (ސާމްޕަލް) ނަގާފައިވާ ކަމަށް ނެޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއޯއީސީ) އިން ރޭ ބުނެފިއެވެ.

އެންއޯއީސީގެ ތަރުޖަމާނު އަދި ރައީސް އޮފީހުގެ އަންޑަ ސެކްރެޓަރީ މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ ހިންމަފުށީގައި ސަވައިލަންސް ސާމްޕަލިންގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ. އެގޮތުން ޑްރަގް ޓްރީޓްމަންޓް ރިހެބިލިޓޭޝަން ސެންޓަރުން 36 ސުންކު ނަގާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެއިތުރުން ހިންމަފުށީގައި ހުންނަ އައްސޭރި ޖަލުން 37 ސުންކު، އިންޑަސްޓްރިއަލް ޒޯނުން 45 ސުންކު، އަދި ހިންމަފުށި އާބާދީގެ ތެރެއިން 28 ސުންކު ނަގާފައިވާ ކަމަށް ވެސް މަބްރޫކް ވިދާޅުވިއެވެ.

"ސުންކުތަކުގެ ނަތީޖާ އަށް އަޅުގަނޑުމެން މަޑު މި ކުރަނީ،" މަބްރޫކް ވިދާޅުވިއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ލަފާކުރާ ގޮތުގައި ރިހެބަށް ކޮވިޑް-19 ފެތުރުނީ މިދިޔަ މަހުގެ 13 ވަނަ ދުވަހު އެ ތަނަށް ފަރުވާއަށް ގެންދިޔަ ހަތަރު މީހުންގެ ތެރެއިން މީހެއްގެ ފަރާތުންނެވެ. ކޮވިޑް-19 އަށް ރިހެބުން ފައްސިވި މީހުންގެ ތެރޭގައި އެ ހަތަރު މީހުންގެ ތެރެއިން އެކަކު ހިމެނެއެވެ. އެ މީހާ މާލޭގައި އުޅުނުއިރު ދިޔަ ގެއެއްގެ ބިދޭސީއަކު ވަނީ އެ ބައްޔަށް ފައްސިވެފައެވެ.

ޑްރަގް ޓްރީޓްމަންޓް އެންޑް ރިހެބިލިޓޭޝަން ސެންޓަރުން ކޮވިޑް-19 އަށް ފައްސިވެފައި ވަނީ އަންހެނަކާއި ދެ ފިރިހެނުންނެވެ. އަދި އެ ރަށުން ކޮވިޑް-19 ފެނުމާ ގުޅިގެން އެ ރަށް މިހާރު އޮތީ މޮނިޓަރިން ހާލަތަށް ގެނެސްފައެވެ.