މި އަހަރުގެ ފިތުރު އީދު ނަމާދު ގޭގައި ތިބެ ކުރުމަށް އިސްލާމިކް މިނިސްޓްރީން އަންގައިފިއެވެ.

އިސްލާމިކް މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ވަނީ އީދު ނަމާދުގެ ބޮޑު ޖަމާއަތް ގާއިމު ކުރުމަކީ ވަރަށް މަތިވެރި ޝިއާރަކަށްވި ނަމަވެސް ދުނިޔެއަށް ކުރިމަތިވެފައިވާ ނުރައްކާތެރި އާލަމީ ވަބާ އިން ރައްކާތެރިވުމަށް ގެއިން ބޭރަށް ނުކުމެ ގިނަ މީހުން އެއްތަނަކަށް އެއްވެ އުޅުން މަނާވެ، މިސްކިތްތަކުގެ ޖަމާއަތް ހުއްޓާލެވި ގޭގައި މަޑު ކުރަން ޖެހިފައިވާ ކަމަށެވެ.

މިފަދަ ޝަރުއީ އުޒުރެއްގެ ސަބަބުން އީދު ނަމާދުގެ އާންމު ބޮޑު ޖަމާއަތް ގާއިމް ނުކުރެވޭ ފަދަ ހާލަތެއް މެދުވެރިވެއްޖެ ނަމަ، ފަރުދީ ގޮތުން ގޭގައި ތިބެ އެ ޝިއާރު ގާއިމު ކުރުން ޝަރުއުވެގެންވާ ކަމަށް އިސްލާމިކް މިނިސްޓްރީގެ ބަޔާނުގައިވެއެވެ.

"އެގޮތުން ޝަރުއީ އުޒުރެއްގެ ސަބަބުން އީދުގެ ބޮޑު ޖަމާއަތް ފާއިތުވެއްޖެ ނަމަ، އަނަސްގެފާނު ގޭގައި އަހުލުންނާ އެކު ޖަމާއަތުގައި ގޭގައި ނަމާދު ކުރައްވާ ކަމަށް ސައްހަ ރިވާޔަތްތަކުން ވާރިލުވެ އައިސްފައިވެއެވެ،" ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

އިސްލާމިކް މިނިސްޓްރީން ބުނި ގޮތުގައި އެފަދަ ހާލަތްތަކުގައި އީދު ނަމާދު ކުރާނީ މައިދާނުގައި ނުވަތަ މިސްކިތްތަކުގައި ނަމާދު ކުރާ ގޮތަށެވެ. ނަމަވެސް އީދު ނަމާދުގެ ހުތުބާއަކީ ހާކިމްގެ އަމުރަށް ބޮޑު ޖަމާއަތުގައި ކިޔުމަށް އޮންނަ ސުންނަތެއް ކަމުން ގޭގައި އީދު ނަމާދު ކުރާ އިރު، ހުތުބާ ދިނުމެއް ނޯންނާނެ ކަމަށާއި އީދު ނަމާދު ކުރާނީ ބަންގި ގޮވުމާއި ގަމަތް ދިނުމާ ނުލައި ކަމަށް މިނިސްޓްރީން ބުންޏެވެ.

ގޭގައި އީދު ނަމާދު ކުރާ އިރު، އަމަލު ކުރާނެ ގޮތް:

1- އީދު ނަމާދަށް ނިޔަތްގަނެ، ހަށަންބަތް ތަކްބީރު ކިޔައި ހަށަންބަނދެ، ދުއާކޮށް އިސްތިފްތާހް ކުރުން.

2- ހަށަންބަތް ތަކްބީރު ފިޔަވައި ވިދިވިދިގެން ހަތް ތަކްބީރު ކިޔުން. ކޮންމެ ތަކްބީރެއްގައި ދެ އަތް ދެ ކޮނޑާ ހަމައަށް އުފުލުން.

3- އެއަށްފަހު ފާތިހާ ސޫރަތް ކިޔަވައި ސޫރަތުލް އައްލާ ނުވަތަ އެމީހަކަށް ފަސޭހަ ސޫރަތެއް ކިޔުން.

4- އެއަށް ފަހު، އެހެން ނަމާދުތަކެކޭ އެއްފަދަ އިން ފުރަތަމަ ރަކްއަތް ފުރިހަމަ ކުރުމަށް ފަހު ދެވަނަ ރަކުއަތަށް ތެދުވުން.

5- ދެވަނަ ރަކްއަތަށް ތެދުވަމުން ކިއާ ތަކްބީރްގެ އިތުރުން ވިދިވިދިގެން ފަސް ތަކްބީރު ކިޔުން. ކޮންމެ ތަކްބީރެއްގައި ދެ އަތް ދެ ކޮނޑާ ހަމައަށް އުފުލުން.

6- ދެ ވަނަ ރަކުއަތުގައި ފާތިހާ ސޫރަތް ކިޔަވައި ސޫރަތުލް އާޝިޔާ ނުވަތަ އެމީހަކަށް ފަސޭހަ ސޫރަތެއް ކިޔެވުން.

7- ދެ ވަނަ ރަކްއަތް ފުރިހަމަ ކުރުމަށް ފަހު އައްތަހިޔާތު ކިއުމަށް ފަހު ސަލާމް ދިނުން.

ރާއްޖޭގައި އީދު ނަމާދު ކުރަން ފަށާނީ ހެނދުނު 7:30 ގައި ކަމަށް ވެސް އިސްލާމިކް މިނިސްޓްރީން ބުންޏެވެ.

އީދު ނަމާދު ބޮޑު ޖަމާއަތުގައި ނުހެދުނަސް، ގޭގައި އީދު ނަމާދު ކުރުމަށާއި ގިނަ ގިނައިން ތަކްބީރު ކިއުމަށާއި ދުއާކޮށް، ޝަރުއީ ހަމަތަކުގެ މަތިން ރައްކާތެރިކަމާ އެކު ގޭގެ އަހުލުންނާ އެކު އީދު އުފާ ފާޅު ކުރުމަށް އިސްލާމިކް މިނިސްޓްރީން ވަނީ ނަސޭހަތްތެރިވެފައެވެ.

ރާއްޖޭގައި ކޮވިޑް-19 ފެތުރެން ފެށުމާ ގުޅިގެން، ހުރިހާ ރަށެއްގެ މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދު ކުރުން ވަނީ މެދުކަނޑާލައިފައެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ދަރަނި ދަންތުރަ

    ސަރުކާރަށް ސާބަސް އިސްލާމިކު މިނިސްޓަރަށް އައްސަރި ބަހާ ސާބަސް ، ނަމާދު ކުރުން މަނާކުރަންވީނު ލާދީނީ ގުރޫޕު ، ކޮވިޑު އަލާމާތެއްނެތް ރަށް ރަށުގައި ޖަމާއަތުގައި ނަމާދު ކުރީމަ އިބޫ ލޮލަށް ނިދި ނާންނަނީތަ ؟

    9
    16
  2. ާައައިތް

    މިސަރުކާރުން ދެންހިޔެއްނުވޭ މިސްކިތައްއެރިޔަދޭނެހެނެއް.

    9
    12
  3. ހަސަނުބެ

    މިއޮއްކިޔާ 7 ގަޑި ބައެއް.. މިއީ ހަމަ މަޖުބޫރު ކަމެއް ބާ.

    4
    6
  4. މަބޭ

    މާލޭގަމިވަނީ ވަރަެްބޮޑައް ބަލިފެތުރިފަ ނަމަވެސް އެއްގޮތަކައްވެސް ބަލީގެއަލާމާތެއްނެއް ރައްރަށުގަ ކީއްވެހޭ މިސްކިތުގަ ނަމާދުނުކުރެވެންވީ ބަންގިގޮވާއަޑު ގަޑަވެގެން ސަކުވާކުރާބަޔަކު ތިބިސަރުލާރެއްގަ ކަންކަންކުރާނެގޮތް މިފެންނަނީ

    15
    7
  5. ޙHdހHdhd

    މުފްތިމެންކު ވެސް ވިދަޅުވި ގެގައިކުރެވެނެ އޯ

    5
    1