ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރާގައި އދ. މަހިބަދޫއަށް ވަރަށް ބޮޑަށް މޫސުން ގޯސްވެ ވައިގަދަވުމާއި ގުޅިގެން އެރަށު މިސްކިތެއްގެ މުންނާރުން ބައެއް ވެއްޓިއްޖެއެވެ.

ވެއްޓިފައި ވަނީ މަސްޖިދުލް އިހުސާނުގެ މުންނާރުން ބައެކެވެ.

މިކަމާއި ގުޅިގެން "ވަގުތު" އަށް މަޢުލޫމާތު ދެއްވަމުން މަހިބަދޫ ކައުންސިލްގެ ރައީސް އަހުމަދު ހަލީލް ވިދާޅުވީ ވެއްޓިފައި ވަނީ މުންނާރުގެ ބައެއް މިސްކިތުގެ ފުރާޅު މައްޗަށް ވެއްޓި ފުރާޅާއި ސީލިއަން އަށް ވެސް ގެއްލުންތަކެއް ވެފައިވާ ކަމަށެވެ.

އެ މުންނާރަކީ 20 އަހަރަށް ވުރެ ގިނަ އަހަރުވެފައިވާ މުންނާރަކަށްވީ ނަމަވެސް އެ މުންނާރުގެ ހާލަތު ގޯސް ނޫން ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

"އަޅުގަނޑު ހަނދާން ވަނީ 20، 21 އަހަރު ހަމަގައިމުވެސް ވެދާނެ. ވަރަށް ފަހުން އަޅުގަނޑުމެން ސްޕްރޭ ވެސް ޖެހިން މުންނާރަށް. މުންރާރު ބަލި ކަމަކަށް ފާހަގައެއް ނުކުރެވޭ. އާއްމު ގޭގެއަށް ގެއްލުން ވެގެން ރިޕޯޓެއް ނުލިބޭ އަދި. ވައިގަދަ ވަރަށް. ގުދަނަކަށް ގެއްލުންވި. ހާބަރުގައި ހުރި." އޭނާ ވިދާޅުވިއެވެ.

މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރާގައި ރާއްޖޭގެ އެކި ރަށްތަކަށް އެކިވަރުގެ ގެއްލުން ލިބެމުންދާއިރު، މިދުވަސްކޮޅު ރާއްޖޭގެ ރަށްތަކަށް ވައިޖެހޭ މިންވަރު ކުރިއަށް ވުރެ ބާރުކަން ފާހަގަކުރެވެއެވެ. އަދި މިދުވަސްވަރު ބައެއް ރަށްރަށަށް އުދަ އެރުމަކީ އެކަށީގެންވާ ކަމެއްކަން މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ހާމަކުރައްވައެވެ.

މިހާރު ރާއްޖެއަށް ކުރަމުން މިދާ ވިއްސާރަ އަކީ ހުޅަަނގު މޫސުމުގެ ވިއްސާރައެވެ. އަދި ގަދަ ވަޔާއި އެކު ވިއްސާރަކުރާނެ ކަމަށް ލަފާކޮށް ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ރީނދޫ ސަމާލު މިހާރުވެސް ވަނީނެރެފައެވެ.

ރާއްޖެ އަށް އަންނަ މޫސުމީ ބަދަލުތަކަކީ ބޭ އޮފް ބެންގާލް ސަރަހައްދުގައި އުފެދުނު ތޫފާން "އެމްފަން"ގެ އަސަރުކަމަށް ބައެއް ފަރާތްތަކުން ބުނި ނަމަވެސް އެ ތޫފާން ދަނީ ރާއްޖެ އާއި ދުރަށް ކަމަށާ، އޭގެ އަސަރު ރާއްޖެއަށް ނުކުރާނެ ކަމަށް މޫސުމާއި ބެހޭ އިދާރާއިން ވިދާޅުވެފައިވެއެވެ.

އެހެންނަމަވެސް ތޫފާން "އެމްފަން" ގެ ނުރައްކާ ކުރިޔަށް އޮތް ދުވަސްތަކުގައި ބޮޑުވާނެ ކަމަށާ، ތޫފާނުގެ އަސަރު ގިނަ ގައުމުތަކަށް ފޯރާނެ ކަމަށް ބައިނަލްއަގުވާމީ ކަމާބެހޭ ފަރާތްތަކާއި ހަވާލާދީ މިޑިއާ ރިޕޯޓްތައް ބުނެއެވެ.