ކޮވިޑް19އާ ގުޅިގެން ސަރުކާރުން ކުރާ ހަރަދުތަކުގެ ހާއްސަ އޮޑިޓެއް 45 ދުވަހުގެ ތެރޭގައި ހެދުމަށް އޮޑިޓަރ ޖެނަރަލް ހަސަން ޒިޔަތަށް އަންގަން މާލިއްޔަތު ކޮމެޓީން މިއަދު ފާސްކޮށްފިއެވެ.

މާލިއްޔަތު ކޮމެޓީ އަށް މިކަން ހުށަހެޅުއްވީ އެ ކޮމެޓީގައިވެސް ހިމެނިވަޑައިގަންނަވާ ދާންދޫ ދާއިރާގެ މެންބަރު ޔައުގޫބު އަބްދުﷲއެވެ. ޔައުގޫބު ހުށަހެޅުއްވި ހުށަހެޅުމަށް ތާއިދު ކުރެއްވީ ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމެވެ.
ޔައުގޫބުގެ މި ހުށަހެޅުން މިއަދު ބޭއްވި މާލިއްޔަތު ކޮމެޓީގައި ފާސްވީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އަގުލަބިއްޔަތުންނެވެ. ޔައުގޫބުގެ އެ ހުށަހެޅުއްވުމަށް އެއް މެންބަރަކު ވޯޓު ނުދެއްވައެވެ. ނަމަވެސް އެއީ ކޮން މެންބަރެއް ކަމެއް ނޭނގެއެވެ.
ދާދިފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވާހަކަދައްކަވަމުން ވިދާޅުވީމިހާތަނަށް ކޮވިޑް-19 އާއި ގުޅިގެން ކުރެވޭ ހަރަދުތަކެގެ ހާއްސަ އޮޑިޓެއް ކުރުމަށް ފިނޭންސް މިނިސްޓްރީގެވެސް ސްޓޭޓް އިންޓާނަލް ކޮމިޓީން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.އެގޮތުން މި ހަފްތާގައި މިނިސްޓްރީ އޮފް ހެލްތް، މިނިސްޓްރީ އޮފް ޑިފެންސް، މޯލްޑިވްސް އިމިގްރޭޝަން، ނެޝަނަލް ޑިޒާސްޓަރ މެނޭޖްމެންޓް އޮތޯރިޓީ، ޕޮލިސް ސާވިސް، ޓޫރިޒަމް މިނިސްޓްރީ، ފޮރިން އެފެއާޒް، ނޭޝަނަލް ޕްލޭނިން އެންޑް އިންފްރާސްޓްރަކްޗާ އަދި ޖެންޑަރ ފަމިލީ އެންޑް ސޯޝަލް ސާވިސަސް މިނިސްޓްރީއިން ކޮށްފައިވާ ހަރަދުތަކުގެ އޮޑިޓެއް ކުރެވޭނެ ކަން އޭނާ ވަނީ ފާހަގަކޮށްފައެވެ.

މިއަދުގެ ކޮމެޓީގެ ބައްދަލުވުމުގައި މެންބަރުން ވަނީ ވީ އެންމެ އަވަހަކަށް އޮޑިޓުގެ މަސައްކަތްތައް ކުރުމުގެ މުހިއްމު ކަމުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. ހާއްސަކޮށް ކޮވިޑާ ގުޅިގެން ސަރުކާރުން ކުރާ ހަރަދުގެ 72 ޕަސެންޓް ހަރަދު ކުރަނީ އެސްޓީއޯ މެދުވެރިކޮށް ކަމަށް ބުނެފައިވާތީ މެންބަރުން ވަނީ އެ ހަރަދު ކުރާ ގޮތް ވީ އެންމެ އަވަހަކށް ހޯދަންޖެހޭ ކަމަށް ވިދާޅުވެފައެވެ.

މެންބަރުން ވަނީ ސަރުކާރުން ކޮވިޑާއި ގުޅިގެން މިހާރު ކުރަމުން އަންނަ ހަރަދުތަކުގެ އޮޑިޓު މަސައްކަތް ނިމުމުން ކޮށްފި ނަމަ ދައުލަތަށް ލިބިގެންދާ ގެއްލުން ބޮޑުވާނެ ކަމަށް ވިދާޅުވެފައެވެ.

ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވަނީ ކޮވިޑް-19 އާ ދެކޮޅަށް ކުރަމުންދާ މަސައްްކަތަށް އެސްޓީއޯ މެދުވެރިކޮށް މިހާތަނަށް ބަޖެޓުގެ 72 ޕަސެންޓް ހަރަދުކޮށްފައިވާތީ އެ ކުންފުނީގެ ހާއްސަ އޮޑިޓެއް ކުރުމަށް އޮޑިޓަރު ޖެނެރަލްގެ އަރިހުން އެދިފައިވާނެ ކަމަށް ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ާސަންތިމަރިޔަބު

    އޮޑިޓަރ ޖެނެރަލް ދުއްވާލުމުގެ ފުރަތަމަފިޔަވަޅު
    ހަމަހިނިއަންނަނީ

  2. ހުސޭނުބޭ

    ކާނެވަރަކަށް ކާފައި ވައެއްލާފައި ދެންތަ އޮޑިޓްކުރާނީ!

  3. ޗާލު

    އާޚިރުގަ ނިމޭނީ ހުރިހާކަމެއްވެސް ދިޔައީ ވަރަށް ބަރާބަރަށްކަމަށް. ވަޒީރުން ވަރަށް އިންސާފުވެރިކަމަށް ނިމިގެން ރައްޔިތުން ގޯސްވެގެން. ވަރަށް ސަލާމް. މެމްބަރުު ރިޔާޒްވެސް ލޮކްޑައުން ހާލަތުގައި ދަތުރުކުރީ ރަނގަޅަށްކަމަށް ކޮމިޓީން ނިންމީ. ޖަމަލުފޮޑި

  4. ޑައެލޯގް

    އިންސާފުވެރި އޮޑިޓެއްނުކުރެވޭނެ މިސަރުކާރަކަށް އެތަންވެސް މިހާރުގަނެނިންމާލައިފިއެވެ.