ހަލުވިކަމާއިކު ރާއްޖޭގައި ކޮވިޑް-19 ފެތުރެމުންދާ މި ދަނޑިވަޅުގައި ޖަލުތަކަށް މި ވައިރަހުގެ އަސަރުކޮށްފައިވޭތޯ ބެލުމަށް، އައްސޭރި ޖަލުންނާއި މާލެ ޖަލުން ހޮނިހިރު ދުވަހު ތަރުތީބެއް ނެތި (ރެންޑަމްކޮށް) ނެގި ހުރިހާ ސުންކެއް (ސާމްޕަލްއެއް) ނައްސި (ނެގެޓިވް) ވެއްޖެ އެވެ.

މިކަން ހާމަކޮށް ކަރެކްޝަނަލް ސާވިސް އިން ވިދާޅުވީ، އައްސޭރި ޖަލުން 25 ޤައިދީން އަދި އޮފިސަރުންނާއި މުވައްޒަފުންގެ ތެރެއިން 12 މީހެއްގެ ސުންކު ނަގާފައިވާ ކަމަށެވެ. އަދި މާލެ ޖަލުން 15 ގައިދީއަކާއި، އެ ޖަލުގައި މަސައްކަތްކުރާ 20 މީހެއްގެ ސުންކު ނަގާފައިވާ ކަމަށް ވެސް އެ އިދާރާއިން ވިދާޅުވިއެވެ.

ކަރެކްޝަނަލް ސާވިސް އިން ވިދާޅުވީ، މި ދެ ޖަލުން ޖުމްލަ 72 ސުންކު ނެގުމުގައި ބަލައިފައިވަނީ ވަކި ޔުނިޓް ތަކުގެ ތެރެއިން ހޮވާލެވޭ ޤައިދީންނާއި، ތަފާތު އެކި ދާއިރާތަކުގައި މަސައްކަތްކުރާ އޮފިސަރުންނަށް ކަމަށެވެ.

އައްސޭރި ޖަލުންނާއި މާލެ ޖަލުން ނެގި ސުންކުތައް ނައްސިވެފައިވާއިރު، މީގެ ކުރިން މާފުށީ ޖަލުން ވެސް ވަކި ތަރުތީބެއް ނެތި ނެގި 38 ސުންކެއްގެ ނަތީޖާ ވަނީ ކޮވިޑް-19 އަށް ނައްސިވެފައެވެ.

މާލެ ސަރަޙައްދަށް ކޮވިޑް-19 ގެ ނުރައްކާ ބޮޑުވެފައި ވާއިރު ރާއްޖެއިން ކޮވިޑް-19 ޖެހުނު މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 1106 އަށް އަރާފައެވެ. އޭގެތެރެއިން ގިނަ މީހުންނަކީ މާލެ ސަރަޙައްދުން މި ބަލި ޖެހުނު މީހުންނެވެ.

ރާއްޖެއިން މި ބަލި ޖެހުނު މީހުންގެ ތެރެއިން މިހާތަނަށް 74 މީހަކު ރަނގަޅުވެފައި ވާއިރު ކުރިން އައިސީޔޫގައި ފަރުވާދިން ފަސް މީހުންގެ ހާލު ރަނގަޅުވެ ވޯޑަށް ބަދަލުކޮށްފައިވާ ކަމަށް އެޗްޕީއޭއިން ވިދާޅުވެއެވެ.

ރާއްޖެއަކީ ދެކުނު އޭޝިއާ ސަރަޙައްދުން ހަތަރުވަނައަށް އެންމެ ގިނަ ބަޔަކު ކޮވިޑް-19 އަށް ފައްސިވެފައިވާ ޤައުމެވެ.