ރާއްޖެއަށް މި ދުވަސްވަރު ކުރަމުންދާ ވިއްސާރައިގައި، ގއ. ކޮލަމާފުއްޓަށް ވަރަށް ބޮޑަށް އުދަ އަރައި ބައެއް ގޭގެއަށް ގެއްލުން ލިބިއްޖެއެވެ.

ކޮލަމާފުއްޓަށް އުދަ އަރަން ފަށާފައިވަނީ އިއްޔެ މެންދުރު 11:30 ހާއިރުން ފެށިގެންނެވެ.

Kolamaafuttah Udha Aranee

Posted by Vaguthu on Monday, May 18, 2020

އެރަށު ކައުންސިލްގެ ރައީސް، އިބްރާހީމް އަލީމް "ވަގުތު" އަށް މަޢުލޫމާތު ދެއްވަމުން ވިދާޅުވީ، ރަށަށް އުދަ އެރުމުގެ ސަބަބުން ފަސްވަރަކަށް ގެޔަކަށް ފެން ވަދެ ހިފާގެންގުޅޭ ތަކެއްޗަށްވެސް ގެއްލުން ލިބިފައިވާ ކަމަށެވެ. މީގެ އިތުރުންވެސް ވަރަށް ގިނަ ގެތަކުގެ ގޯތިތެރެޔަށް ވަރަށް ބޮޑަށް ފެން ވެދެފައިވާ ކަމަށް އަލީމް ވިދާޅުވިއެވެ.

ކޮލަމާފުއްޓަށް އުދައަރާފައި - ފޮޓޯ: ކޮލަމާފުށީ ކައުންސިލް

އަލީމް ވިދާޅުވީ، އިއްޔެ އެރަށަށް ވަރަށް ބޮޑަށް އުދަ އަރަމުން ދިޔަނަމަވެސް، މިވަގުތު ކޮންމެވެސް ވަރަކަށް އުދައެރުން ކޮންޓްރޯލް ވެފައިވާ ކަމަށެވެ. ނަމަވެސް މާދަމާވެސް ދިޔަވަރު ބޮޑުވާ ވަގުތުގައި ރަށަށް އުދަ އަރާނެ ކަމަށް ބެލެވޭ ކަމަށް އޭނާ ވިދާޅުވިއެވެ.

"މިއަދު މެންދުރު ގާތްގަނޑަކަށް 11:30 އިން ފެށިގެން ހަމަ އުދަ އަރަމުން ދަނީ. އެކަމަކު މިހާރު ކޮންމެވެސް ވަރަކަށް ކޮންޓްރޯލް ވެފަ އޮތީ. އެހެން ނަމަވެސް ލޮނު އަދިވެސް އެއްކޮށެއް ބޭރުކޮށްނުލެވޭ. ރަށުތެރޭގަ ގާތްގަނޑަކަށް ބުނަންޏާ ރަށުގެ ތިންބައިކުޅަ އެއްބައިގައި ހަމަ އަދިވެސް ފެން އެބައޮތް" އަލީމް ވިދާޅުވިއެވެ.

ކޮލަމާފުއްޓަށް އުދައަރާފައި - ފޮޓޯ: ކޮލަމާފުށީ ކައުންސިލް

އަލީމް ވިދާޅުވީ، ކޮލަމާފުއްޓަށް މިވަގުތު ވިއްސާރަ ނުވީނަމަވެސް، އެރަށަށް ވައިގަދަވަމުން އަންނަ ކަމަށެވެ.

ކޮލަމާފުއްޓަށް އުދައަރާފައި ވަނީ، އެރަށް ހިމެނޭހެން ރާއްޖޭގެ ބޮޑު ބަޔަކަށް މޫސުން ގޯސްވުމާއި ގުޅިގެން ރީނދޫ ސަމާލު ނެރެފައި ވަނިކޮށެވެ.

ކޮލަމާފުއްޓަށް އުދައަރާފައި - ފޮޓޯ: ކޮލަމާފުށީ ކައުންސިލް

ރާއްޖޭގެ އެކި ކަންކޮޅުތަކަށް ކުރަމުންދާ ވިއްސާރަ އާއި ގުޅިގެން، ކުރިޔަށް އޮތް ވަގުތުތަކަށް މޫސުން ލަފާކުރާގޮތް ހާމަކޮށް މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ވިދާޅުވެފައި ވަނީ، ރާއްޖޭގެ ބޮޑު ބަޔަކަށް ގުގުރުމާއެކު ވިއްސާރަކުރާނެ ކަމަށާއި ބައެއް ރަށްތަކަށް ވައިގަދަވާނެ ކަމަށެވެ.

އަދި ދިޔަވަރު ބޮޑުވާ ވަގުތުތަކުގައި ބައެއް ރަށްތަކަށް އުދައެރުމަކީ އެކަށީގެންވާ ކަމެއް ކަމަށާއި، ރާއްޖޭގެ ކަނޑުތައް އާންމުގޮތެއްގައި ގަދަވާނެ ކަމަށް ވެސް އެ އިދާރާއިން ވިދާޅުވެފައި ވެއެވެ.