އދ. މަހިބަދޫގައި އޭޕްރީލް 15 ވަނަ ދުވަހު ހިންގި އަލިފާނުގެ ހާދިސާ އާއި ރާއްޖޭގެ ރިސޯޓްތަކާއި ކަނޑު އުޅަނދު ފަހަރުގައި ކުރިން ހިނގި އަލިފާނުގެ ހާދިސާތަކާ ގުޅުން ހުރުން އެކަށީގެންވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާއި ބެހޭ ކޮމިޓީން ހާމަކޮށްފިއެވެ.

ކޮވިޑް-19 އާ ގުޅިގެން ގައުމީ ސަލާމަތަށް އިތުރު ނުރައްކަލެއް އޮތްތޯ ބެލުމަށާއި ޓޫރިޒަމް ސިނާއަތަށް ކޮށްފާނެ އަސަރު ދެނެގަތުމަށް ސަލާމަތީ ޚިދުމަތްތަބާހޭ ކޮމިޓީން ދިރާސާކޮށް ނިންމި ގޮތުގެ ރިޕޯޓުގައި ވަނީ މަހިބަދޫގައި ފަސް ލޯންޗަކާއި ދެ ޑިންގީއެއްގައި ހިނގި އަލިފާނުގެ ހާދިސާއަކީ ގަސްދުގައި ބަޔަކު ހިންގި އަމަލެއް ކަމަށާއި އެ ހަމަލާގެ ޒިންމާ އައިއެސް އިން އުފުލާފައިވާ ކަމަށެވެ.

އައިއެސް އިން އެކަން ކުރީ އެކަމަށް ހާއްސަކޮށްގެން ހަދާފައިވާ އާލާތްތަކެއް ބޭނުންކޮށްގެން ކަން މީޑިއާތަކުން އެނގޭ ކަމަށް ރިޕޯޓުގައިވެއެވެ. އަދި އެކަން ކުރީ ކޮވިޑް-19 އަށް އެންމެންގެ ސަމާލުކަން ހުއްޓިފައިވާ ދަނޑިވަޅުގައިކަން އެނގޭ ކަމަށާއި އެ ހާދިސާ ހިނގާފައިވަނީ މީޑިއާގެ ވަސީލަތެއް މެދުވެރިކޮށް ކުރިއާލައި މެސެޖެއް ފޮނުވުމަށް ފަހުގައި ކަމަށް ވެސް މަޖިލިހުގެ ކޮމިޓީގެ ރިޕޯޓުގައިވެއެވެ.

އެ ހަމަލާ އަށް ފަހު، މިއީ އައިއެސް އިން ގަސްދުގައި ދިން ޓެރަރިސްޓް ހަމަލައެއް ކަމަށް ބުނެފައިވާ އިރު، ރާއްޖޭގެ ރިސޯޓުތަކާއި ކަނޑުއުޅަނދުތަކުގައި ހިނގާފައިވާ މިފަދަ އަލިފާނުގެ ހާދިސާތަކާއި މަހިބަދޫގައި ހިނގި ހާދިސާއާ ގުޅުމެއްވާ ކަމަށް ލަފާ ކުރެވޭ ކަމަށް ރިޕޯޓުގައިވެއެވެ.

ކޮމިޓީއިން ސާފުކުރި މައުލޫމާތުތަކުން، ގައުމާއި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅޭ ކަންބޮޑުވުންތަކެއް ހުރި ކަމަށް ރިޕޯޓުގައިވެއެވެ.

އެހެންކަމުން އެ މައްސަލަ އިތުރު މައްސަލައެއްގެ ގޮތުގައި ކޮމިޓީއަށް ހުށަހަޅައި ކުރިއަށް އޮތް އަވަސް މުއްދަތެއްގައި އެ މައްސަލަ މި ކޮމިޓީން ބަލާނެ ކަމަށް ވެސް ރިޕޯޓުގައިވެއެވެ.

މަހިބަދޫގައި ހިނގި އަލިފާނުގެ ހާދިސާއަކީ ބަޔަކު ގަސްދުގައި ދިން ހަމަލާއެއް ކަމަށް ފުލުހުން ކުރިން ވަނީ ބުނެފައެވެ.

މިކަމަކީ ބޭރުގެ ހަނގުރާމަވެރި ޖަމާއަތަކުން ހިންގާފައިވާ ކަމެއް ކަމަށް ބައެއް މީޑިއާތަކުގައި ބުނެފައިވާތީވެ އެ މައުލޫމާތުގެ ސައްހަކަން ކަށަވަރުކުރުމުގެ މަސައްކަތް ފުލުހުން ކުރަމުންގެންދާ ކަމަށާއި، މިހާތަނަށް ބެލިބެލުމުން މި ހާދިސާއަކީ ފަހަކަށް އައިސް ރާއްޖޭގައި ހިންގާފައިވާ ބައެއް އަލިފާނުގެ ހާދިސާތަކާ އެއްގޮތް ކަންތައްތަކެއް ހިނެމޭ ކަމެއް ކަން ފާހަގަކުރެވިފައިވާ ކަމަށް ފުލުހުން ވިދާޅުވެއެވެ.

ރާއްޖޭގައި ހަރުކަށި ފިކުރުގެ ޖަމާއަތްތަކާ ދެކޮޅަށް ފުލުހުންނާއި ދައުލަތުގެ ކަމާގުޅޭ ފަރާތްތަކުން އަޅަމުންދާ ފިޔަވަޅުތަކާ ގުޅިގެން ބަދަލުހިފުމުގެ ގޮތުންނާއި އަދި ވަކިގޮތަކަށް ކަންކަން ކުރުމަށް މަޖުބޫރު ކުރުވުމުގެ ގޮތުން ރާއްޖޭގައި ހަރުކަށި ފިކުރަށް ތާއީދުކޮށް އެފަދަ ކަންކަމުގައި ބައިވެރިވާ ފަރާތްތަކުން ރާވައިގެން ނުރައްކާތެރި ޖިނާއީ ކުށްކުރުން އިތުރުވެފައިވާކަން ފުލުހުންނަށް ފާހަގަކުރެވިފައިވާތީ، "އިންޓެރިމް ނޭޝަނަލް ސެކިއުރިޓީ އެންހޭސްމަންޓް އެކްޝަން ޕްލޭން" އެއް އެކުލަވާލައި ތަންފީޒުކުރުމުގެ މަސައްކަތުގައި ފުލުހުންނާއި ސިފައިން ދަނީ މަސައްކަތް ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޢިމްރާނު ކެނަރީ ބުއްޅަ

    މި ރާއްޖޭގަ ހުޅުޖަހަނީ ރީނދޫ ގެރިންތައް

  2. Anonymous

    މަހިބަދޫގައި 5 ލޯންޗެއްގައި އަލިފާން ރޯކޮށްލުމުގެ ޓެރަރިޒަމް ހަމަލާ އާއި އެންމެ ބޮޑު ގުޅުމެއް އޮތީ 2012 ފެބްރުއަރީ 8 ވަނަ ދުވަހު ބަޔަކު ނުކުމެ މިގައުމުގައި ހުޅުޖަހާ އަންދާލި ހަމަލާ އާއި. އެދުވަހު އަނދައިގެން ދިޔައީ އެންމެ 5 ލޯންޗެއްނޫން. އެތަށް ރަށެއްގައިހުރި ސަރުކާރު އެތަށް އިމާރާތަކާއި ސަރުކާރާއި އަމިއްލަ އެތަށް ބަޔެއްގެ މުޅި މުދާ ވަނީ އެއްކޮށް އަނދާހުލިވެފައި. މިގައުމުގެ ތާރީޚުގައި އެދުވަހުގެ ގެއްލުންހާ ބޮޑު ގެއްލުމެއް މިގައުމަށް ބަޔަކު ދީފައި ނުވޭ. މިވާހަކަ ދައްކާނެ ބަޔެއްނެތް. މިޢަމަލު ހިންގި މީހުން މިއަދުވެސް ތިބީ ފާޅުގައި ގައުމުގެ މަތިފަޑިއަށްއަރާ.