އިނގިރޭސިވިލާތުގެ ލަންޑަނުގައި ދިވެހި ރައްޔިތަކު ހާލުގައި ޖެހިގެން އެހީއަށް އެދުމުން، ދިވެހި ސަރުކާރުގެ ފަރާތުން އެމީހާއަށް އެހީ ދިނުމަށް ދެކޮޅު ހެދި ކަމަށްބުނެ ބުނާ ވާހަކަ ފޮރިން މިނިސްޓްރީން ދޮގުކޮށްފިއެވެ.

ފޮރިން މިނިސްޓްރީގެ ކޮމިއުނިކޭޝަން ޑިރެކްޓަރު މިއުވާން މުހައްމަދު "ވަގުތު" އަށް މިކަމާއި ގުޅޭ މައުލޫމާތު ހިއްސާ ކުރައްވަމުން ވިދާޅުވީ އެމީހެ ލަންޑަނަށް ދިޔައީ ކެރީބިއަންގެ ގައުމަކަށް ދިއުމުގެ ބޭނުމުގައި ކަމަށެވެ. އެގޮތުން އެމީހާ ލަންޑަނަށް ދިޔައީ ލަންކާގައި ހުރުމަށްފަހު ތުރުކީ މަގުން ކަމަށް މިއުވާން ވިދާޅުވިއެވެ.

އެމީހާ އިނގިރޭސިވިލާތުގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަނަށް ގުޅާފައި ވަނީ މިދިޔަ މާޗު މަހުގެ 24ވަނަ ދުވަހު ކަމަށްވެސް މިއުވާން ވިދާޅުވިއެވެ. މިއުނާވް ވިދާޅުވީ ހައިކޮމިޝަނަށް އެމީހާ ގުޅުމަށްފަހު ކެރީބިއަން އަށް ދިއުމަށް ޓިކެޓު ނަގާފައި ވަނިކޮށް ޓިކެޓު ކެންސަލްވި ވާހަކަ ބުނި ކަމަށާއި އަދި ހައިކޮމިޝަނުން އެދުނީ އަވަހަށް އެމީހާ ފުރުމަށް ކަމަށް މިއުވާން ވިދާޅުވިއެވެ.

އެމީހާ އަވަހަށް ފުރުމަށް ހައިކޮމިޝަނުން އެންގި ސަބަބު ހިއްސާ ކޮށްދެއްވާ މިއުވާން ވިދާޅުވީ އޭނާ ފުރުމަށް ކޮމިޝަނުން އެދުނީ ކޮވިޑް-19 ގެ ސަބަބުން ގައުމުތަކުގެ ބޯޑަރުތައް ބަންދު ކުރަމުން ގެންދާތީ ކަމަށެވެ. އެމީހާ އަށް ރާއްޖެ އާދެވޭނެ ގޮތްތައް ހައި ކޮމިޝަނުން އެމީހާއާ ހިއްސާކުރި ކަމަށާއި އެހެންނަމަވެސް އެމީހާގެ އެއްވެސް ހަބަރެއް ނުވި ކަމަށް މިއުވާން ވިދާޅުވިއެވެ. އެގޮތުން މާޗު މަހުގެ 27ވަނަ ދުވަހު ރާއްޖެ އަންނަ ފްލައިޓެއް އޮތް ވާހަކަ ބުނިއިރުވެސް އެމީހާގެ އަތުގައި އެއްވެސް ފައިސާއެއް ނެތް ކަމުގެ ވާހަކައެއް ބުނެފައި ނުވާ ކަމަށް މިއުވާން ވިދާޅުވިއެވެ.

މިއުވާން ވިދާޅުވީ އެމީހާގެ ހަބަރެއްވީ އޭގެ މަހެއްހާ ދުވަސް ފަހުން މިދިޔަ މަހުގެ 22ވަނަ ދުވަހު ކަމަށެވެ. އެގޮތުން އެ ދުވަހު ހައިކޮމިޝަނަށް ގުޅުމަށްފަހު އެމީހާ އޭޕްރީލް އެކެއްގައި ނެގި ޓިކެޓު ކެންސަލްވި ވާހަކަ ބުނި ކަމަށާއި އަދި ހުރި ހޮޓަލުން ނިކުންނަން ޖެހިފައިވާ ކަމަށް ބުނެފައިވާ ކަމަށެވެ. އަދި ވިދާޅުވީ އެމީހާ ހުރުމަށް ހޮޓަލެއް ހަމަޖައްސައިދީފައިވާ ކަމަށެވެ.

މިއުނާ ވިދާޅުވާ ގޮތުގައި މިމަހުގެ ހަވަނަ ދުވަހު އެމީހާ އަށް މާލީ އެހީއެއް ވެދިނުމަށް އެދުނު ކަމަށާއި އެކަން އެދުމުން ލިޔެއުންތައް މެއިލް ކޮށްދިނުމަށް ހައިކޮމިޝަނުން އެދުމުން އެއްވެސް ލިޔެކިޔުމެއް ފޮނުވާފައި ނުވާ ކަމަށެވެ. އަދި ދައުލަތުގެ ފައިސާ އަކީ ރައްޔިތުންގެ ފައިސަ ކަމަށާއި އެ ފައިސާ ހަރަދު ކުރެވޭނީ އޮންނަ އުސޫލުގެ ތެރެއިން ކަމަށްވެސް މިއުވާން ވިދާޅުވިއެވެ.

މީގެއިތުރުން އެމީހާ މި މަހުގެ 9ވަނަ ދުވަހު އެނބުރި ލަންކާ އަށް ދިއުމަށް ބޭނުންވާ ކަމަށް ބުނި ކަމަށާއި އެކަމަށް ސަރުކާރުގެ ލިޔުމެއް ދިނުމަށް އެދުނު ކަމަށެވެ. ނަމަވެސް އޭރު ލަންކާގެ ބޯޑަރު އޮތީ ބަންދުކޮށްފައެވެ. އަދި ކުރިން ނަގާފައިވާ ޓިކެޓުގެ ކޮޕީތައް ހިއްސާ ކުރުމަށް އެދުމުން އެކަންވެސް ކޮށްދީފައި އެމީހާ ކޮށްފައި ނުވާ ކަމަށް މިއުވާން ވިދާޅުވިއެވެ. އެމީހާ ހުރި ހޮޓަލުން ނިކުންނަން ޖެހުމުން ހައިކޮމިޝަން ކައިރިއަށް އައިސްފައިވާ ކަމަށް މިއުވާން ވިދާޅުވިއެވެ.

ރަސްމީކޮށް އެމީހާއަށް އެހީތެރިކަން ފޯރުކޮށްދެވިފައި ނުވަނީ ކުރިން ބުނި ލިޔެކިއޔުންތައް ހުށަހަޅާފައި ނުވާތީ ކަމަށް މިއުވާން ވިދާޅުވިއެވެ. ނަމަވެސް ރާއްޖެއިން ބޭރުގައި ހުރި އެއްވެސް ދިވެއްސަކު ހާލުގައި ޖެހެން ބޭނުން ނުވާތީ ސަރުކާރުން އެމީހާ ހުންނާނެ ތަނަކާއި ފައިސާ ހަމަޖައްސައި ދީފައިވާނެ ކަމަށް މިއުވާން ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

 1. ކޮކްޓޭލް އަލ

  ނިކަމެއްޗަކައް ޙަރަދެއް ކުރަންވެއްޖެއްޔާ ދައުލަތު ފައިސާޔަކީ ރައްޔިތުންގެ އެއްޗެއް ޕާޓީ ކުދިންނައް ޙަރަދު ކުރަން ވެއްޖެއްޔާ ދައުލަތުގެ ފައިސާޔަކީ ޕާޓީގެ ފައިސާ ކިހާ ބޭއިންސާފުތޯ މިވަރައް ބަޔަކައް އިންސާފް ވެރި ވެވޭނީ މީރައްޔިތުންނައް އޮޅުވާލައިގެން ޕާޓީ ސިސްތަމޭ މިކިޔަ އެއްޗަކީ ރައްޔިތުންގެ ފައިސާ ނަހަމަ ގޮތުގައި ބޭނުން ކުރުން

  • ކާމިނީ ކޮކްޓޭލް

   ކޮންމެ ކަމެއްގަ ކަލޭމެންނަށް އިނގެނީ ހާވާދު މޮޑޭ ހެން ދޭތެރެ ޖައްސާ ގޭސް އަނބުރަން. މި އޮތް މާތް ރަމަޟާން މަހު ވެސް ރަނގަޅު ކަމެއް ކުރޭޥެތޯ ބަލާބަލަ،

 2. ޢަދުރޭ

  ފޮރިން މިނިސްޓްރީ ބަދުނާމު ކުރަން ނަހަދާ ، ހުސް ބުހުތާނު ދޮގު މީސްމީހުން ފޮރިން މިނިސްޓްރީ ބަދުނާމު ކުރަން އެ ހަދަނީ . މި ރާއްޖޭގައި. ފޮރިން މިނިސްޓްރީ ވަރު މިނިސްޓްރީ އެއް ނުވެސް ނެތް .