މޯލްޑިވްސް ޓްރާންސްޕޯޓިން އެންޑް ކޮންސްޓްރަކްޝަން ކޮމްޕެނީ (އެމްޓީސީސީ) އަށް ފުރަތަމަ ކުއާޓަރުގައި ޓެކުހަށް ކެނޑުމުގެ ކުރިން ސާފު ފައިދާގެ ގޮތުގައި 62.34 މިލިއަން ރުފިޔާ ލިބިއްޖެއެވެ.

އެމްޓީސީސީން ބުނީ އެ އަދަދަކީ މިދިޔަ އަހަރުގެ ފުރަތަމަ ކުއާޓާރގެ ނަތީޖާއާއި އަޅާބަލާއިރު 310.54 ޕަސެންޓު އިތުރު އަދަދެއް ކަމަށެވެ.

އެމްޓީސީސީ އިން ބުނީ މިއަހަރު އެ ކުންފުނި ހިންގުމަށް ގެނެވުނު ހަރުދަނާ ބަދަލުތަކުގެ ސަބަބުން ކުންފުނީގެ ހިންގުމުގު ޚަރަދުތައް ކުޑަކުރެވި، 2020 ވަނަ އަހަރުގެ ފުރަތަމަ ކުއާޓާރގައި ވަނީ ޓެކުހަށް ކެނޑުމުގެ ކުރިން 62.34 މިލިއަން ރުފިޔާގެ ސާފު ފައިދާއެއް ލިބިފައި ކަމަށެވެ. މިއަދަދަކީ 2019 ވަނަ އަހަރުގެ ހަތަރުވަނަ ކުއާޓާރގައި ރިކޯޑްކުރެވުނު ޓެކުހަށް ކެނޑުމުގެ ކުރިން ލިބުނު ސާފު ފައިދާއާއި އަޅާބަލާއިރު 55.17 ޕަސެންޓު އިތުރު އަދަދެއްކަން އެމްޓީސީސީން ބުނެއެވެ. އެކުންފުނިން ބުނީ އެ ނަތީޖާއާއިއެކު 2019ވަނަ އަހަރު ހަތަރުވަނަ ކުއާޓާރގައި ހިއްސާއަކަށް ޖެހުނު އާމްދަނީގެ އަދަދު 3.83 ރުފިޔާއިން 6.59 ރުފިޔާއަށް އިތުރުވެފައިވާ ކަމަށެވެ.

މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި ރާއްޖޭގެ ޢުމްރާނީ ތަރައްޤީގެ ބައިވެރިއެއްގެ ގޮތުން ފުރަތަމަ ކުއާޓާރގައި ވަނީ ޢުމްރާނީ ތަރައްޤީގެ ގިނަ މަޝްރޫއުތަކެއް ކާމިޔަބުކަމާއިއެކު ހިންގާފައެވެ. އެގޮތުން 53 މަޝްރޫއެއްގައި މަސައްކަތްކުރެވި 4 މަޝްރޫއެއްގެ މަސައްކަތްތައް ވަނީ ކާމިޔާބު ކަމާއިއެކު އެކުންފުނިން ވަނީ ނިންމާލާފައެވެ. އަދި 11 ރަށަކަށް ވަނީ މިކުއާޓަރގެ ތެރޭގައި މޮބިލައިޒްކުރެވިފައި ކަމަށް އެމްޓީސީސީން ބުންޏެވެ.

އެމްޓީސީސީ އިން ބުނީ އެ ކުންފުނީގެ އާންމު ވިޔަފާރި ދާއިރާއާއި ކުންފުނީގެ އެހެނިހެން ވިޔަފާރި ދާއިރާތަކަށް އަމާޒުކޮށް ތަފާތު އެކި މާކެޓިން ހަރަކާތްތަކެއް ވެސް މި ކުއާޓަރުގެ ތެރޭގައި ހިންގިފައިވާ ކަމަށެވެ.. އަދި ކުންފުނީގެ މަޝްރޫޢުތައް ހިނގަމުންދާ ރައްރަށުގެ މުޖުތަމައުތަކަށް ވެސް ކުންފުނީގެ އިޖުތިމާއީ ޒިންމާގެ ދަށުން އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދީ ގިނަ މަސައްކްތަކެއް ކޮށްދެވިފައިވާ ކަމަށެވެ.

އެމްޓިސީސީ އިން ބުނީ ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 ގެ ސަބަބުން އެ ކުންފުނީގެ އެކި ވިޔަފާރިތަކަށް ކުރަމުންދާ އަސަރު ކުޑަކުރުމަށް
އަޅަޏްޖެހޭ އެންމެހާ ފިޔަވަޅުތަކާއި އިސްތިރާޖީ ޕްލޭންތަށް އެކުލަވާލާ، ހާލަތު ބަދަދަލުވަމުންދާ މިންވަރަށް ރިއާޔަތްކޮށް މުރާޖައާ ކުރަމުން އަންނަ ކަމަށެވެ. ނަމަވެސް ކޮވިޑް-19 އާ ގުޅިގެން ކުންފުނީގެ ވިޔަފާރީގެ މައިގަނޑު ދާއިރާތަކުން ހާސިލްކުރަން ބޭނުންވާ ލަނޑުދަޑިތަކާއި މާލީ ނަތީޖާ ހޯދުމަށް މިއަހަރުގެ ކުރިއަށް އޮތް ބައިގައި ގިނަ ގޮންޖެހުންތަކެއް ކުރިމަތިވާނެ ކަމަށް ބެލެވޭ ކަމަށްވެސް އެމްޓީސީސީން ބުންޏެވެ. ނަމަވެސް ފަރުވާތެރިކަމާއެކު ވިޔަފާރިތަކަށް މިހާލަތުގައި ގެންނަންޖެހޭ ބަދަލުތަށް ގެނެސް، ވިޔަފާރި ކުރިއަރުވާ، ކުންފުނީގެ މަޤްޞަދުތައް ޙާޞިލްކުރުމަށް ޙިކްމަތްތެރިކަމާއި އެކު ފިޔަވަޅުތައް އަޅަމުންގެންދާނެ ކަމުގެ ޔަޤީންކަން އެކުންފުނިން ވަނީ ކުންފުނީގެ ޙިއްޞާދާރުންނަށް އަރުވާފައެވެ.

އެކުންފުނީގެ އޮނިގަނޑަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމާއި، އީޖާދީ ތަރައްޤީއަށް ހިތްވަރުދިނުމާއި، ޚިދުމަތުގެ ފެންވަރު ރަނގަޅުކޮށް، ކުންފުނީގެ ކަންކަން އިޞްލާޙުކުރުމުގައި މެދުނުކެނޑި މަސައްކަތް ކުރާނެ ކަމަށްވެސް އެމްޓީސީސީން ބުންޏެވެ.

ކިޔުންތެރިންގެ ހިޔާލު