ލ.އަތޮޅު "އައްސޭރި ޕްރޮޖެކްޓް" ހިންގަން ލ.އަތޮޅު ކައުންސިލާއެކު މަސައްކަތް ކުރައްވަން ތައްޔާރަށް ހުންނެވި ކަމަށް ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރުޕީ) ގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލިހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ވިދާޅުވެއްޖެއެވެ.

ލ. އަތޮޅު ކައުންސިލްގެ ރައީސް އަބްދުﷲ ޝަރީފަށް އެޑްރެސް ކުރައްވައި ޖާބިރުގެ ޖޭ ހޮޓެލްސް އިން ފޮނުއްވި ސިޓީގައި ބުނެފައި ވަނީ އެ ޕްރޮޖެކްޓަކީ އުސޫލުތަކުގެ ތެރެއިން ކުރީގެ ރައީސް އަދި މިހާރު މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި، ބިޑްކޮށްގެން ލިބުނު ޕްރޮޖެކްޓަކަށް ވާއިރު، އެ ޕްރޮޖެކްޓް ކުރިއަށް ނުގެންދެވި ވުމުން އެ ކުންފުންނަށް ބޮޑު ގެއްލުންތަކެއް ލިބެމުންދާ ކަމަށެވެ.

އެހެންވެ، "އައްސޭރި ޕްރޮޖެކްޓް" ހިންގަން ލ. އަތޮޅު ކައުންސިލާއެކު މަސައްކަތް ކުރައްވަން ބޭނުންވާތީ އެކަމުގެ ފުރުސަތަކަށް ޖާބިރު ވަނީ އެދިވަޑައިގެންފައެވެ. އަދި އެކަން އަވަހަށް ފުރިހަމަކޮށް ދެއްވާނެ ކަމަށް އުންމީދު ކުރައްވާ ކަން ސިޓީގައިވެއެވެ.

ޖާބިރު "ވަގުތަށް" ވިދާޅުވީ އެ ޕްރޮޖެކްޓް ނުފެށުމުން ލިބޭ ގެއްލުމުގެ ބަދަލު ސަރުކާރުން ހޯދަން ބޭނުން ނުވާ ކަމަށާއި އެއީ ރައްޔިތުންގެ ފައިސާ ބޭނުން ނުވާތީ ކަމަށެވެ. އެ ޕްރޮޖެކްޓް ފެށުމަކީ ސަރުކާރަށް ވެސް ފައިދާވާނެ ކަމެއްކަމަށް އޭނާ ވިދާޅުވިއެވެ.

"އައްސޭރި ޕްރޮޖެކްޓަކީ ގަވާއިދުން ބިޑްކޮށް ނަޝީދުގެ ވެރިކަމުގައި ލިބިފައި އޮތްތަނެއް. ދިގު މުއްތަކަށް ބޭރު މީހުން ރާއްޖެ ގެންނަން މަސައްކަތް ކުރަމުން މިދަނީ ގާނޫނީ ގޮތުން. ކޮވިޑް-19 އަށް ފަހު ފަސޭހައެއް ނުވާނެ. އޭރު އެބަ ޖެހޭ ފަތުރުވެރިކަން އަވަހަށް ކުރިއަރުވަން،" ޖާބިރު ވިދާޅުވިއެވެ.

ލ. އަތޮޅު ކައުންސިލްގެ ރައީސަށް ލ. ގަމު އައްސޭރި ޕްރޮޖެކްޓަށް ހިންގަން ޖޭ ހޮޓެލްސް އެންޑް ރިސޯޓްސް ޕްރައިވެޓް ލިމިޓެޑް އިން ހުށަހެޅި ޕްރޮޕޯސަލް އަކީ ޓޫރިޒަމް މިނިސްޓްރީން ގަބޫލު ކުރެވޭ ރަނގަޅު ޕްރޮޕޯސަލެއް ކަމަށް ގަބޫލު ކުރާ ކަމަށާއި އެ ޕްރޮޖެކްޓް ކުރިއަށް ގެންދަން ބޭނުންވާ ކަންކަން 2011 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ތިން ވަނަ ދުވަހު ސިޓީއަކުން މިނިސްޓްރީއަށް ހުށަހަޅާފައި ވާނެ ކަމަށެވެ.

ޓޫރިޒަމް މިނިސްޓްރީން އެކަންކަން ގަބޫލު ކުރާ ކަން 17 އޮކްޓޯބަރު 2017 ގެ ތާރީހުގައި އަންގާފައިވާ ކަމަށާއި އެ މިނިސްޓްރީއާ ޖޭ ހޮޓެލްސް ޕްރައިވެޓް ލިމިޓެޑާއި ދެމެދު އެއްބަސްވުމެއް އެކުލަވާލިކަން ލިޔެކިޔުންޔަކުން އެނގޭ ކަމަށް ސިޓީގައިވެއެވެ.

ރާއްޖޭގައި އަމަލުކުރަމުންދާ ކޮންޓްރެކްޓާ ބެހޭ ގާނޫނުގެ ހަތް ވަނަ މާއްދާގެ (ހ) އާއި، އަށް ވަނަ މާއްދާގެ (ހ) އާއި، ނުވަ ވަނަ މާއްދާއަށް ބެލުމުން އެނގެން އޮތް އިރު، ދެ ފަރާތުގެ މެދުގައި އެއްބަސްވެފައިވާ ގޮތުގެ މަތިން، އުފައްދަންޖެހޭ ޖޮއިންޓް ވެންޗަ އެއްބަސްވުމުގައި ސޮއިކޮށް، އަދި ޖޮއިންޓް ވެންޗަ ކުންފުނި އުފެއްދުމުގެ ކަންކަން ސަރުކާރުން ކުރިއަށް ނުގެންދާތީ އެކަމުގެ ކަންބޮޑުވުން އެ ސިޓީގައި ފާހަގަކުރިއެވެ.

"ގަމު އައްސޭރި ޕްރޮޖެކްޓް" ކުރިއަށް ނުގެންދެވި އެކަމުގެ ސަބަބުން ޖޭ ހޮޓެލްސް ޕްރައިވެޓް ލިމިޓެޑަށް ލިބެން އޮތް މާލީ ފައިދާ ނުލިބި ގެއްލުން ވަމުންދާތީ، އެ ކުންފުނިން ސިވިލް ކޯޓަށް ވަނީ މައްސަލައެއް ހުށަހަޅައިފައެވެ.

އެ މައްސަލައާ ގުޅިގެން، "ގަމު އައްސޭރި ޕްރޮޖެކްޓް" މަޝްރޫއުގައި ހިމެނިފައިވާ އެއްވެސް ޝަރުތަކާ ޖޭ ހޮޓެލްސް ޕްރައިވެޓް ލިމިޓެޑް ކުންފުނިން ޚިލާފު ވެފައިވާކަން އެނގެން ނެތުމާއެކު އެ ޕްރޮޖެކްޓް ހިންގުމަށް ޖޭ ހޮޓެލްސް ޕްރައިވެޓް ލިމިޓެޑާއި ދިވެހި ސަރުކާރާއި ދެމެދު އެއްބަސްވެފައިވާ އެއްބަސްވުމަކީ، އެ އެއްބަސްވުމާ އެއްގޮތަށް އަމަލުކުރުމަށް ދިވެހި ސަރުކާރުގެ މައްޗަށް ލާޒިމުވާ އެއްބަސްވުމެއް ކަމަށް ކޯޓުން ނިންމިއެވެ.

ޖޭ ހޮޓެލްސްއާ ދިވެހި ސަރުކާރާއި ދެމެދު ވެފައިވާ އެއްބަސްވުމަށް އިހްތިރާމްކޮށް އެ އެއްބަސްވުމާ އެއްގޮތަށް އަމަލުކޮށް އެ އެއްބަސްވުން ތަންފީޒު ކުރުމަށާއި، އަދި އެ އެއްބަސްވުމުގެ ދަށުން އުފައްދަންޖެހޭ ޖޭވީ، ކުންފުނި 17 އޭޕްރީލް 2016 ތާރީޚުން ފެށިގެން 30 (ތިރީސް) ދުވަހުގެ ތެރޭގައި އުފެއްދުމަށް ދެފަރާތުގެ މެދުގައި ވެފައިވާ އެއްބަސްވުން ލިޔުމަށް ތިރި ކުރުމަށާއި، އަދި އެ އެއްބަސްވުމުގައި ޖޭ ހޮޓެލްސް ޕްރައިވެޓް ލިމިޓެޑާއިއެކު ސޮއިކުރުމަށް ފިނޭންސް މިނިސްޓްރީ އަށާއި ޓޫރިޒަމް މިނިސްޓްރީއަށާއި ދައުލަތުގެ ކަމާބެހޭ މުއައްސަސާތަކަށް ކުރި ހުކުމް މިދިޔަ ސަރުކާރުން ހައިކޯޓުގައި އިސްތިއުނާފް ވެސް ކުރިއެވެ.

ސިވިލް ކޯޓުން އެ މައްސަލައިގައި ކުރި ޙުކުމް ހައި ކޯޓުން ބާތިލް ކުރި ނަމަވެސް އެކަން ކޮށްފައިވަނީ ބާރާއި ނުފޫޒުގެ ތެރެއިންކަން އެ ސިޓީގައި ފާހަގަކޮށްފައިވެއެވެ.

އަދި އެ މައްސަލަ ހުށަހެޅުމުގެ ހުއްދައަށް އެދި ޖޭ ހޮޓެލްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސްޕްރީމް ކޯޓަށް ހުށަހެޅުމުން، އެމައްސަލަ ބަލައި ނުގަތުމަށް އެ ކޯޓުން ނިންމީ ކުރީގެ ސަރުކާރުން ފަނޑިޔާރުންގެ މައްޗަށް ފޯރުވަމުން ގެންދެވި ބާރާއި ނުފޫޒާއި ބިރު ދެއްކުމުގެ ތެރެއިން ކަމަށް ވެސް އެ ސިޓީގައިވެއެވެ.

ޖާބިރު ވިދާޅުވީ ދާދި ފަހުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ އެކު ބޭއްވި ބައްދަލުވުމެއްގައި މިޕްރޮޖެކްޓް ކުރިއަށް ގެންދިއުމުގެ ހުއްދައަކަށް އެދިވަޑައިގެންފައިވާނެ ކަމަށެވެ.

އަދި ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހުތަކުން މި ޕްރޮޖެކްޓް ކުރިއަށްދާނީ ލ.އަތޮޅު ކައުންސިލްގެ އިހްތިސާސްގެ ތެރެއިން ކަމަށާއި އެ ކައުންސިލާއި އެކު މަސައްކަތް ކުރައްވަން ތައްުޔާރަށް ހުންނެވިކަން ޖާބިރު ވަނީ ވިދާޅުވެފައެވެ.

އެހެންކަމުން މި ޕްރޮޖެކްޓަށް އެކަށައެޅިފައިވާ ބިމުގައި ހުރި އެއްވެސް ރުއް ގަހަކަށް ބަދަލު ދޭން ޖެހޭނަމަ އެކަންތައްވެސް ވީހާވެސް އަވަހަށް ނިންމެވުމަށް ޖާބިރު އެދިވަޑައިގެންނެވިއެވެ.

ކިޔުންތެރިންގެ ހިޔާލު

17 ކޮމެންޓް

  1. ކާފަދ

    ލާމު އަތޮޅުގެ ދުވަސް ތި ދިޔައީ

    35
  2. އަލްޖިބްރާ

    ތަނެއްގަ ކަމެއް އޮތިއްޔާ ބޯގަޅާލަން ވާނެ ! އެންމެ އަވަހަށް އެތަނެއް ހާލާކު ލޮށްލެވޭނީ އޭރުން !

    34
  3. Anonymous

    ކޮބާތޯ ކޭބަލް ކާރު ޕްރޮޖެކްޓް ؟ މިހާރު ތި ހަފޮޅުން ބޭރުވަނީ ނޫންތޯ

    39
  4. ރަބަރޭ

    ކޮބާތޯ ކޭބަލް ކާރު ޕްރޮޖެކްޓް ؟ މިހާރު ތި ހަފޮޅުން ބޭރުވަނީ ނޫންތޯ

    29
  5. ހުސެން

    އަނެއްކާ އަނެއް ބައިވަރު ގަޑު ދަމައިގަންނަން ރާވަނީ މި ކޮވިޑް އަށް ވުރެން ބަދަލުގެ ގޮތުގައި ގައުމު ހުސްކުރުން މި ވަބާ ވަކިން ކުޑައެއް ނޫން އަނެއްކާ މުޅިން ވެސް ތިބަދަލު ދޭ ތާކުންތާކު ނުޖެހޭ އެއްބަސްވުން ތަށް ވެފައިވަނީ މި ގައުމަށް ފާވި ނަޝީދު ގެ ވެރިކަމުގައި

    33
  6. މާމީ

    ބަލަޖާބިރު ކަލޭ މެނަށް ތަނެއްދެނީ ކަލޭމެން ބޭނުން ދުވަހަކުން ތަނުގެ މަސައްކަތް ކުރާގޮތަކަށެއް ނޫނޭ މޮޔަވެގެން ތިއުޅެނީ.....

    19
  7. ޒާ

    ޖާބިރުގެ ދަލުގާ ނުޖެހޭށެ. ޖެހިއްޖެނަމަ ލިބޭނީ ކެއްސެވެ. ކާށިދުއާ ގާފަރާ ކޭބަލްކާރުން ގުޅުވާލިގޮތަށް އަނގައިން ކޮންމެކަމެއްވެސް ކުރާނެ

    19
  8. ޑިމޮކްރަޓިސްޓް،ރ.ވާދޫ

    ކޮބާހޭ ކާށިދޫއާއި ގާފަރާ ދޭތެރޭ އެޅި ކޭބަލްކާރު؟ ކޮބާހޭ ކާށިދޫގަ ހުޅުވި ޖާބިރު ބޭންކު؟ ކޮބާހޭ ކާށިދޫ ފަޅުތެރޭހެދި ރިސޯޓު؟ މަކަރާ ހީލަތުން ރައްޔިތުންނަށް ދޮގުވައުދުވާ މިކަހަލަ މީހުން ގެނެސް މަޖިލީހުގަ މިމީހުނާ ސުވާލުކޮށްބަލަ! ހުސް މަކަރުވެރި ހިޔަޅުން! ސަރުކާރު ފެއިލްވެފަ! މެންބަރުން ފެއިލްވެފަ!

    19
  9. ޚަފިސް

    ހިޔެއް ނުވޭ މިހާރު ކާށިދޫ ގާފަރު މަތިން ހަނދާން ހުރިހެނެއްވެސް ހަމަ ފައްކާ މަރުމޯލެއް މީނަގެ ގާފަރު އެޖެންޓް ހަސަނުވެސް ހީވަނީ ކެވުނުލެއް ގިނަކަމުން އަރި އަޅާލަފާނެހެން

    18
  10. ޕާޓީ

    ލ.އަތޮޅު ިދވެހިރައްޔިތަކު ދިރި އުޅޭހާ ހިދަކު ދުވަހަކު ވެސް ދުވަހަކުވެސް މިޖާބިރު އާ ވައި ނޭޅުމަށް އެދި އާދޭސް ކުަރަން ލ އަތޮޅު އެއްމެހާ ރައްޔިނުން މިކަމާ ވިސްނާތި

    15
  11. Anonymous

    ލާމު އަތޮޅުގެ ދުވަސް ތި ދިޔައީ ސަލާތް ވޭ ރައްޔިތުންނޭ

    19
  12. ވާނުވާ ޗޗޗ

    ލާމު އަތޮޅުގެ ދުވަސް ތި ދިޔައީ ވަރަށް ވިސްނާތި މީނާ އާއި ގާތް ނުވާތި ނިތަންމެ ބައިވަރު ޑޮލަރ ގެ ވާހަކަ ދެއްކިއަސް

    15
  13. ޙަސަނާ

    މީނާމީ ހާދަލާރިއެއްއޮވެގެން އުޅޭ މީހަކީއޭދޯ ވާނީވެސް އެހެންތާ ޔާމިނުވެރިކަމުގަވެސް މީރާ އައްލާރިނުދައްކަން އިދިކޮޅާގުޅި ހިތްވަރުކޮއް މިއަދުވެސް މީރާ އައްފައިސާނުދައްކަން ނަސީދު ފޫބުޑުގަ މިއުޅެނީ ކޮންތާކުން ނެރެގެން އުޅޭލާރިގަޑެއްބާ

    13
    1
  14. ޖޯން

    މިކަލޭގެ ފުރަތަމަފަހަރަށް ކަށިދޫދާއިރާއަށް ހޮވެންވެގެން ބެހި ހުރިހާ ޗެކެއްވަނީބައުންސްވެފަރ. މިހާރުއެހެރީ ހަމަ އެދާއިރާއަށް ދެވަނަފަހަރަށް ހޮވިގެން. މިއިންއެނގެނީ ދިވެހިންނަކީ އެއްހަރަކުން އެތަށްފަހަރަކު ކަށިޖެހިދާނެބައެއްކަން. މިއަދުވީކަމެއް މާދަމާ ހަނދާނެއްނުހުންނާނެ. ޖަބިރުމެންކަހަލަ ދެބޯގެރިން މިގައުމުގައި އުޅެންވީ.

    16
  15. މިއަދު

    ޖާބިރޫ ކޮބާ ކާށިދޫގައިއެޅި ބޮޑުގެ ކޮބާ ހެލިޕޭޑް ކޮބާ އެއާޕޯޓް ކޮބާ އަސްޓްރެކު މިފަދަ މީހުން އަހަރެމެން މިހޮވަނީ އަހަރެމެންވެސް ހަމައެފަވީމަދޯ؟

  16. ދުންތަރި

    ކާށިދުއާ ޤާފަރު ދުނިޔެ ހައިރާންވާ ވަރަށް ތަރައްޤީކޮށްފަ މިހާޜު ލ.އަތޮޅާދިމާކުރީ ދެން ލ.އަތޮޅު ތަރައްޤި ކުރާނީ ކޮން ފެންވަރަކަށްވެސްނޭނގޭ މިކަހަލަ ބޮލުރޮދިކެނޑިފަތިބޭ ބޯގޯސް މީހުން ދައްކާ މޮޔަ ވާހަކަ ނޫސްތަކުގެ ފަލަ ސުރުހީގަޖަހާތީ ދެރަކަމަކީ

  17. ޒަބީބު

    ފުވައްމުލަކު ރައްޔިތުންނާއި ލާމް އަތޮޅުގެ ރައްޔިތުން ސަމާލުވޭ. މީނާގެ މަޅީގައި ނުޖެހުމަށް އާދޭސްކުރަން. މީނާ އަކީ މުޅިން ސްޓަންޓް ޖައްސައިގެން ދޮގު ހަދައިގެން ހުވަފެން ދައްކައިގެން މީހުން ވާވައްދައިގެން ވޯޓު ހޯދާއިގެން މަޤާމަށް އައިސް ރައްޔިތުންގެ ޖީބުން މުސާރަ ނަގައިގެން އަދި ނުވީ ތަނަކަށް ރައްޔިތުންގެ ބިންތައް އެތަން މިތަނުން އެކި ގޮތަގޮތަށް ބަދަލުހޯދުމުގެ ނަމުގައި ނަގައިގެން ރައްޔިތުންނަށް މަލާމާތް ކުރަމުން ދުވާ ހީލަތްތެރިއެއް. ކާށިދޫ އާއި ގާފަރު މީހުން ޖެހުނު މަޅިން ސަލާމަތްވާން އާޚިރުގައި އެމީހުން ނުކުންނާނީ ކަަތިވަޅި ހިފައިގެން ކަން ވެސް ނޭގޭ!