ފަގީރުންގެ ލިސްޓުގައި ރެޖިސްޓްރީ ވުމަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް އިން ހުޅުވާލައިފިއެވެ.

އިސްލާމިކް މިނިސްޓްްރީ އިން މިއަދު ކުރި އިއުލާނެއްގައި ބުނެފައި ވަނީ ފަގީރުންގެ ލިސްޓުގައި ރަޖިސްޓްރީވުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ މި މަހުގެ ހަވަނަ ދުވަހުން ފެށިގެން މިމަހުގެ 15 ވަނަ ދުވަހާ ހަމައަށް ކަމަށެވެ.

ފަގީރުންގެ ލިސްޓުގައި ރެޖިސްޓްރީ ވާ ފޯމު މާލޭގައި ހުށަހަޅަން ޖެހެނީ އިސްލާމިކް މިނިސްޓްރީ އަށެވެ. އަތޮޅު ތެރޭގައި ނަމަ އެ ފޯމު ހުށަހަޅަން ޖެހޭނީ ރަށު ކައުންސިލްތަކަށެވެ.

ފުވައްމުލަކު އުތުރު، މެދު އަދި ދެކުނު ދާއިރާގެ ރައްޔިތުން ފޯމު ހުށަހަޅަން ޖެހެނީ އެ ސަރަހައްދެއްގެ ލޭންޑް އެންޑް ބިލްޑިންގެ ހައުސިންގް ޔުނިޓަށެވެ. ދިނަދޫގައި ފޯމް ހުށަހަޅާ ނަމަ ހުށަހަޅަން ޖެހޭނީ ތިނަދޫ މީޑިއާ ސެންޓަރަށެވެ.

އައްޑޫސިޓީ ހިތަދޫގައި ފޯމު ހުށަހަޅާ ފަރާތްތަކުން ފޯމު ހުށަހަޅަންޖެހޭނީ އިސްލާމިކް އެފެއާޒްގެ އައްޑޫ ސިޓީ ޔުނިޓަށެވެ. އަދި ހުޅުދޫ އަދި މީދޫ އިން ނަމަ ހުށަހަޅަން ޖެހޭނީ ނަސްރިއްޔާ ޕްރީސްކޫލަށެވެ.

އައްޑޫ ސިޓީ މަރަދޫ އާއި މަރަދޫފޭދޫ އިން ފޯމު ހުށަހަޅަން ޖެހެނީ ތަދްރީސުލް ޤުރްއާން ކްލާހަށެވެ. ފޭދޫ އިން ނަމަ ފޯމު ހުށަހަޅަން ޖެހޭނީ ލޭންޑް އެންޑް ބިލްޑިންގް މުނިސިޕަލްޓީ ޑިޕާޓްމަންޓަށެވެ.

އިސްލާމިކް މިނިސްޓްރީ އިން ބުނީ މިދިޔަ އަހަރު ފަޤީރުންގެ ލިސްޓުގައި ހިމެނިފައިވާ ފަރާތްތައް މި އަހަރު އަލުން ރެޖިސްޓްރީ ވުމަށް ފޯމު ހުށަހަޅަން ނުޖެހޭނެ ކަމަށެވެ. އިސްލާމިކް މިނިސްޓްރީން ފަގީރެއްގެ ގޮތުގައި ބަލަނީ އާމްދަނީގެ ގޮތުގައި ދުވާލަކު 44 ރުފިޔާ ނުލިބޭ މީހުންނެވެ.