ކޮވިޑް-19 އާ ދެކޮޅަށް ދިވެހި ސަރުކާރުން ކުރަމުން އަންނަ މަސައްކަތަށް އެހީވުމަށް ޖަޕާނުން 21 މިލިއަނަށް ވުރެ ގިނަ ރުފިޔާގެ އެހީއެއް ދީފިއެވެ.

ފޮރިން މިނިސްޓްރީން ބުނީ ޖަޕާން ސަރުކާރުން ދިން މި އެހީއަކީ ރާއްޖޭގެ އިގްތިސާދީ ސިޔާސަތުތައް ކުރިއެރުވުމަށް ލިބޭނެ ބާރެއް ކަމަށެވެ. އަދި އިގްތިސާދު ޑައިވާސިފައި ކުރުމަށް އިންވެސްޓް ކުރުމަށް އެހީތެރިވެދޭނެ އެހީއެއް ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.

މިއީ ޔޫއެންޑީޕީ މެދުވެރިކޮށް ލިބުނު އެހީއަކަށްވާތީ އެ ޖަމާއަތަށް ޝުކުރު އަދާކުރާ ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.

ފޮރިން މިނިސްޓްރީން ބުނީ ކޮވިޑް-19 އާ ގުޅިގެން ސިއްހީ ހިދުމަތްތެރިންގެ އަދަދުތައް އިތުރު ކުރުމަށް ޖަޕާން ސަރުކާރާ ގުޅިގެން މަސައްކަތް ކުރުމާ ގުޅޭ ގޮތުން މަޝްވަރާ ކުރަމުންދާ ކަމަށެވެ.

އެހީއާ ގުޅިގެން ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވަނީ ކޮވިޑް-19 އިން އަރައިގަތުމަށް ރާއްޖެ އިން ކުރަމުންދާ މަސައްކަތަށް ޖަޕާން ސަރުކާރުން ވި އެހީއަށް ޝުކުރު އަދާކުރައްވައިފައެވެ. ޝާހިދު ވެސް ވިދާޅުވި ގޮތުގައި މި އެހީއަކީ ޔޫއެންޑީޕީ މެދުވެރިކޮށް ލިބުނު އެހީއެކެވެ.

ޖަޕާން ސަރުކާރުން ވަނީ މި މަހުގެ ކުރީކޮޅު ރާއްޖެ އަށް އަށް މިލިއަނަށް ވުރެ ގިނަ ރުފިޔާ ދީފައެވެ.

ޖަޕާނުން ދިން އެހީ ބޭނުން ކުރާނީ މެޑިކަލް އިކުއިޕްމަންޓާއި ބޭހުގެ ބާވަތްތައް ގަތުމުގެ އިތުރުން ސްކޫލްތަކުގައި އޮންލައިންކޮށް ކިޔަވައިދިނުމަށް ބޭނުންވާ ސިސްޓަމްތައް ގާއިމުކުރުމަށް ފޮރިން މިނިސްޓްރީން ކުރިން ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. މުގުރާން

    ފަރާތް ފަރާތުން އެހީތަ އް ވަމުން އެބަގެންދޭ ގަ އުމަށް މީގެ ރާހަތެ އް އެބަކުރޭބާ؟؟؟

    21
  2. ދަރަނި ދަންތުރަ

    އިބޫ އަދީ އަމީރުގެ އަންބޮޑި ފޫގޮއްސަ އެއްޗެއް ހަރެއްނުލާ ހަޒާނާ ހުސްވެއްޖެ ގައުމުތަކުން އެހީލިބޭ އެކަމަކު ކަރުހިއްކުމެއްނުފިލި އަދިވެސް ނާށިގަނޑު ހިފައިގެން ދީބަލަ ދީބަލަ...

    11
  3. މަރިޔަމްމާ

    ހާދަ އެހީއެކޭ މި ލިބެނީ މި މީހުން މިފަހަރު މުޅި ޔޫރަޕުން ގެދޮރު ނަގެވޭނެ ވަރުވށާނެހެއް ހީވަނީ

  4. ތާކިހާ

    ބޭރު ޤައުމުތަކުންލިބޭ ހިލޭއެހީ ބަލަހައްޓާނެ ވަކި މިނިސްޓްރީއެއް އުފެއްދުން މި ވަގުތު ދިވެހިރައްޔިތުންނަށް ވ މުހންމު. ފޮރިންމިނިސްޓްރީން މިކަންކުރުން ރަނގަޅެއްނޫން،

  5. ކަލޯ

    އެކޮއި! ޝާހިދޫ! ތިޔަ ލާރިކޮޅު ބެހެއްޓޭތަން ހަނދާން ބަހައްޓައްޗޭ.... އެހެން ނޫނީ ކުރީގަ ގެއްލުނު 1 ބިލިއަން ކޮންމެވެސް ވަރެއް ގެއްލުނު ގޮތަށް ގެއްލިދާނެ.....

  6. ޗާލު

    ބައިކުޅަބައި ޝާހިދުއަށް

  7. Anonymous

    ތިޔަ ފައިސާ ވެސް އަވަހަށް އެމްޑީޕީގެ ބޮޑުންނަށް ދީ ހުސްކޮށްލާ. ރައްޔިތުން ތިބޭނަން ބަނބުކެޔޮ ހައްދައިގެން އެކާން. އެއީ މިހާރު މިއޮތް އޯގާތެރި ސަރުކާރުން ބޭނުންވާ ގޮތް.