ކުރިއަށް އޮތް ވަގުތުތަކުގައި ކޮޅިގަނޑުގައި 45 މޭލަށް ވައި ގަދަވާނެ ކަމަށް ލަފާކޮށް މޫސުމާއި ބެހޭ ގައުމީ އިދާރާ އިން މުޅި ރާއްޖެ އަށް ހުދު ސަމާލު (ވައިޓް އެލާޓް) ނެރެފިއެވެ.

ހުދު ސަމާލު ނެރެފައި ވަނީ މިއަދު މެންދުރު ފަހު 14:00 އާއި ހަމައަށެވެ.

މޫސުމާއި ބެހޭ ގައުމީ އިދާރާ އިން ވިދާޅުވާ ގޮތުގައި ކުރިއަށް އޮތް 24 ގަޑިއިރު ވެސް ރާއްޖޭގެ ބޮޑުބަޔަށް ވިއްސާރަކުރާނެ އެވެ. އަދި ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހުން އެކަށީގެން ވެއެވެ.

އުތުރުގެ އަތޮޅުތަކަށް ހުޅަނގާއި ހުޅަނގުއުތުރުން، އެހެން ހިސާބުތަކަށް ހުޅަނގުދެކުނާއި ހުޅަނގުުން ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް ލަފާ ކުރެވެއެވެ.

ރާއްޖޭގެ ކަނޑުތަށް އާންމުގޮތެއްގައި ގަދަ ވާނެ ކަމަށާއި އަދި ވިލާގަނޑުގައި އިތުރަށް ގަދަވެގެންދާނެ ކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާ އިން ލަފާ ކުރެއެވެ. މީގެ އިތުރުން ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ބައެއް ރަށްތަކަށް އުދައިގެ އަސަރު ކުރުމަކީ ވެސް އެކަށީގެންވާ ކަމެއް ކަމަށް އެއިދާރާ އިން ވިދާޅުވެއެވެ.

އާންމުކޮށް ހުރިހާ ފަރާތްތަކުން ވެސް މޫސުމަށް ވަރަށްބޮޑަށް ސަމާލުވުމަށް މޫސުމާއި ބެހޭ ގައުމީ އިދާރާ އިން އިލްތިމާސް ކުރައްވައެވެ.