ކޮވިޑް-19 އަކީ ދުނިޔެއަށް ކުރިމަތިވި އިމްތިހާނެއް ކަމަށާއި އެކަމުގައި އޮތީ ކެތްތެރިވެ، އަޅުކަމުގައި ޝާމިލްވުން ކަމަށް ހުކުރު ހުތުބާގައި ބުނެފިއެވެ.

ރާއްޖޭގެ ބައެއް ރަށްރަށުގެ މިސްކިތްތަކުގައި މިއަދު އިއްވި ހުކުރު ހުތުބާގައި ވަނީ މި ދަނޑިވަޅުގައި ހުކުރު ނަމާދު މިސްކިތުގައި ނުކުރެވޭ ރަށްރަށުގެ އަހުލުވެރިން ވެސް ގޭގައި މެންދުރު ނަމާދާއި އެހެނިހެން ނަމާދުތައް އަދާކޮށް، މިކަމުން ސަލާމަތްކޮށް ދިނުމަށް އެދި މަސައްކަތް ކުރުމަށް ނަސޭހަތްތެރިވާ ކަމަށެވެ. އެގޮތުން ފުރަތަމަ ކުރަންވީ ކަމަކީ ކެތްތެރިވުން ކަމަށް ވެސް ހުކުރު ހުތުބާގައި ބުނެފައިވެއެވެ.

އޭގެ ފަހުން ފަރުޟު ފަސް ނަމާދަށް ފަރުވާ ބެހެއްޓުމާއި ސަޖިދައިގައި ގިނަ ގިނަ އިން ފާފަ ފުއްސެވުމަށް އެދި ދުއާ ކުރުމާ އެކު ސަބަބުތަކުގައި ހިފުމަށް ހުތުބާގައި އެދިފައިވެއެވެ. ހުތުބާގައި ބުނި ގޮތުގައި ސަބަބުތަކުގައި ހިފުމަކީ ހަމައެކަނި ބޭސް ކުރުމެއް ނޫނެވެ.

"އޭގެ އިތުރުން ކަމާބެހޭ އިދާރާތަކުން ދޭ އިރުޝާދުތަކާ އެއްގޮތަށް ވެސް އަމަލު ކުރުމެވެ. ސައިބޯނި ލައިގެން އަތް ދޮވުމާއި އާންމު ސާފުތާހިރުކަމާއި ގައިދުރުކަން ދެމެހެއްޓުމާއި ޒަރޫރީ ކަމެއް މެދުވެރިވެގެން މެނުވީ ގެއިން ބޭރަށް ނުނިކުތުމެވެ،" ހުތުބާގައިވެއެވެ.

މި ދަނޑިވަޅުގައި ދަތި ހާލަތުގައި ޖެހިފައި ތިބި މީހުން ވެސް މާޔޫސް ނުވުމަށް ހުތުބާގައި އެދިފައިވެއެވެ.

"އަދި ﷲ ގެ ހަޟްރަތުން އަވަސް ޝިފާ އާއި ހެޔޮ ގޮތް މިންވަރު ކުރައްވާނެ ކަމަށް އުންމީދު ކުރުން ހުއްޓެވެ،" ހުތުބާގައި ބުނެފައިވެއެވެ.

ހުކުރު ހުތުބާގައި ވަނީ ފިތުރު އީދު ނަމާދުގެ ކުރިން ފިތުރު ޒަކާތް ދެއްކުމަށް ނަސޭހަތްތެރިވެފައެވެ. އަދި ރޯދަ މަސް ނިމުނު ކަމުގައިވިޔަސް، އަޅުކަން ކުރުން ހުއްޓާނުލުމަށާއި މާތް ﷲ އަށް ތަގްވާވެރިވުމުގައި ދެމިތިބުމަށް ވެސް ހުތުބާގައި ނަސޭހަތްތެރިވެފައިވެއެވެ.

ހުތުބާގައި ބުނި ގޮތުގައި ރޯދަ މަސް މި ވަނީ ތަގްވާވެރިކަމާއި ހެޔޮ އަމަލުތަކަށް މަގުފަހިކޮށްދީފައެވެ. ރޯދަ މަސް މިވަނީ މުޅި އަހަރުގައި ތިބާ އަސް ބޭނުން ކުރެވިދާނެ ރޫހާނީ ހަކަތައެއް އުފައްދައިދީފައި ކަމަށް ވެސް ހުތުބާގައި ބުނެފައިވެއެވެ.

"ރޯދަ މަހަކީ ހެޔޮކަމުގެ މޫސުން ކަމަށްވާތީ އެ މަހުގައި ސާލިހު އަމަލު ކުރުމަށް ޝައުގުވެރިވި ފަދައިން ރޯދަ މަސް ނިމުމުން ވެސް ހެޔޮ އަމަލު ކުރުމުގައި ދެމިތިބޭށެވެ،" ހުކުރު ހުތުބާގައި ބުނެފައިވެއެވެ.