މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ހުޅުމާލެ ޕޮލިސްއިން ހިންގި އޮޕަރޭޝަނެއްގައި ބިޔަރު ފުޅިތަކަކާއެކު މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ވިދާޅުވީ ހުޅުމާލެ ޕޮލިސްއަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން ރޭ ހިންގި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ 20 އަހަރުގެ ފިރިހެނެއް ކަމަށެވެ.

އޭނާ ހައްޔަރުކޮށްފައިވަނީ ހުޅުމާލެ ފޭސް 2ން ހުޅުމާލެ ފޭސް 1ށް ބިޔަރު ފުޅިތައް އެތެރެކުރަން އުޅެނިކޮށް ކަމަށާއި ފުލުހުން ފެނުމާއެކު އޭނާ ފިލަން މަސައްކަތްކުރި ކަމަށް ފުލުހުން މައުލޫމާތުދެއެވެ.

މިމީހާ ހައްޔަރުކޮށް އޭނާ އެވަގުތު ހުރި ސަރަޙައްދު ބަލައިފާސްކުރިއިރު، ހުޅުމާލެ ފޭސް 2ށް ވަންނަ ގޭޓް ކައިރީ ހުންނަ ޕަމްޕު ސްޓޭޝަން ކައިރީ ގަސްތަކެއްގެ ތެރޭން 48 ފުޅި ބިޔަރު ފެނިފައިވާ ކަމަށް ފުލުހުން ހާމަކުރެއެވެ.

މިމައްސަލަ ހުޅުމާލެ ޕޮލިސްއިން ދަނީ ތަޙުޤީޤު ކުރަމުންނެވެ.