ހުޅުމާލެ ޖަލުން ވެސް ތަރުތީބެއް ނެތި ސުންކު ނަގައިފި

ހުޅުމާލެ ޖަލުގައިވެސް ވަކި ތަރުތީބެއް ނެތި ސުންކު (ސާޕަލް) ނެގުން ކުރިއަށް ގެންގޮސްފިއެވެ.

އެކަން ހާމަކޮށް މިއަދު ކަރެކްޝަނަލް ސާވިސް އިން ވިދާޅުވީ، ނެޝަނަލް އެމަޖެންސީ އޮޕަރޭޝަންސް ސެންޓަރާއި ކަރެކްޝަންސް ގުޅިގެން މިއަދު ކުރިއަށްގެންދިޔަ މި ހަރަކާތުގައި ޤައިދީންގެ ތެރެއިން 15 މީހެއްގެ ސުންކާއި، ޑިޓެއިނީސްގެ ގޮތުގައި ތިބި 5 ބިދޭސީންނާއި 10 އޮފިސަރުންނާއި މުވައްޒަފުންގެ ސުންކު ނަގާފައިވާ ކަމަށެވެ.

ކަރެކްޝަންސް އިން ވިދާޅުވީ މި 30 ސުންކު ނެގުމުގައި ބަލައިފައިވާނީ ވަކި ޔުނިޓް ތަކުގެ ތެރެއިން ހޮވާލެވޭ ޤައިދީންނާއި ތަފާތު އެކި ދާއިރާތަކުގައި މަސައްކަތްކުރާ އޮފިސަރުންނާއި މުވައްޒަފުން ކަމަށެވެ.

މީގެ ކުރިން މާފުށީ ޖަލުގައާއި އައްސޭރި ޖަލު އަދި މާލެ ޖަލުގައި ވެސް ކޮވިޑް-19 އަށް ޓެސްޓުކުރުމަށް ސުންކު ނަގާފައި ވެއެވެ. އަދި އެ ސުންކުތަކުގެ ނަތީޖާ ވަނީ ނައްސިވެފައިވެއެވެ.