ނ. މަނަދޫ އިން ކޮވިޑް-19 އައް ފައްސިވި 10 މީހުންނާއި ގުޅިގެން ނެގި ހުރިހާ ސުންކެއް ނައްސި ވެފައިވާ ކަމަށް ކޮވިޑް-19 ގެ ތަރުޖަމާން މުހައްމަދު މަބްރޫކް އަޒީޒު ވިދާޅުވެއްޖެއެވެ.

މަނަދޫގައި އެންމެ ފުރަތަމަ ކޮވިޑް-19 އަށް ފައްސިވީ 80 އަހަރުގެ އަންހެނެކެވެ. އެ އަންހެން މީހާ ބަލިން ރަނގަޅުވި ފަހުން ވަނީ ނިޔާވެފައެވެ. އޭނާ ކޮވިޑް-19 އަށް ފައްސިވެފައިވާކަން އެނގުނީ ހާލު ދެރަވެގެން މަނަދޫ ހޮސްޕިޓަލުން ފަރުވާދިނުމަށްފަހު އިތުރު ފަރުވާއަށް މާލެ ގެނައި ފަހުންނެވެ. މި މީހާއާ ގުޅިގެން ، އޭނާއާ ބައްދަލުވި ހޮސްޕިޓަލްގައި މަސައްކަތް ކުރާ މީހުންނާއި އިތުރު ބަޔަކުވެސް އައިސޮލޭޓުކުރިއެވެ.

އެ އަންހެން މީހާ ހިމެނޭހެން އެރަށުން ދިހަ މީހަކު މި ބައްޔަށް ފައްސިވެފައި ވެއެވެ. އެމީހާގެ އިތުރުން އެރަށުން ފައްސިވި 9 މީހުންގެ ތެރޭގައި ހިމެނެނީ 8 ދިވެހިންނާއި ބިދޭސީއެކެވެ. މައުލޫމާތު ލިބޭގޮތުގައި، އެރަށު ފައްސިވި މީހުންނަކީ، އެރަށުން އެންމެ ފުރަތަމަ ފައްސިވި އަންހެން މީހާއާ ބައްދަލުވި ބައެކެވެ.

މިރޭ ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މަބްރޫކް ވިދާޅުވީ ފަހުން ޕޮޒިޓިވްވި ވޭދަނަތަކާއި ގުޅިގެން އެކްޓިވް ސަވައިލަންސްގެ ގޮތުގައި 30 ސުންކެއް އަދި ރީ ސުންކުގެ ގޮތުގައި އެއް ސުންކެއް އަދި ބަލި ޖެހުނު މީހުންނާއި ބައްދަލުވި 50 ސުންކެއް ނަގާފައިވާ ކަމަށެވެ. އެ ހުރިހާ ސުންކެއް ވެސް ނައްސި ވެފައިވާ ކަމަށް މަބްރޫކް ވިދާޅުވިއެވެ.

މިއަދުވެސް ރާއްޖެއިން އިތުރު 58 މީހަކު ކޮވިޑް-19 އަށް ފައްސިވެފައެވެ. ފައްސިވީ 58 މީހުންގެ ތެރޭގައި ހިމެނެނީ 18 ދިވެއްސަކާއި ބަންގްލަދޭޝް އަށް ނިސްބަތްވާ 39 މީހަކާއި އިންޑިއާ މީހެއް ކަމަށެވެ.

މިރޭ އިތުރު ގިނަ އަދަދެއްގެ ބަޔަކު ރާއްޖެއިން ކޮވިޑް-19 އަށް ފައްސިވުމާއެކު، ރާއްޖެއިން މި ބަލި ޖެހުނު މީހުންގެ ޖުމްލަ އަދަދު ވަނީ 1274 އަށް އަރާފައެވެ.

ރާއްޖެ އިން ކޮވިޑް-19 އަށް ފައްސިވެފައިވާ ގިނަ މީހުންނަކީ ބިދޭސީންނެވެ. މިހާތަނަށް ރާއްޖެ އިން ކޮވިޑް-19 އަށް ފައްސިވީ މީހުންގެ ތެރޭގައި 452 ދިވެއްސަކު ހިމެނެއެވެ. އަދި މި ބަލި ރާއްޖެއިން ޖެހުނު މީހުންގެ ތެރެއިން 822 މީހުންނަކީ ބިދޭސީންނެވެ.

ރާއްޖެއިން މި ބައްޔަށް ފައްސިވި މީހުންގެ ތެރެއިން 109 މީހަކު ވަނީ ރަނގަޅުވެފައެވެ. އަދި މިހާތަނަށް މި ބަލީގައި ހަތަރު މީހަކު ނިޔާވެފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. މަނަދޫ

    މަނަދޫން ފައްސިވި މީހުންގެ ފަރާތުން އެއްވެސް އަލާމާތެއް އަދިވެސް ނުފެނޭ. ﷲގެ ރަހްމަތްފުޅުން އެންމެންވެސް ގަދަވެހެޔޮޙާލުގައި ތިބީ. ޢަލްޙަމްދު ލިއްލާހި