ރާއްޖެއިން ކޮވިޑް-19 އާއި ދެކޮޅަށް ކުރާ މަސައްކަތުގައި ފްރަންޓުލައިންގައި ހަރަކާތްތެރިވާ މީހުންގެ ތެރެއިން 239 މީހަކު މިހާތަނަށް ފައްސިވެފައިވާ ކަމަށް އައިޖީއެމްއެޗުގެ ޑޮކްޓަރު އިބްރާހީމް އަފްޒަލް ވިދާޅުވެއްޖެއެވެ.

ފްރަންޓުލައިންގައި މަސައްކަތް ކުރާ މީހުންގެ ތެރެއިން މިހާތަނަށް އެންމެ ގިނަ މީހުން ފައްސިވެފައިވާ ދުވަހަކީ މިމަހުގެ 8ވަނަ ދުވަހުއެވެ. އެދުވަހު 51 މީހަކު ވަނީ ފައްސިވެފައެވެ. ދެވަނަ އަށް އެންމެ ގިނަ މީހުން ފައްސިވެފައިވާ ދުވަހަކީ މިދިޔަ މަހުގެ 29ވަނަ ދުވަހުއެވެ. އެދުވަހު 22 މީހަކު ފައްސިވިއެވެ.

މި މަހުގެ އިތުރު ތަފާސް ހިސާބުތަކަށް ބަލާއިރު މި މަހުގެ 9ވަނަ ދުވަހު 19 މީހަކު ވަނީ ފައްސިވެފައެވެ. މިދިޔަ ބުދަ ދުވަހު 16 މީހަކު ފައްސިވިއިރު މިދިޔަ ބުރާސްފަތި ދުވަހާއި މިއަދާއި އެކު ކޮންމެ ދުވަހަކު 12 މީހަކު ކޮވިޑް-19 އަށް ވަނީ ފައްސިވެފައެވެ. ފްރަންޓުލައިންގައި މަސައްކަތް ކުރާ މީހުންގެ ގޮތުގައި ފައްސިވި މީހުންނަކީ ހަމައެކަނި ސަލާމާތީ ހިދުމަތްތަކާއި ނުވަތަ ސިއްހީ ހިދުމަތްތެރިން އެކަނި ނޫން ކަމަށާއި ގޭސްފުޅި ފަދަ ތަކެތި ޑެލިވަރީ ކުރާ މީހުންވެސް ފްރަންޓުލައިންގެ ބައިގައި ހިމަނާފައިވާނެ ކަމަށް ޑރ. އަފްޒަލް ވިދާޅުވިއެވެ.

ފްރަންޓުލައިންގައި މަސައްކަތް ކުރާ މީހުންގެ ތެރެއިން އެންމެ ގިނައިން ފައްސިވެފައި ވަނީ ސިފައިންނެވެ. އެގޮތުން މިހާތަނަށް ލިބިފައިވާ މައުލޫމާތުތަކަށް އެނގޭ ގޮތުގައި ކޮވިޑް-19 އަށް ފައްސިވި ސިފައިންގެ އަދަދު 40 އަށްވުރެ މައްޗަށް އަރާނެ ކަމަށް އެމްއެންޑީއެފް އިން ވަނީ ބުނެފައެވެ. މިހާތަނަށް ފުލުހުންގެ ތެރެއިން 23 ފުލުހަކު މި ބައްޔަށް ފައްސިވެފައިވާ ކަމަށް ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދު ވަނީ ވިދާޅުވެފައެވެ.

މިއަދުވެސް ރާއްޖެއިން އިތުރު 58 މީހަކު ކޮވިޑް-19 އަށް ފައްސިވެފައެވެ. ފައްސިވީ 58 މީހުންގެ ތެރޭގައި ހިމެނެނީ 18 ދިވެއްސަކާއި ބަންގްލަދޭޝް އަށް ނިސްބަތްވާ 39 މީހަކާއި އިންޑިއާ މީހެއް ކަމަށެވެ.

މިރޭ އިތުރު ގިނަ އަދަދެއްގެ ބަޔަކު ރާއްޖެއިން ކޮވިޑް-19 އަށް ފައްސިވުމާއެކު، ރާއްޖެއިން މި ބަލި ޖެހުނު މީހުންގެ ޖުމްލަ އަދަދު ވަނީ 1274 އަށް އަރާފައެވެ.

ރާއްޖެ އިން ކޮވިޑް-19 އަށް ފައްސިވެފައިވާ ގިނަ މީހުންނަކީ ބިދޭސީންނެވެ. މިހާތަނަށް ރާއްޖެ އިން ކޮވިޑް-19 އަށް ފައްސިވީ މީހުންގެ ތެރޭގައި 452 ދިވެއްސަކު ހިމެނެއެވެ. އަދި މި ބަލި ރާއްޖެއިން ޖެހުނު މީހުންގެ ތެރެއިން 822 މީހުންނަކީ ބިދޭސީންނެވެ.

ރާއްޖެއިން މި ބައްޔަށް ފައްސިވި މީހުންގެ ތެރެއިން 109 މީހަކު ވަނީ ރަނގަޅުވެފައެވެ. އަދި މިހާތަނަށް މި ބަލީގައި ހަތަރު މީހަކު ނިޔާވެފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ބަރުފް

    58މީހުނަށް ޖެހުނޭ ބުނުން ފިޔަވައި އެހެން ކަމެއް ސާފެއްނުވޭ... އެމީހުންގެ ތެރެއިން ބަލިޖެހުނު މީހުންނަކީ ކަރަންޓީންގައި ތިބި މީހުންތޯ ނުނީ ރެންޑަމް ސާމްޕަލްތޯ ސާފުވާންޖެހޭ...

  2. ނިކަމެތި ދިވެހި ރައްޔިތުމީހާ / ފަޤީރު ކޮއެ

    ލާދީނި ސަރުކާރު، ދިވެހިންނަށް ކޮވިޑް - 19 ޖެއްސި ސަރުކާރު، ރައްޔިތުންގެ މާލިއްޔާ ދިރުވާލި ސަރުކާރު ބޮޑުތަނުން ފެއިލް ވެއްޖެ. ބޮޑު ދެގެރި ތަޅަނީ. އަވަހަށް އިސްތިއުފާ ދޭންވީ ވަގުތު މިއީ.

  3. ޢަބްދުލްޤާދިރު މުބާރިކް ޖީލާނީ

    ނިކަމެތި ދިވެހި ރައްޔިތުން މަރުވާން ދޫކޮށްލެވިފައި. ރައްޔިތުން ބިކަވެ މަގުމަތިވަނީ. ބަނޑުފުރާނަ މުއްތި ނުކުރެވޭ. ކުރިއަށް އޮތީ ރައްޔިތުން އިތުރަށް ނިކަމެތިވާނެ ދުވަސްތަކެއް މިސަރުކާރުގެ ނާޤާބިލްކަމާއި ފޭރުމާއި ވައްކަމުގެ ސަބަބުން.