މާލޭގައި ކޮވިޑް-19 އަށް ޓެސްޓު ކުރެވޭ ކެޕޭސިޓީ އިތުރުކޮށް، އަތޮޅުންތަކުން މި ބައްޔަށް ޓެސްޓު ކުރަން ފެށުމަށް ތައްޔާރުވަމުން އަންނަ ކަމަށް ހެލްތު މިނިސްޓަރ، އަބްދުﷲ އަމީން ވިދާޅުވެއްޖެ އެވެ.

މިރޭ ޕީއެސްއެމް ނިއުސް ގައި މިނިސްޓަރ އަމީން ވިދާޅުވީ، މިހާރުގެ ހާލަތަށް ބަލާއިރު ދުވާލެއްގެ މައްޗަށް ޓެސްޓު ކުރެވޭ ކެޕޭސިޓީ އިތުރުކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށާއި، އެގޮތުން މާލެއިން ދުވާލަކު އެއްހާސް ޓެސްޓް ހެދޭނެ ގޮތް ޤާއިމްކޮށް، އަތޮޅުތަކުން ޓެސްޓް ކުރަން ފެށުމުގެ ތައްޔާރީތައް ވަމުން އަންނަ ކަމަށެވެ.

މިނިސްޓަރ އަމީން ވިދާޅުވީ، މިހާރު ވެސް އައިޖީއެމްއެޗް ގައި ދުވާލަކަށް 600 ޓެސްޓް ހެދޭވަރުގެ ކެޕޭސިޓީއެއް ހުރި ކަމަށެވެ. އަދި އެ ކެޕޭސިޓީ މިމަހުގެ ތެރޭގައި އެއްހާހަށް އިތުރުކޮށް، އަތޮޅުތެރޭގައި މިމަހުގެ ނިޔަލަށް ކޮވިޑް-19 އަށް ޓެސްޓް ކުރެވޭނެ އިންތިޒާމް ހަމަޖެހިގެންދާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

"މިމަހުގެ ނިޔަލަށް އައި.ޖީ.އެމް.އެޗްގެ ކެޕޭސިޓީ 1000 އަކަށް އިތުރު ކުރުމަށް މަސައްކަތް ކުރަމުންމިދަނީ. މިމަހުގެ ނިޔަލަށް ނުވަތަ ޖޫންމަހުގެ ފުރަތަމަ ހަފްތާ ތެރޭގައި ޑަބްލިއު.އެޗް.އޯ މެދުވެރިކޮށް އަޅުގަނޑުމެންނަށް ޖީންއެކްސްޕާޓް ކާޓްރިޖްތައް ރާއްޖެއަށް އައުމާއެކީގައި އަތޮޅު ތެރޭގައި ޓެސްޓްކުރުން ފެށިގެންދާނެ. މީގެއިތުރުން ޕީ.ސީ.އާރް މެޝިންތައް ބޭނުންކޮށްގެންވެސް އަތޮޅުތަކުގައި ޓެސްޓްކުރުމުގެ އިންތިޒާމްތައް އެބަ ހަމަޖެއްސޭ. ދަނީ ހަމަޖައްސަމުން" މިނިސްޓަރ އަމީން ޕީއެސްއެމް ގައި ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ، ރާއްޖޭގައި ކޮވިޑް-19 ފެތުރެން ފެށިއިރާއި އަޅާބަލާއިރު، މިހާރު ޓެސްޓިން ކެޕޭސިޓީ ވަރަށް ބޮޑުތަނުން އިތުރުކުރެވިފައި ވާކަމަށެވެ. އެގޮތުން މި ބަލީގެ ވޭދަނަތައް ފެންމަތިވާ މިންވަރަށް ބަލައި، ޓެސްޓް ކުރުމުގެ ކަންކަން ވަރަށް ބޮޑަށް ފުޅާކުރެވިގެން ގޮސްފައިވާ ކަމަށް މިނިސްޓަރ އަމީން ވިދާޅުވިއެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިހާތަނަށް ރާއްޖެއިން ކޮވިޑް-19 ޖެހުނު މީހުންގެ ޖުމްލަ އަދަދު 1274 އަށް އަރައެވެ. މި ބަލި ޖެހުނު މީހުންގެ ތެރެއިން މިހާތަނަށް 109 މީހަކު ރަނގަޅުވެފައި ވާއިރު، މިހާރު ފަރުވާދެމުން ދަނީ 1159 މީހަކަށެވެ. އަދި ބަލީގައި ރާއްޖެއިން މިހާތަނަށް ހަތަރު މީހަކު ނިޔާވެފައި ވެއެވެ.

މިހާތަނަށް ރާއްޖެއިން ކޮވިޑް-19 އަށް ފައްސިވެފައި ވަނީ 452 ދިވެއްސަކާއި 822 ބިދޭސީއެކެވެ. އަދި ބަލީގެ އެންމެ ގިނަ ވޭދަނަތައް ފެންމަތިވެފައިވަނީ ވެރިކަންކުރާ މާލެ އިންނެވެ.

ފަހުގެ މަޢުލޫމާތުތަކަށް ބަލާއިރު، ކަރަންޓީނު ފެސިލިޓީތަކުގައި ޖުމްލަ 1556 މީހަކު އަދި އަދި އައިސޮލޭޝަންގައި 1027 މީހަކު އެބަތިއްބެވެ. ރާއްޖެއިން އެންމެ ފުރަތަމަ ކޮވިޑް-19 ގެ ވޭދަނައެއް ފެންމަތިވެފައި ވަނީ މިދިޔަ މާރިޗު މަހުގެ 23 ވަނަ ދުވަހުއެވެ. މާލެއިން މި ބަލި ފެނި، މުޖުތަމަޢުގެ ތެރޭގައި ބަލީގެ ނުރައްކާ ބޮޑުވެފައި ވަނީ އޭޕްރިލް މަހުގެ 15 ވަނަ ދުވަހުއެވެ.