ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ބައެއް ހިސާބުތަކަށް ވަރަށް ބޮޑަށް މޫސުން ގޯސްވެ، ހުދު ސަމާލު ނެރެފިއެވެ.

މޫސުމާއި ބެހޭ ޤައުމީ އިދާރާ، މޯލްޑިވްސް މީޓިއޮލޮޖިކަލް ސެންޓަރުން މި ސަމާލު ނެރެފައި ވަނީ ރާއްޖޭގެ އެންމެ ދެކުނުގައި އޮންނަ ގއ. އަތޮޅާއި ގދ. އަތޮޅާއި ފުވައްމުލައް ސިޓީ އާއި އައްޑޫ ސިޓީއަށެވެ. މި އަތޮޅުތަކަށް ހުދު ސަމާލު ނެރެފައި ވަނީ މިރޭ 2:00 އިން ފެށިގެން ހެނދުނު 6:00 އާއި ހަމައަށެވެ.

މި ސަމާލު ނެރެފައިވާކަން ހާމަކޮށް މޫސުމާއި ބެހޭ އިދާރާއިން ވިދާޅުވީ، ސަމާލު ނެރެފައިވާ ވަގުތުގައި މި ސަރަޙައްދުތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 50 މޭލަށް ވައިގަދަވުންވެސް އެކަށީގެންވާ ކަމަށް އެ އިދާރާއިން ވިދާޅުވިއެވެ.

ރާއްޖޭގެ މޫސުން ކުރިޔަށް ލަފާކުރާގޮތް ހާމަކޮށް މޫސުމާއި ބެހޭ އިދާރާއިން ވިދާޅުވީ، ރާއްޖޭގެ އެކިހިސާބަށް ވިއްސާރަކުރާނެ ކަމަށާއި ދެކުނާއި މެދުތެރޭގެ ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހުން އެކަށީގެންވާ ކަމަށެވެ.

"ހުޅަނގާއި ހުޅަނގުއުތުރުން، ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ. ވިލާގަނޑުގައި ގަޑިއަކު 45 މޭލާއި 55 މޭލާ ދެމެދުގެ ބާރުމިނަކަށް ވައިގަދަވުން އެކަށީގެންވޭ." މޫސުމާއި ބެހޭ އިދާރާއިން ވިދާޅުވިއެވެ.

އެ އިދާރާއިން އިތުރަށް ވިދާޅުވީ، ރާއްޖޭގެ ކަނޑުތައް ގަދަވާނެ ކަމަށާއި، ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ބައެއް ރަށްތަކަށް އުދައިގެ އަސަރު ކުރުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.

ކުރިޔަށް އޮތް ވަގުތުތަކުގައި ކަނޑުގަދަވެ މޫސުން ގޯސްވާނެ ކަމަށް ލަފާކުރެވިފައިވާތީ، އާންމުކޮށް ހުރިހާ ފަރާތްތަކުން ވެސް މޫސުމަށް ވަރަށްބޮޑަށް ސަމާލުވުމަށް މޫސުމާއި ބެހޭ އިދާރާއިން އިލްތިމާސްކުރެއެވެ.