ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމާއި ގުޅިފައިވާ ކޮންމެ ކަމަކާއިވެސް ކުރިމަތިލުމަށް ދިވެހި ސިފައިން ތިބޭނީ ތައްޔާރަށް ކަމަށް، ޗީފް އޮފް ޑިފެންސް ފޯސް، މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލް ވިދާޅުވެއްޖެ އެވެ.

ޝަމާލް މިގޮތަށް ވިދާޅުވެފައި ވަނީ ރާއްޖެއަށް މޫސުން ގޯސްވެފައިވާ މި ދުވަސްވަރު ސިފައިން ކުރަމުންދާ ހިތްވަރުގަދަ މަސައްކަތްތައް ހާމަވާ ފޮޓޯތަކެއް އާންމު ކުރައްވާ، މިރޭ ކުރެއްވި ޓްވީޓެއްގައެވެ.

އެ ޓްވީޓުގައި ޝަމާލް ވިދާޅުވީ، ވިއްސާރަވެ މޫސުން ގޯސްވީނަމަވެސް ކަނޑުމަތީގެ ހާދިސާތަކުގައި ރައްޔިތުންނަށް އެހީތެރިވުމާއިއެކު އަދި މިހާރު ރާއްޖޭގައި ފެތުރެމުންދާ ނުރައްކާތެރި ކޮވިޑް-19 ގެ ހާލަތުގައި ޤައުމީ ޚިދުމަތުގައި، ވާން ޖެހުނު ކޮންމެ ގުރުބާނީއަކަށް ސިފައިން ތިބޭނީ އަބަދުވެސް ތައްޔާރުވެފައި ކަމަށެވެ.

ޝަމާލް ވިދާޅުވީ، ދިވެހި ރައްޔިތުންގެ ރައްކާތެރި ކަމާއި ގުޅުންހުރި ކަންކަމުގައި ކިތަންމެ ދަތި އުނދަގޫ ހާލަތްތަކާއި ކުރިމަތިވީ ނަމަވެސް ސިފައިންގެ އިޚްލާސްތެރި ޚިދުމަތަށް ބަދަލެއް ނާންނާނެ ކަމަށެވެ.

ސިފައިން ކުރައްވާ ޚިދުމަތަށް ޝަމާލް ތައުރީފުކުރައްވާފައި ވާއިރު، ރާއްޖެއަށް މިވަގުތު ކުރިމަތިވެފައިވާ ކޮވިޑް-19 ގެ ބަލިމަޑުކަމާއި ގުޅިގެން އެންމެ އިސް ސަފުގައި ހަރަކާތްތެރިވެ މަސައްކަތްކުރާ އެއް ބަޔަކީވެސް ދިވެހި ސިފައިންނެވެ. އަދި ހުޅަނގު މޫސުން މި ދުވަސްވަރު ރާއްޖެއަށް ކުރިމަތިވެ، ކަނޑުމަތީގައި ހިނގާ ނުރައްކާތެރި ހާދިސާތަކުގައި ވެސް ސިފައިން އަންނަނީ ޖެހިލުމެއް ނެތި ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދެމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ނަން

    ކައުގެން ކުޅެން ތައްޔާރަށް ހުންނަ ބައެއް ތި ސިފައިންނާއި ފުލުހުންނަކީ.

  2. ވަތަން

    ޝުކުރިއްޔާ ވަތަން އެދިގޮވަނީ ތިފަދަ ހިތްވަރުގަދަ ދަރީން ތަކަކަށް ނަމަވެސް ހިތާމަޔަކީވެރިން ބުނެފިއްޔާ ޤާނޫނަށް ބެލުމެއް ނެތި އެކަމެއް ކުރާތީ ވެރިން ބުނެފިއްޔާ ކޮންމެކަމެއް ވެސް އޯކޭ!

  3. ސޫފި

    ދިވެހި ސިފައިން ނަށްޓަކާ ފަހުރުވެރިވަން. ޢެކަމަކު ދިވެހި ފުލުހުން އެހިސާބަށްދާން އަދި 50 އަހަރުނަގާނެ. ފުރަޔަމަ ކަމަކީ ފުލުހުންގެ އަހުލާގު ދަސްކުރުން ދެން ޕްރޮފެޝަނަލްވާން ދަސްކުރުން

  4. އޮޑިވެރިޔާ

    ސިފައިންގެ ހިތްވަރާއި ތައްޔާރު ފެނިގެން ގޮއްސި މިދިޔަ ހަފްތާގައި ވެސްޓު ޕާރކައި ދިމާލަށް އިންޖީނު ހުއްޓިގެން ސީވޯލައި އެކު ދޯނި ޖަހާ ޖަހާ ފުޑުފުޑުވެގެން ދިޔައިރު. ގައިމު 2 ގަޑިއިރު ވޭތުވެގެން ދިޔައިރުވެސް ސިފައިން ގެ ހިލަމެއް ނުވޭ. ސިފައިން އައިއިރު ދޯނި ފުޑުފުޑުވެ ނިމިއްޖެ.

    4
    1