ބެލެވޭ ގޮތުގައި އެއީ މީގެ ދެ ތިން ދުވަހެއް ވަރު ކުރިން، ރާއްޖޭގެ އެކި ހިސާބުތަކަށް މޫސުން ގޯސްވެ، ވަރަށް ބޮޑަށް ވައިގަދަވެފައިވާ ވަގުތެއްގައި ނަގާފައިވާ ވީޑިއޯއެކެވެ. އުޑުމަތި ބަނަކޮށްފައި އޮތް އިރު، ރަށުގެ ފަޅުތެރެ އިންތިހާ އަށް ގަދައެވެ. ރާޅަކަށް ފަހު، ރާޅެއް ދިޔައީ ފެންނަމުންނެވެ. ފަޅުތެރޭގައި އަޅާފައި އޮތް ލޯންޗުތަކާއި ދޯނިފަހަރު އެތަނުގައި އޮތުމަށްވީ ވަރަށް ބޮޑު ދައްޗަކަށެވެ. އެ ރާޅުތަކާ "ކުރިމަތިލާން" ނުކުންނަން ކެރުނު އެއް ބަޔަކީ މޯލްޑިވިއަން ސީޕްލޭންގައި މަސައްކަތް ކުރަމުން އަންނަ ޕައިލެޓުންތަކެކެވެ.

މިފަހަރު މިއީ މޯލްޑިވިއަންގެ ސީޕްލޭނެއް ގަދަ ވަޔާއި ބޮޑެތި ރާޅުތަކުގެ ތެރޭގައި ނައްޓާލަން އުޅެ، އަނެއްކާ ގޮސް ޖައްސާ ބިރުވެރި މަންޒަރެކެވެ. މި ސީޕްލޭނަކީ ކޮވިޑް-19 އާ ގުޅުން ހުރި މީހުން އެއް ތަނުން އަނެއް ތަނަށް އުފުލުމުގައި އުޅުނު ސީޕްލޭންއެކެވެ.

އެގޮތުން އެ ސީޕްލޭންއަކީ ރެޕިޑް ރެސްޕޮންސް ޓީމް ބަލައި އިރުފުށި ރިސޯޓަށް ފުރައިގެން ދާން އުޅުނު އިރު ނަގާފައިވާ ވީޑިއޯއެކެވެ. އެކަމަކު، ފުރަތަމަ ފަހަރު ސީޕްލޭން ނައްޓާލަން މަސައްކަތް ކުރުމާ އެކީގައި އެކަމަށް ހުރަސް އެޅީ ގަދަ ވަޔާއި ރާޅުތަކެވެ.

މޯލްޑިވިއަންގެ ސީޕްލޭން ކެޕްޓަން އަހުމަދު ޔާސިރު އިއްޔެ ޓްވީޓްކުރި ވީޑިއޯ އިން ފެންނަނީ ގަދަ ރާޅާއި ވައިގެ ތެރޭގައި ބޯޓު ޖައްސަން އުޅުމުން ބޯޓު ވަރަށް ބޮޑަށް އަރިއަޅާލި މަންޒަރެވެ. އެކަމަކު، ޕައިލެޓުންގެ ބުރަ މަސައްކަތުން އެ ބޯޓުގެ ކޮންޓްރޯލް ގެއްލިފައެއް ނުވެއެވެ.

ޓުވީޓާގައި އާންމު ކުރި ވީޑިއޯ މިހާތަނަށް 17،000 އަށް ވުރެ ގިނަ ފަހަރު ބަލާފައިވެއެވެ. އަދި އެ ޓުވީޓަށް 1،000 އަށް ވުރެ ގިނަ ލައިކްސް އާއި 300 އަށް ވުރެ ގިނަ ރީޓުވީޓު ވަނީ ލިބިފައެވެ.

ޔާސިރު ވަނީ ސީޕްލޭން ދުއްވާ މީހުންނަކީ "ބޮއްކުރާ ޕައިލެޓުން" ކަމަށް ބުނެ ދަށްކޮށްލާ ކަމަށް ޓުވީޓުގައި ބުނެފައެވެ. އަދި އެމީހުން ކުރަން ޖެހޭ ތަޖުރިބާ ބައެއް މީހުންނަށް ހިޔާލަށް ވެސް ނުގެނެވޭނެ ކަމަށް އޭނާ ބުންޏެވެ.

"ބައެއް ފަހަރު އަހަރެމެން ކުރަންޖެހޭ ތަޖުރިބާ ބައެއް މީހުންނަށް ހިޔާލަށް ވެސް ނުގެނެވޭނެ. ސީޕްލޭން ޕައިލެޓެކޭ ބުނަން ފަހުރުވެރިވަން،" ޔާސިރު ބުންޏެވެ.

ސީޕްލޭން ޖެއްސި މަންޒަރު ފެނުމާ ގުޅިގެން އެތައް ބަޔަކު ވަނީ ޕައިލެޓުންނަށް ތައުރީފްކޮށްފައެވެ.

ދަނގެތި ދާއިރާގެ މެމްބަރު އަދި ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް ވިދާޅުވީ ދިވެހި ޕައިލެޓުންނަށް ސެލިއުޓް ކުރައްވާ ކަމަށާއި އެ މީހުން ގައުމަށްޓަކައި އެ ކުރަނީ ވަރަށް މުހިންމު ހިދުމަތެއް ކަމަށެވެ.

މަޖީދު ނަމަގައި ޓުވިޓާގައި ހިޔާލު ފާޅުކުރި މީހަކު ވަނީ ގައުމީ ހިދުމަތުގައި ކުރާ ބުރަ އަދި ބޮޑު ޖިހާދަށް ޝުކުރު އަދާކުރާ ކަމަށެވެ. ޓުވިޓާގައި ހިޔާލު ފާޅުކުރި ގިނަ މީހުން ވަނީ ވީޑިއޯ ފެނިފައި ވަރަށް ބޮޑަށް ބިރުގެންފައިވާ ކަމަށް ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

 1. އަލީ

  ހާދައޭ ބިރުވެރިވީ ނުވެސް ނިދުނު

  8
  4
 2. ނޤދިޔާ

  ކޮބާ ވީޑިއޯ ވީޑިއީ ފެނުނީމަ އެއްނު މަމެންނަށް ތިޔަކްން އިހްސާސްކޮށްލަން ވެސް އެނގޭނީ

  5
  3
 3. ބިގްލްސް

  އޯލް އިން އަ ޑޭސް ވަރކް. ދެން ޓެކްސީ ޑްރައިވަރުން ބުރިޖްމަތީ ދުއްވާ ގޮތުގެ ފޮޓޯ އެއް ލާފައި އެމީހުންނަށް ތައުރީފު ކުރަން ފަށަންވީ. މީހުން އެއްތަނުން އަނެއްތަނަށް ގެންދަން ކުރާ ބުރަ އަވަސް ހިދުމަތައްޓަކާ. މިޒަމާނަކީ އެކަކު އަނެކަކު ހައްދާ ތައުރީފުކޮށް މޮޅު ވާހަކަ ދައްކަންޖެހޭ ޒަމާން. ހަޤީޤަތުގައި މާބޮޑަށް ކުޑައިރު ޕްރެއިޒް ކުރުމުގެ ސިޔާސަތެއް ގައުމުގައި އަށަގަންނުވީމާ ޒިންމާ ނުނަގާ އަބަދު އަބަދު ޕްރެއިޒް ކުރަންޖެހެއޭ ހިތަށް އަރަނީ. ހަޑްސަން ރިވަރ އަށް ޖެއްސި ޕައިލެޓް އެކުރީ ކުޅަދާނަކަމެއް.

 4. Anonymous

  އެކަމަކު، ޕައިލެޓުންގެ ބުރަ މަސައްކަތުން އެ ބޯޓުގެ ކޮންޓްރޯލް ގެއްލިފައެއް ނުވެއެވެ.

  މިތަނުގަ ކޮންޓްރޯލް ގެއްލެން ދިމާވި ކަމަކީ ކޮބާ ކަމެއް ނުވިސްނު
  ރާޅުގަ ޖެހިފަ މައްޗަށް ހިއްލިފަ އަނެއްކާވެސް ތިރިވީ، އެ ހަމަ ނޯމަލް ކަމެއް، ކުޑަ ކުޑަ ވަގުތު ކޮޅެއް

 5. އަެބުނާހެން

  ރަންވޭ މައްޗަށް ޖެއްސިފުލައިޓު ވިނަގަނޑު މަތިން އަޅާފަގޮސް ތޮށިގަނޑުގަ ގިއަރު އަޅުވާފަ އުޑުތިލަމަތިން މޫދަށް ސޭފުލޭންޑިން ހެދިދުވަހުވެސް މިވަރުގެ ބިރެއްނުގަނޭ.

 6. ސޒ

  ކަނޑު ގަދަ ނޫނަސް ސީޕްލޭން ޖައްސާއިރު ތިޔަހެން ޖެއްސެނީ އަބަދުވެސް...

 7. އަދުނާން

  މޫދަށް ޖައްސާބޯޓް ދުއްވުމަކީ ތަފާތުކަމެއް އަދި މޫސުން ގޯސްވެއްޖެ ނަމަ ރިސްކް ބޮޑުކަމެއް. އެއްގަމަށް ޖައްސާބޯޓް ދުއްވާ ޕައިލެޓަކު އަލަށް އައިސް މޫދަށް ޖާބޯޓަކަށް އަރައި ޓޭކްއޮފް ކުރުމަށް ވޯޓަރ ރަންވޭއަށް އެލައިން ކޮށްގެން ބޯޓު ހޯލްޑް ކޮށްގެން ބައިންދާފިނަމަ މަ ލޮނުލީ އެއްޗެއްނުކާނަން..
  ޢެހެން މީހުންގެ ގަދަރު ކުޑަކޮށްލާނަމޭ ހިތާ ކުރެވޭ ކަމަކުން، ތިމާ އަކީ މުޖްތަމައަށް އަދި ރޯނުފިލާ މީހެއްކަން މުޖްތަމައު ތެެރޭ ހާމަވަނީ މަދުފަހަރަކު ނޫން.. ދެންވެސް ބަހެއް ބުނުމުގެ ކުރިން ވިސްނާލުން މުހިންމު

  2
  1