ރާއްޖެއަށް މިއަހަރުގެ މިހާތަނަށް ރެކޯޑު އަދަދަކަށް މާސްކު އެތެރެކޮށްފައިވާ ކަމަށް ކަސްޓަމްސްގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

މިއަހަރުގެ މިހާތަނަށް އެތެރެކޮށްފައިވާ މުދަލުގެ ތަފާސް ހިސާބުތަކުގެ ތެރެއިން ފޭސް މާސްކު ރާއްޖެއަށް މިއަހަރުގެ ތެރޭގައި އެތެރެކޮށްފައިވާ މިންވަރު ވަނީ ކުރީ އަހަރުތަކާ އަޅާ ބަލާއިރު އެތައް ގުނައަކަށް އިތުރުވެފައެވެ.

މިއަހަރުގެ ޖެނުއަރީ މަހުން ފެށިގެން މާޗް މަހުގެ ނިޔަލަށް ރާއްޖެއަށް ވަނީ 4.9 މިލިއަން މާސްކު އެތެރެކޮށްފައެވެ. މިއީ މިދިޔަ އަހަރު ރާއްޖެއަށް މި މުއްދަތުގެ ތެރޭގައި މާސްކު އެތެރެކޮށްފައިވާ މިންވަރާ އަޅާ ބަލާއިރު އިތުރު އަދަދެކެވެ. މިއަހަރު ރާއްޖެ އެތެރެ ކުރި މާސްކުގެ އަގު 17 މިލިއަނަށް އަރާއިރު މިދިޔަ އަހަރު ރާއްޖެއަށް އެތެރެކޮށްފައި ވަނީ ހަލައްކަ ރުފިޔާގެ މާސްކެވެ.

މި އަހަރުގެ މާޗް މަހުގެ ތެރޭގައި ވަނީ ކޮވިޑް-19 އާ ގުޅިގެން ފޭސް މާސްކާއި، ސެނިޓައިޒާގެ އިމްޕޯޓު ޑިއުޓީ ވެސް ކަނޑާލައިފައެވެ.

މިހާރު ފެތުރެމުން އަންނަ ކޮވިޑް-19 ވައިރަހާއި ގުޅިގެން، އެ ބަލިން ރައްކާތެރިވެ ތިބުމަށް ފޭސް މާސްކު އެޅުމަށް ކަމާބެހޭ އިދާރާތަކުން ދަނީ އިލްތިމާސް ކުރަމުންނެވެ. މި ބަލި ރާއްޖެއަށް ފެތުރިގެން ދިއުމުގެ ކުރިން ވަނީ މާސްކު ހުސްވެދާނެ ކަމުގެ ބިރު އޮތުމުން ވަކި މިންގަނޑެއްގެ ތެރެއިން ފޭސް މާސްކު ވިއްކަން ފަށައިފައެވެ.

މިދިޔަ އަހަރާއި އަޅާ ބަލާއިރު މިއަހަރުގެ މި މުއްދަތުގައި ރާއްޖެއަށް ބޭސް އެތެރެކުރި މިންވަރު ވެސް ވަނީ 14 އިންސައްތައް އަށް އިތުރުވެފައެވެ. ކޮވިޑް-19 އާއި ގުޅިގެން ހަމައެކަނި ބޭރުން ގެންނަ މާސްކު ބޭނުން ކުރުމުގެ އިތުރުން ގިނަ ބަޔަކު ދަނީ ރާއްޖޭގައި އުފައްދާ ފޮތި މާސްކު ވެސް ބޭނުން ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

 1. ކޮރަލް

  އާއްމުންނަށް ހިލޭ ނޫނީ ގަންނަން ވެސް ނުލިބެ އެވެ.

 2. ޒަބާދުކުޑޭ

  ކިތަންމެބައިވަރެއް އެތެރެކުރިއަސް ތިއަކުން އަހަރެންނަށްކުރި އެއްވެސް ފައިދާއެއްނެތް. ސަރުކާރުންވެސް އެންމެ މާސްކެއް ނަމަވެސް ރައްޔިތަކަށް ދީފައެއްނެތް. ޖެހެނީ ބޮޑުއަގުގައި ގަންނަން.

  12
 3. ޒަކަރިއްޔާ

  ތިޔަ ވިޔަފާރިތައް އޮތީ އިންޑިޔާ މީހުންގެ އަތުގައި. މިހާރު އަންގިވެސް ބޮކްސް ނުވިއްޔާ ބައިބަޔަށް ކޮތަޅަށް އަޅައިގެން -/5ރ އަށް އަންގިއެއް ވިއްކަނީ. މާސްކު ވެސް ފޮށި ނުވިއްކާ ވަކިން ވިއްކަނީ އެވެސް -/15 ރުފިޔާއަށް

 4. މުޅިގައުމުކަރައްޕުޓު

  އެތެރެކުރާ ކޮންމެ 100 މާސްކަކުން 25 މާސްކު ވަގަށްނަގާފަ ބާކީ ވެރިފަރާތަށް ލިބެނީ. ނެތޭ މިގައުމުގަ ވަގަކުނޫން ހަމައެކަކުވެސް.

 5. ތީނަ

  ތިޔައީ ކީއްކުރަން ރާއްޖެއެތެރެކުރި މާސްކުތަކެއްބާ ޢާއްމުންނަށް ގަންނަންވެސް ނުލިބެނީ ކީއްވެތަ؟ ރެކޯޑުހަދަން ތަކެތި އެތެރެ ކުރާނެކަމެއްްްނެތް